ނުބައި އެކުވެރިންނާ ދުރުހެލިވާން އަނބިމީހާ ބުނިނަމަވެސް ފިރިމީހާ ބުނި ނަމަވެސް އެއީ އަމިއްލަ ކަމެއް ކަމަށް ބުނެ ނިންމައިލުމަކީ ޢުމުރަށް ހިތާމަކުރަން ޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނުބައި އެކުވެރިންނާ ދުރުހެލިވާން އަނބިމީހާ ބުނިނަމަވެސް ފިރިމީހާ ބުނި ނަމަވެސް އެއީ އަމިއްލަ ކަމެއް ކަމަށް ބުނެ ނިންމައިލުމަކީ ޢުމުރަށް ހިތާމަކުރަން ޖެހިދާނެ ކަމެއް!

ކޮންމެ މީހަކަށްވެސް ނުރަނގަޅު ކަމެއް ކުރެވިދާނެއެވެ. އެކުގައި އުޅެން އެންމެ ނުރައްކައުތެރި މީހުންނަކީ ކުރެވޭ ނުރަނގަޅު ކަންކަން ވިސްނައިދިނުމުން އިޞްލާޙްނުކުރާ މީހުންނެވެ. އެމީހުން ކުރާ ނުބައި ޢަމަލުކުރުންމަތީގައި ދެމިތިބޭ މީހުންނެވެ. 

ބައެއް މީހުންނަށް ވިސްނެނީ އެފަދަ މީހުންނާއިއެކު އުޅުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. އޭނާ ފަދަ މީހަކަށް ނުވެ ތިމާއަށް ރަނގަޅަށް އުޅެވިދާނެ ކަމަށެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް ނަގަން ހެޔޮވާނެ ރިސްކެއް ނޫނެވެ. އެރިސްކް ނަގައިފިނަމަ އެމީހާގެ ސިފަތައް ތިބާއަށް ވާރުތަކުރުން އޮންނާނީ ވަރަށް ގާތުގައެވެ. 

އަހުރެން މިރޭ ފާހަގަކުރަން ބޭނުންވަނީ އެމީހެއްގެ ބައިވެރިޔާއަށް ބޭވަފާތެރިވާ މީހުންގެ ވާހަކައެވެ. އަނިޔާވެރިވާ މީހުންގެ ވާހަކައެވެ. ރަޙުމް ނުކުރާ މީހުންގެ ވާހަކައެވެ. އެފަދަ ކަންކަން ކުރާ މީހަކާއި ގުޅިގެން އުޅޭނަމަ މަޑުމަޑުން އައިސް ނަމަވެސް ހަމަ އެސިފަތައް ތިބާގެ ކިބައިގައިވެސް ހަރުލާނެއެވެ. އޭނާފަދަ މީހަކަށް ވެވޭނެއެވެ. 

އިންސާނާގެ ދިރިއުޅުމުގެ ނުވަތަ ދުނިޔަވީ ހަޔާތުގެ ޙަޤީޤީ ކާމިޔާބީ ގުޅިފައިވަނީ ޒަވާޖީ ޙަޔާތް އުފާވެރިވެ ކާމިޔާބުވުމާއިއެވެ. އެކަމުގެ އުފަލާއި ހިތްހަމަޖެހުން ލިބުމާއިއެވެ. އެނިޢުމަތް ނުލިބޭ މީހާއަށް އަބަދުވެސް ހުންނަންޖެހޭނީ ހާސްވުމާއި ކަންބޮޑުވުންމަތީގައެވެ. 

އެކުގައި ގެންގުޅޭނެ އެކުވެރިން ލިބިދާނެއެވެ. ނަމަވެސް ރަނގަޅު ބައިވެރިއަކު ލިބުމަކީ އެހައިފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. ރަނގަޅު ނޫން މީހުން ގިނަކަމުންނެވެ. ވީމާ އެންމެ މުހިންމު ކަމަކީ ބައިވެރިޔާއާއިއެކު އުފަލުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. 

ފިރިމީހާ ނަމަވެސް އަނބިމީހާ ނަމަވެސް ބައިވެރިޔާގެ އެކުވެރިންގެ ތެރޭގައި ތިބޭ ނުރަނގަޅު މީހުންނާއި ދުރުހެލިވާން ބުނެފިނަމަ އެނަޞޭޙަތް ޤަބޫލުކުރާށެވެ. އެއީ ތިމާގެ އަމިއްލަ ކަމެއް ކަމަށް ބުނެ ނުބައި މީހުންނާއި ދުރުހެލިނުވެ ނުހުންނާށެވެ! ނޫންނަމަ ދިރިއުޅުން ފޭލްވެ ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ!

 

 

މިއަދު އޮންލައިން