ރީތި، ތަނަވަސް، ހެޔޮލަފާ ބައިވެރިއަކު ލިބުމުން ބޮޑާވާނަމަ އެނިޢުމަތް ގެއްލިގެން ދިއުން ގާތްވާނެ! އެއީ އުފާވެރި ދިރުއުޅުމެއް އުޅެވޭނެކަން ޔަޤީންވާ ކަމެއްވެސް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރީތި، ތަނަވަސް، ހެޔޮލަފާ ބައިވެރިއަކު ލިބުމުން ބޮޑާވާނަމަ އެނިޢުމަތް ގެއްލިގެން ދިއުން ގާތްވާނެ! އެއީ އުފާވެރި ދިރުއުޅުމެއް އުޅެވޭނެކަން ޔަޤީންވާ ކަމެއްވެސް ނޫން!

އެކުވެރިންނަށް ލިބުނު ބައިވެރިންނަށްވުރެ ރީތި، ތަނަވަސް، ހެޔޮލަފާ ބައިވެރިއަކު ލިބުމުން އެކަމަށް ފަޚުރުވެރިވެ ބޮޑާވެވޭ މީހުން ތިބެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ﷲ ތަޢާލާ ނިޢުމަތެއް ނުވަތަ ކިތަންމެ ގިނަ ނިޢުމަތްތަކެއް ދެއްވެވިނަމަވެސް ބޮޑާނުވާށެވެ. ކިބުރުވެރި ނުވާށެވެ! ނޫންނަމަ އެނިޢުމަތް ގެއްލިގެން ދިއުން ގާތްވާނެއެވެ.

ތިމާ އެދޭފަދަ ބައިވެރިން ލިބެނީ ތިމާގެ މޮޅުކަމާއި ކުޅަދާނަކަމުން ކަމަސް ނުދެކޭށެވެ! އެއީ އެއްވެސް މީހެއްގެ މޮޅުކަމަކުން ޙާޞިލުކުރެވޭ ކަމެއް ނޫނެވެ. އެއީ އެމީހެއްގެ މޮޅުކަމުން ޙާޞިލުކުރެވޭ ކަމެއް ނަމަ އެންމެ ތަނަވަސް މީހުންނާއި އެންމެ ބާރާއި ނުފޫޒު ގަދަ މީހުންނަށް އެމީހުން ޙާޞިލުކުރަން ބޭނުންވި ބައިވެރިޔާ ނުލިބިގެން އުޅޭކަށް ނުޖެހުނީއެވެ.

ކޮންމެ މީހަކަށްވެސް ބައިވެރިން ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ތިމާ ބޭނުންވާ ފަދަ ބައިވެރިއަކު ދެއްވަވައިފިނަމަ ޝުކުރުވެރިވާށެވެ! ﷲ ތަޢާލާއަށް ޙަމްދުކުރުން ގިނަކުރާށެވެ! އެކަމަށް އެއްވެސް ވަރަކަށް ބޮޑާވެ ފަޚުރުވެރި ނުވާށެވެ!

އަދި އެއްވާހަކަ ބުނެލާނަމެވެ. ކިތަންމެ ރީތި، ކިތަންމެ ތަނަވަސް ބައިވެރިއަކު ލިބުމަކީވެސް އުފާވެރިކަން ޔަޤީންކުރެވެން އޮތް ސަބަބެއް ނޫނެވެ. ކައިވެނީގެ މުއްދަތު ނުއެނގޭނެތީއެވެ. އަދި ކައިވެނިމަތީގައި ތިބިނަމަވެސް އުފަލުގައި އުޅެވޭނެ ކަމުގެ ޔަޤީންކަންވެސް ނެތުމުންނެވެ.

ބޮޑާކަމާއި ކިބުރުވެރިކަމަކީ އިންސާނުންގެ ހަލާކެވެ. އެސިފަ ޛައްރެއްގެ މިންވަރަށް ހުރިނަމަވެސް އެމީހަކު ސުވަރުގެ ނުވައްދަވާނެކަމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ. އަދި ކީއްހެޔެވެ؟ އެއީ ދިރިއުޅުމުގެ ބަރަކާތް ނެތިގެންދާ ކަމެއްވެސްމެއެވެ.

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

 

 

 

 

މިއަދު އޮންލައިން