ﷲ ތަޢާލާ އަހަރެމެން ދުނިޔޭގައި ލައްވަވާފައިވަނީ ކޮންމެ ކަމެއް ޙާޞިލުކުރަންވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދަންނަވަން ޖެހޭ ގޮތަށެވެ. ދުޢާކުރަން ޖެހޭ ގޮތަށެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުން ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ލަސްވެގެންދެއެވެ.
މިފަދަ މީހުންނަށް އޮތީ މާބޮޑު އުފާވެރިކަމެކެވެ. އެހެނީ މީހަކު ދުޢާއެއްކޮށްފިނަމަ އެ ދުޢާ އެމީހެއްގެ ނަމާއި ދިމާގައި ﷲ ތަޢާލާ ލިޔުއްވަވަތެވެ. މިޒަމާނުގެ ބަހުރުވައިން ބުނާނަމަ ރަޖިސްޓްރީކުރައްވަވަތެވެ. ކިތަންމެ ގިނައިން ކިތަންމެ ގިނަ ކަންކަމަށް އެދި ދޫޢާކުރިނަމަވެސްމެއެވެ.
އެއިން އެއްވެސް ދުޢާއެއް ދުނިޔޭގައި (އެމީހަކު ދުނިޔޭގައި ހުއްޓައި) ﷲ ތަޢާލާ ޢިޖާބަ ނުކުރައްވައިފިނަމަވެސް މާޔޫސްނުވެ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާނުލައި ދުޢާކުރުންމަތީގައި ހުރެއްޖެ ނަމަ ޤިޔާމަތް ދުވަހު އެކަމުގެ ސަބަބުން އެމީހާ ސުވަރުގެ ވައްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
އަހަރެމެން ކަންކަމު އެދުނު ނަމަވެސް އެކަމެއް ހިންމަވައި ދެއްވެވުމުން އެމީހަކަށް ފައިދާކުރާނެކަން ނުވަތަ ލިބޭނީ ގެއްލުންކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ ދުޢާ ޢިޖާބަ ނުކުރައްވަވައި ލަސްވަމުން އަންނަނަމަ އެއީ އެމީހަކަށް ލައްވަވާ ރަޙްމަތެކެވެ. އެކަން ޔަޤީންކޮށްގެން ކުރިއަށްދާށެވެ! މި ބަޔާންކުރީ އެއިރުން ދެއްވަވާނެ މަތިވެރި ނިޢްމަތުގެ ވާހަކައެވެ. މިއަށްވުރެ ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟
ކަން އޮތީ މިފަދައިން ނަމަވެސް އަބަދުވެސް އެންމެ ގިނަ ބައަކު ކަންބޮޑުވެގެން ކުރާ އެއް ޝަކުވާއަކީ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ކުރާ ޝަކުވާއެވެ. ތިމާ އުޅެނީ މިހައި ރަނގަޅަށް ކަމާއި އެހެންކަމާއިއެކުވެސް ދުޢާކުރާތާ މިހައި ގިނަދުވްސްވީއިރުވެސް ޢިޖާބަ ނުކުރައްވަވާ ކަމުގެ ޝަކުވާއެވެ. އެހެންވެ މިވާހަކަ ދެއްކުން ގިނަކުރަންޖެހެނީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން