ޤައުމަށް ދިމާވާ ކޮންމެ މުހިންމު ހާލަތެއްގައި ދިވެހީންނަކީ އެއް ޢާއިލާއެއްގެ ބަދަހިކަން ދައްކާ ރައްޔިތުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހީންނަކީ ޤައުމަށް ދިމާވާ ކޮންމެ މުހިންމު ހާލަތެއްގައި އެއް ޢާއިލާއެއްގެ ބަދަހިކަން ދައްކާ، އުޚްވަތްތެރި، އެކުވެރި، އޯގާތެރި، ހެޔޮލަފާ ރައްޔިތުންތަކެއްކަމަށެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޤައުމަށް ދިމާވާ ދަތިތަކުން އަރައިގަނެ، ޤައުމީ ތަރައްޤީގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އެއްބައިވަންތަކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިކަންކަން ޙާސިލުކުރުމަށް ޤައުމީ ރޫޙެއްގައި މަސައްކަތްކުރުންވެސް ވަރަށް މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ މުޖުތަމަޢުގެ ދުޅަހެޔޮކަން ބިނާވަނީ އެއްބައިވަންތަކަމާއި ބަދަހި ގުޅުންތަކުގެ މައްޗަށްކަމަށެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާއިން ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދިވެހިންކުރި މަސައްކަތާއި، ދައްކުވައިދިން އަޚްވަންތަކަން ފާހަގަކުރުމަށެވެ.