ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިންނަށް ތުހުމަތުކުރެވޭ ސީރިއަސް ގިނަ މައްސަލަތަކެއް ބަލަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. މި މައްސަލަތަކުގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
މި ހާމަކުރުން އައިސްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އަދި ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލާފައިވާ ދަނޑިވަޅެއްގައެވެ. މި ދެ ފަރާތުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ޤާއިމްކޮށްފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެއްގައެވެ.
މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޚައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.