ދިރިއުޅުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ތިބާގެ ދިރިއުޅުމުގެ ކޮންޓްރޯލް އެންމެ ގާތް އެކުވެރިއަކަށްވެސް ނުދިނުމެވެ. މާނައަކީ އެންމެ ގާތް އެކުވެރިންނަމަވެސް އެމީހުން ބުނާހައި ކަމެއް ބުނާހައި ގޮތަކަށް ނުކުރުމެވެ. ތިމާ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމަކަސް ތިމާ ވިސްނައި އެއީ ކުރަން ރަނގަޅު ކަމެއް ކަމަށް ޤަބޫލުކުރެވޭނަމައެވެ.
ކިތަންމެ ގާތް އެކުވެރިއަކު ލަފައެއް ދިން ނަމަވެސް ވިސްނާނުލައި އެކަން ބަލައިނުގަންނާށެވެ. އެކަމަކަށް ފުންކޮށް ވިސްނާށެވެ. އެކަން ކުރުމުން ތިމާއަށް ކުރާނީ ފައިދާކަން ޔަޤީންކުރާށެވެ.
ޒަވާޖީ ޙަޔާތެއްގައި ދިރިއުޅޭނަމަ މިބުނި ކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެކަމަށް ނުވިސްނުމެވެ. އެކުވެރިން ބުނުމުން ވަރިކުރަނީއެވެ. ވަރިވަނީއެވެ. މިހެދުނީ ބޮޑު ގޯހެއްކަން ވިސްނެނީ ކައިވެނި ރޫޅި އެކަނިވެރިވާ ފަހުންނެވެ. އެއިރު އޮންނަނީ ވަޤުތު ފާއިތުވެފައެވެ.
ހަމަ އެއާއިއެކު ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގެ ސަބަބުން ހިތަށް ލިބޭ ލިބޭ ނުތަނަވަސްކަން ތިބާގެ މައްޗަށް ބާރުހިންގިއަ ނުދޭށެވެ. ބުއްދީގެ ބޭނުންކުރަން އިސްކަންދޭށެވެ. އެކަން ކުރެވޭނީ ކެތްތެރިވެވޭ މީހަކަށެވެ. ތެޅިފޮޅި ގަނެގެން ކުރެވޭ ކަންކަމުގެ ރަހަ ހިތިވުމަކީ ގިނަބައަކަށް އަބަދުވެސް ކުރަންޖެހޭ އެންމެ ހިތި ތަޖުރިބާއެވެ.
އަދިވެސް އެއްވާހަކަ ބުނެލާނަމެވެ! އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމާއިރު އެންމެ ގާތް އެކުވެރިޔާއަށްވެސް އިތުބާރުނުކުރާށެވެ! އޭނާ ހުރީ ތިބާގެ ދިރިއުޅުމަށް ޙަސަދަވެރިވެގެން ނޫންކަން ޔަޤީންނުކުރެވޭނެތީއެވެ. ތިބާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން ތައްޔާރަށް ކަމަށްވެދާނެތީއެވެ.
ވީމާ ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް އިތުބާރުކުރަންވާނީ ވަކިވަރަކަށެވެ. އިންތަކުގެ ތެރެއިންނެވެ. ނޫންނަމަ ފަހުން ކަރުނައަޅަން ޖެހުން އޮންނާނީ ދާދި ގާތުގައެވެ!
- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ބަސްފުޅަކުން