ޙަޔާތުގެ ބައިވެރިޔާއަށް ދޮގާ މަކަރު ނުހަދާށެވެ! އެކަމުން އޭނާއަށް ކުރާއަސަރަށާ ލިބޭ އަނިޔާއަށްވެސް ބަދަލުދޭންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ޙަޔާތުގެ ބައިވެރިޔާއަށް ދޮގާ މަކަރު ނުހަދާށެވެ! އެކަމުން އޭނާއަށް ކުރާއަސަރަށާ ލިބޭ އަނިޔާއަށްވެސް ބަދަލުދޭންޖެހޭނެ!

މުޅި މުޖުތަމަޢުއަށް ބެލިނަމަވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދޮގުބުނުމާއި މަކަރުހެދުން ޢާންމުވުމެވެ. މަކަރުހެދެނީ ދޮގުބުނާތީއެވެ. ދޮގުނުބުނާނަމަ މަކަރެއް ނުހެދޭނެއެވެ. މުޖުތަމަޢުގައި އިތުބާރުގެއްލެނީވެސް، ޢާއިލާތެރޭގައި ފިތުނަ އުފެދި މައްސަލަތައް ޖެހެނީވެސް އަދި ގިނަ ކައިވެނިތައް ރޫޅެމުން މިދަނީވެސް ހަމަ ދޮގުގެ ސަބަބުންނެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއީ ކުޑަފާފައެއް ކަމަށް ބަލައި އެއްވެސް ފާފައެއް ނުކުރާށެވެ! އެންމެ ކުޑަމިނުން އަނބިދަރިންނަށް ނަމަވެސް ދޮގުބުނުމަކީ ކުޑަފާފައެއް ނޫނެވެ. ޙަޔާތުގެ ބައިވެރިޔާއަށް ނަމަވެސް ބުނާ ދޮގުގެ ސަބަބުން އޭނާއަށް ކުރާ އަސަރަށާ ލިބޭ އަނިޔާއަށްވެސް ބަދަލުދޭންޖެހޭނެ ދުވަހާއި ބައްދަލުކުރަން ނުޖެހޭނެ އެކަކުވެސް ނުހުންނާނެއެވެ.  

އަދި ކީއްހެއްޔެވެ؟ ދަރިފުޅު ގޮވައިގެން ހަވީރު ޕާކަށްދާނެކަމަށް ބުނީމާ ދަރިފޅު ހުންނާނީ އެކަމަށް ތައްޔާރުވެގެންނެވެ. އެކަންކޮށްނުދީފިނަމަ އުފުލަންޖެހޭނީ ހަމައެކަނި ދޮގުހެދިކަމުގެ ފާފައެއް ނޫނެވެ. ދަރިފުޅު ކުރި އިންތިޒާރުވެސް ވެގެންދާނީ ހަމަ ފާފައަކަށެވެ. އަނބިމީހާއަށް ކަމެއްކޮށްދޭން ބުނެފައި އެކަންކޮށްނުދިނުންވެސް ވެގެންދާނީ ހަމަ ދޮގުހެދިކަމަކަށެވެ.  

ޙާލަތު ނިޔާކުރާ ގޮތަކުން ވަޢުދު ނުފުއްދޭނެ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނބިމީހާއަށް ކިޔައިދީ މާފަށް އެދެންޖެހޭނެއެވެ. އަދި އަނބިން ފިރިންނާއިމެދުވެސް ހަމަ މިމަގުން ޢަމަލުކުރަންޖެހޭނެއެވެ. ވީމާ ހަމައެކަކަށްވެސް ދޮގުތައް ހަދައި އޮޅުވާލުމުގައި ހުރި ނުބައިކަން ނިކަން ދެކިބަލާށެވެ! 

ވީމާ ވަކިމީހަކަށް ނޫނެވެ. ހަމައެއްވެސް މީހަކަށް ދޮގުހަދައި އެއްވެސް ކަމެއް އޮޅުވައިނުލާށެވެ! އެދޮގަކީ ތިބާގެ އަތުގައި ހިފައި ދަމައި ނަރަކައަށްވައްދުވާނެ އަމަލުކަމުގައިވެދާނެއެވެ! ދޮގުހެދުމަށް އާދަވެފައި ތިބޭ މީހުން ދުވާލަކަށް ކިތައް ދޮގު ހަދާނެ ހެއްޔެވެ؟ ދުނިޔޭގައި ޢަދަދު ނުއެނގުނަސް ޤިޔާމަތް ދުވަހުން އެފާފަތައް ބޮޑެތި ފަރުބަދަތައްވަރުގެ ފުނިފުނިވަރުގެ ގޮތުގައި ފެންނަން ހުންނާނެއެވެ.  

ނިކަންވިސްނައިލަބަލާށެވެ! ދޮގުހެދުން މިއަދު ދުނިޔެއަށް ޢާންމުވެފައިވާ މިންވަރުން އެއީ ކުރެވޭ ފާފައެއް ކަމަށް ޤަބޫލުކުރާ މީހުންވެސް އިންތިހާއަށް މަދުވެއްޖެކަމަށް ބުނެވޭ ހާލަތަށް ދޮގުހެދުން މިވަނީ ޢާންމުވެފައެވެ.  

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ސިޔާސީ މަޤާމަކަށް ދެވިއްޖެނަމަ ތެދުހަދައިގެން ނުވާނެ ކަމަށާއި ހަދަން ޖެހޭނީ ހުސް ދޮގުކަމަށެވެ. އެމީހުންގެ ކުރިމަތީގައި ދޮގުހެދުމާއި މީސްތަކުންނަށް އޮޅުވައިލުމަކީ ފާފައެއް ނޫނެވެ. އެއީ ސިޔާސީ މަޤާމުގައި ހުރުމަށް ކުރަންޖެހޭ ކަންކަމެވެ. އެމީހުންގެ މި ނުބައި ވިސްނުން ޤަބޫލުކޮށް އެމީހުންގެ ފަސްބައިގައި އެލިގެން އުޅޭ މީހުންނަކީވެސް ދޮގުހަދަން ޖެހިލުންވާ ބައެއް ނޫނެވެ.  

ޖާހިލުކަން ހައްދުފަހަނައަޅައިދިއުމުން ﷲ ތަޢާލާއަށް ބިރުވެތިވުން ނެތިގެންދާނެއެވެ. ވީމާ ބާރުހުރި މަޤާމުތައް ލިބުމުން ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ވަރަކަށް ބިރުވެރިކަމެއް ނުއޮންނަނީއެވެ. އެހާލަތަށް ދިއުމުން ދޮގުވެސް ހަދާނެއެވެ. ވައްކަންވެސްކުރާނެއެވެ. މީހުންވެސް މަރާނެއެވެ. ހުރިހާ ނުބައި އަމަލުތަކެއް ވެސް ކުރާނެއެވެ!  

ރައްޔިތުންގެ ވެރިކަން ލިބުމުން ނުވަތަ އެނޫންވެސް މަތީ މަޤާމެއް ލިބުމުން ދޮގުހެދުމަކީ ހުއްދަކަމެއް ކަމަށް ދެކޭ މީހުން ނިކަން ވިސްނައިލަބަލާށެވެ! ތިމާގެ ތުއްތު ދަރިފުޅަށް ދޮގުހެދުމަކީވެސް ފާފައަކަށްވާއިރު ބޮޑެތިހައި ދޮގުތައް ހަދާފައި "އެއީ ސިޔާސީ ވާހަކަ" ކަމަށް ބުނުމަކުން ނުފުދޭނެއެވެ! 

އިސްލާމް ދިނުގައި އޮތީ އެއް ޙުކުމެކެވެ. ޢަމަލުކުރަންޖެހޭނީ އެއް ގޮތަކަށެވެ. ޙަރާމްކުރައްވާފައިވާ ކަމެއްކުރަން ބޭނުންވުމުން އަމިއްލައަށް އެކަންކުރުން ހުއްދަކުރެވޭނެ އެއްވެސް މަގެއް އިސްލާމްދީނަކުނެތެވެ. ނަމަވެސް ކުރިން ބުނިފަދައިން ދޮގުބުނުން މިހާރު ޢާންމުވެފައި މިއޮތްމިންވަރުން އެއީ ކުރެވޭ ފާފައެއް ކަމަށްވެސް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.  

އެހެންމީހުން ދޮގުހަދާވާހަކަ ދައްކައި އެހެން މީހުންގެ ކުށް ހޯދުމަކީ ވަރަށް ގިނަ މީހުންނަށް ކުރެވޭ ކަމެކެވެ. އެގޮތުން މީހުންނަށް ކުރެވޭ ފާފަތަކުގެ މައުލޫމާތު ހޯދައި ޢާންމުކުރުމާއި ފަޟީޙަތްކުރުމަކީ ކުރަމުން އަންނަ ކަންކަމެވެ. އެންމެ ބޮޑު ހިތާމައަކީ އެއްވެސް މީހަކަށް އެމީހާއަށް އަމިއްލައަށް ކުރެވޭ ކުށްތަކާއިމެދު ވިސްނައި ނުލެވޭ ކަމެވެ. ސަލާމަތްކަން ލިބުން އޮތީ އަމިއްލަ ނަފްސާއިމެދު ވިސްނައިލެވުނުވަރަކުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން