ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބުލިބޭ މީހަކަށް ނުވުމަށް ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބުލިބޭ މީހަކަށް ނުވުމަށް ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

ނަރަކައިގެ އެންމެ ކުޑަ ޢަޛާބަކަށްވެސް ކެތެއް ނުކުރެވޭނެއެވެ. އެހެންކަމަށްވާއިރު އެންމެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާން ޖެހޭނެ މިންވަރަށް ވިސްނާށެވެ. އެއަސްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް ނެތެވެ. 

ނަރަކައިގެ އެންމެ އަޑީގައި އެންމެ ގަދަފަދަ ޢަޛާބު ލިބޭ މީހަކަށް ތިމާ ވެދާނެކަމަށްޓަކައި ބިރުވެތިވާން މިބުނަނީ އެއަށްވުރެ ބޮޑު ދެރައެއް ހަމައެކަކަށްވެސް ނުލިބޭނެތީއެވެ. އެޙާލަތުން ސަލާމަތްވުމަށްޓަކައި ސަމާލުކަންޖެހޭ ކަންކަން ވަރަށް ގިނައެވެ. 

އެގޮތުން ދުލުން ބުނާ ބަހާއި އެއްގޮތަށް ޢަމަލުކުރާމީހަކަށްވުމާއި ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިކަން އިސްކުރާ މީހަކަށްވުމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ. 

ނަރަކައިގައި 7 ވަތްގަނޑު ވެއެވެ. އެންމެ ގަދަފަދަ ޢަޛާބުގައި ތިބޭނީ އެންމެ ދަށު ވަތްގަނޑުގައި ތިބޭނީ މުނާފިޤުންނެވެ. "ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ!" (އަންނިސާ: 145) 

ތިމާއަކީ ﷲ ތައާލާއަށް އީމާންވެގެން ހުރި މުއުމިނެއް ކަމުގައި ދުލުން ބުނި ނަމަވެސް އެބަހުގެ ތެދުކަން އަމަލުން ނުދައްކާނަމަ އެއީ މުނާފިޤުންގެ ސިފައެކެވެ. ވީމާ ދުލުން ބުނާ ބަހާއި އެއްގޮތަށް އަމަލުކުރަން މަސައްކަތްކުރާށެވެ! 

ދުލުން ބުނާ ބަހާއި ކުރާ ޢަމަލު ދިމާނުވުމަކީވެސް މުނާފިޤުންގެ ސިފައެއްކެވެ. އަމާނާތަށް ޚިޔާނާތްތެރިވުމާއި ވަޢުދު ނުފުއްދުމަކީވެސް މުނާފިޤުންގެ ސިފައެކެވެ. ތމާ ނަމާދުކުރާކަން އެހެން މީހުންނަށް ދައްކަން ނަމާދުކުރުމަކީވެސް މުނާފިޤުންގެ ސިފައެވެ. ތިމާކުރާ ނަމާދުގެ ފުރިހަމަކަން ދެއްކުމަށް ކަންކަން ކުރުމަކީވެސް މުނާފިޤުންގެ ސިފައެކެވެ.

 

- އިސްލާމީ ތިލަފަތގެ ދަރުސަކުން

 

 

މިއަދު އޮންލައިން