އެދިގެން މަސައްކަތްކުރަންވީ ފުރާނަ ހިއްޕަވާ މަލާއިކަތުން ގެންނަވާނެ ސުވަރުގޭގެ ފޭރާމާ ހުވަނދު ލިބޭނެ މީހަކަށްވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އެދިގެން މަސައްކަތްކުރަންވީ ފުރާނަ ހިއްޕަވާ މަލާއިކަތުން ގެންނަވާނެ ސުވަރުގޭގެ ފޭރާމާ ހުވަނދު ލިބޭނެ މީހަކަށްވާން!

ކިތަންމެ އަގުބޮޑު ފޭރާމެއްލީނަމަވެސް އެކަމުގެ ހިތްހަމަޖެހުން ލިބޭނީ ލައިގެން ހުރެވޭ ވަޤުތުގައެވެ. އެއީ ދާދި ކުޑަކުދަ ހިނދުކޮޅެކެވެ. އެމީހަކު މަރުވަންދެންނެވެ. އެހިސާބުން އެންމެ އަގުބޮޑު ހެދުން ލައިއުޅުނު މީހުންވެސް ކަފުން ކުރެވޭނީ އެންމެ އާދައިގެ ފޭރާމުންނެވެ. އަހުރެމެން އެދެންވީ ކަފުން ކުރާނެ މޮޅު ފޭރާމަކަށް ނޫނެވެ. އެދެންވީ ފޭރާން މިބުނެދެނީއެވެ.  

ރަނގަޅަށް އަޑުއަހާށެވެ! އަތުގައި ފައިސާހުރިނަމަ މިލިއަނުން ޑޮލަރު ޚަރަދުކޮށްފައިވެސް ހެދުން ހޯދިދާނެއެވެ! ނަމަވެސް އެއީ އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ. ދުނިޔެއަކީ މުއުމިނުންގެ ހުރަގެއެވެ. ހުރަގޭގައިލާ ހެދުންވާނީ ހުރަގޭގެ ޔުނިފޯމަށެވެ. އުޑުގައި އެ ހެދުމަށް އެއްވެސް މަޤާމެއް ނެތެވެ! 

އެކަމުގެ ދަލީލަކީ ހެޔޮލަފާ ޞާލިޙް އަޅުންގެ ފުރާނަ ހިއްޕަވައި ﷲ ތައާލާގެ ޙަޟްރަތަށް އުފުއްލަވަން ފައިބައިވަޑައިގަންނަވާ މަލާއިކަތުން އެމީހެއްގެ ފުރާން ފޭރާންކުރައްވަވައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުމަށްޓަކައި ސުވަރުގޭގެ ފޭރާންކޮޅުތައް ހިއްޕަވައިގެން ފައިބައި ވަޑައިގަންނަވާކަމެވެ. 

ފޭރާމަށްފަހު އަހަރެމެން އެންމެ ބޮޑު ޚަރަދެއްކުރާ އެއްކަމަކީ އަގުބޮޑު ސެންޓު ގަތުމެވެ. އެއިގައި އޮތީ ކޮންފައިދާއެއް ހެއްޔެވެ؟ އެމަލާއިކަތުން ފައިބައިވަޑައިގަންނަވަނީ ސުވަރުގޭގެ ހުވަނދުވެސް ހިއްޕަވައިގެންނެވެ.  

އެނގިގެން މިދަނީ ދުނިޔޭގައިލާ އަގުބޮޑު ފޭރާމާއި ޖަހާ އަގުބޮޑު ސެންޓުގެ އެއްވެސް ފައިދާއެއް އަގެއް ނެތްކަމެވެ. ކިތަންމެ ދެރަ، ބައު، ވީދިފައި ހުރި ފޭރާމެއްލައިގެން ދުނިޔޭގައި އުޅުނު ނަމަވެސް އެމީހަކީ ތަޤްވާވެރިއަކު ކަމުގައިވެވިއްޖެ ނަމަ، ޞާލިޙް ޢަމަލުތައްކުރި، ޞާލިޙް އަޅަކު ކަމުގައި ވެވިއްޖެނަމަ މަރުވުމުން އެމީހަކަށް ސުވަރުގޭގެ އަގުބޮޑު ފޭރާން ލިބިގެންދާނެއެކަމެވެ. އަދި ދުވަހަކު ސެންޓުކޮޅެއް ޖަހަން ނުލިބުނު މީހާގެ ފުރާނަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދާނީ ސުވަރުގޭގެ ހުވަނދުން ހުވަނދުލެވިގެންކަމެވެ.  

ވީމާ ދުނިޔޭގެ އަގުބޮޑު ފޭރާމާއި ހުވަނދު ހޯދަން ހޭދަކުރުމުގެ ބަދަލުގައި ސުވަރުގޭގެ މަތިވެރި ފޭރާމާއި ހުވަނދު ހޯދަން އިންވެސްޓްކުރާށެވެ! ތިމާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވަން ފައިބައި ވަޑައިގަންނަވާ މަލާއިކަތުން ސުވަރުގޭގެ ފޭރާމާއި ހުވަނދު ހިއްޕަވައިގެން ފައިބައިވަޑައިގަންނަވާނެ މީހަކަށް ވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ހުރަގޭގަ ލާ އަގުބޮޑު ފޭރާމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ސުވަރުގޭގެ ފޭރާމުން ފޭރާން ލެވިއްޖެ ނަމަ އެވަނީ ހުރިހާ ނަޞީބަކާއި ކާމިޔާބީއެއް ލިބި ނިމިފައެވެ.  

އަހަރެމެން ދުނިޔޭގައި އުޅޭއިރު މިއުޅެނީ ކިތަންމެ އަގުބޮޑު ފޭރާމެއް ލެވުނު ނަމަވެސް ހިތްހަނުޖެހެވިގެންނެވެ. ކިތަންމެ ރީތި ފޭރާމެއް ލެވުނު ނަމަވެސް ހިތްހަމައެއް ނުޖެހެވެއެވެ.  މަސައްކަތްކުރަނީ އެއަށްވުރެ އަގުބޮޑު ފޭރާމެއް ހޯދުމަށެވެ. ވީމާ މިދެއްކި ވާހަކަކޮޅުން ފައިދާކުރާނެކަމަށް އުންމީދުކުރަމެވެ.  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން