ބުއްދިވެރިން ބުނަނީ ތަނަވަސް މީހުންނާ އަދި ރީތި މީހުންނާ ކައިވެނިކުރާނަމަ އިތުރަށް ވިސްނާލަންޖެހޭނެ ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބުއްދިވެރިން ބުނަނީ ތަނަވަސް މީހުންނާ އަދި ރީތި މީހުންނާ ކައިވެނިކުރާނަމަ އިތުރަށް ވިސްނާލަންޖެހޭނެ ކަމަށް!

ހަޔާތަށް ބައިވެރިއަކު ހޯދާނަމަ ފިރިހެނުންވެސް އަދި އަންހެނުންވެސް އެންމެ ބޮޑަށް އިސްކަންދޭ ދެ ކަންތަކުގެ ތެރޭގައި ހިމެނެނީ ބައިވެރިޔާގެ ރީތިކަމާއި ތަނަވަސްކަމެވެ. އެކަން މިއަދު މިވަނީ ފެޝަނަކަށްހަދައިފައެވެ.  

ރީތި ނުވަތަ ތަނަވަސް މީހުންނާއި ކައިވެނި ނުކުރާކަށް ނުބުނަމެވެ. ނަމަވެސް ބުއްދިވެރިން ބުނަނީ އިތުރަށް ވިސްނައިލަން ޖެހޭނެ ކަމަށެވެ. ސަބަބަކީ އަތުގައި ފައިސާހުރިނަމަ އަދި ސިފަ ރީތިނަމަ އޭނާގެ ވަށައިގެން އަބަދުވެސް އެތައް ބައަކު އެނބުރޭނެތީއެވެ. ބައިވެރިޔާ މުހިންމު ނުވާނެތީއެވެ. ކައިވެނިކުރަން އެދިގެން އެތައް ބައަކު ކިޔޫގައި ތިބޭނެތީއެވެ.  

އެއާއި ޚިލާފަށް އެހެން މީހުން ބައިވެރިޔާއާއިމެދު ތަންކޮޅެއް ބޮޑަށް ވިސްނާނެއެވެ. ކައިވެނި ރޫޅިއްޖެނަމަ ދެވަނަ ކައިވެނިކުރަން ހުރަސްތަކެއް ކުރިމަތިވާނެ ކަމާއިމެދު ވިސްނާނެއެވެ. ވީމާ ކުރެވުނު ކައިވެނި ދަމަހައްޓަން ކުރާ މަސައްކަތް ބޮޑުވާނެއެވެ.  

މިހެން ބުނާއިރުވެސް ދިރިއުޅުމާއިމެދު ނުވިސްނައި ބޭނުން ގޮތަކަށް ކަންކަންކުރާ ބައަކު ހުރިހާ ފަންތިއެއްގައިވެސް ތިބޭނެކަންވެސް ޤަބޫލުކުރަންވާނެއެވެ. ބެދޭ މަޅިއަށް ނުވިސްނައި ކަންކަން ކުރާ ބައަކު އަބަދުވެސް އުޅޭނެއެވެ.  

އަހުރެން ބުނާނީ އެންމެ ތަނަވަސް މީހަކީ އެންމެ ގިނައިން އަޅުކަންކުރާ މޖީހާ ކަމަށާއި އެންމެ ރީތި މީހަކީ އެންމެ ތަޤްވާވެރި މީހާ ކަމަށް ބަލައިގެން ކައިވެނިކުރާނަމަ އުފާވެރި ދިރިއުޅުމަކަށް މަގުފަހިވުން ބޮޑުވާނެ ކަމަށެވެ. އެއީ އެމީހާ ﷲ ތަޢާލާއަށް ބިރުވެތިވާނެތީއެވެ. އަނެކާއަށް އަނިޔާވެރިވާން ބޭނުންނުވާނެތީއެވެ.  

އެފަދަ މީހަކާއި ކައިވެނިކުރިނަމަވެސް ކައިވެނި ނުރޫޅޭނެ ކަމަށް ބުނާކަށް ނެތީމެވެ. ފަހަރެއްގައި ކައިވެނި ރޫޅިވެސްދާނެއެވެ. ނަމަވެސް ޔަޤީން އެއްކަމެއް އެބަ އޮތެވެ. ތަޤްވާވެރިއަކު އޭނާގެ ބައިވެރިޔާއަށް އަނިޔާވެރިއެއް ނުވާނެއެވެ. ޢަދުލުވެރިވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން