ޢާއިޝަތު ރަފާޙް ޢަލީ
(( عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- : “اسْتَحْيُوا مِنْ اللَّهِ حَقَّ الْحَيَاءِ” قَالَ: قُلْنَا يَا رَسُولَ اللَّهِ إِنَّا نَسْتَحْيِي وَالْحَمْدُ لِلَّهِ قَالَ: “لَيْسَ ذَاكَ وَلَكِنَّ الِاسْتِحْيَاءَ مِنْ اللَّهِ حَقَّ الْحَيَاءِ أَنْ تَحْفَظَ الرَّأْسَ وَمَا وَعَى وَالْبَطْنَ وَمَا حَوَى وَلْتَذْكُرْ الْمَوْتَ وَالْبِلَى وَمَنْ أَرَادَ الْآخِرَةَ تَرَكَ زِينَةَ الدُّنْيَا فَمَنْ فَعَلَ ذَلِكَ فَقَدْ اسْتَحْيَا مِنْ اللَّهِ حَقَّ الْحَيَاءِ” )) رواه الترمزي
މާނައީ: ޢަބްދުﷲ ބުނު މަސްޢޫދު رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ” ތިޔަބައިމީހުން ލަދުވެތިވުން ޙައްޤުގޮތުގައި ﷲއަށް ލަދުވެތިވާށެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރެމެން ލަދުވެތިވަމެވެ. އަދި ﷲއަށް ޙަމްދުހުއްޓެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ” އެހެނަކުން ނޫނެވެ. އަދި އެހެނެއްކަމަކު ﷲ ތަޢަލާއަށް ޙައްޤުގޮތުގައި ލަދުވެތިވުމަކީ ތިބާގެ ބޮލާއި، ބޮލާއި ގުޅިފައަވާ ގުނަންތައް ރައްކާތެރި ކުރުމެވެ. އަދި ބަނޑާއި، ބަނޑާއި ގުޅިފައިވާ ގުނަންތައް ރައްކާތެރި ކުރުމެވެ. އަދި މަރާއި، ފަނާވެދިޔުން ހަނދާން ކުރުމެވެ. އަދި ޢާޚިރަތަށް އެދޭމީހާ ދުނިޔޭގެ ޒީނަތްތެރިން ދޫކޮށްލައެވެ. އަދި މިގޮތަށް ޢަމަލުކޮށްފިމީހާ ﷲ ތަޢާލާއަށް ލަދުވެތިވުން ޙައްޤުގޮތުގައި ލަދުވެތިވެއްޖެއެވެ."
ލަދުވެތިކަމަކީ މުސްލިމުންގެ ކިބައިކަން ހުންނަންވާނެ ސިފައެކެވެ. އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ.
ލަދުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، ޢިއްފަތްތެރިކަން އިސްކުރާނެއެވެ. އަދި އެފަދަ މީހާ އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތަކުން ދުރުހެލިވާނެއެވެ. މި ޙަދީޡްފުޅުގައިވެސް ﷲ ތަޢާލާއަށް ޙައްޤު ގޮތުގައި ލަދުވެތިވުމަކީ ބޮލާއި، ބޮލާއި ގުޅިފައިވާ ގުނަވަންތައް ރައްކާތެރި ކުރުމާއި، ބަނޑާއި، ބަނޑާއި ގުޅިފައިވާ ގުނަންތައް ރައްކާތެރި ކުރުމެވެ. އަދި މަރާއި، ފާނަވެދިޔުން ހަނދާން ކުރުމެވެ. އަދި ޢާޚިރަތަށް އެދޭމީހާ ދުނިޔޭގެ ޒީނަތްތެރިން ދޫކޮށްލުން ކަމެވެ. އެހެންކަމުން މިކަންކަމަށް ރައްކާތެރިވެ ޤިޔާމަތް ދުވަހުން ބާއްޖަވެރި މީހަކަށް ވެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ﷲ ތަޢާލާ ޤަޞަޞް ސޫރަތުގެ 25 އަދި 26 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَجَاءَتْهُ إِحْدَاهُمَا تَمْشِي عَلَى اسْتِحْيَاءٍ قَالَتْ إِنَّ أَبِي يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَاءَهُ وَقَصَّ عَلَيْهِ الْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ الْقَوْمِ الظَّالِمِينَ ﴿٢٥﴾ قَالَتْ إِحْدَاهُمَا يَا أَبَتِ اسْتَأْجِرْهُ ۖ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ ﴿٢٦﴾
މާނައީ: ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ. ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ. (25) އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ. (26)