ޚުޠުބާ: ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު ދެރަވެވެނީ ނަފްސުގެ ބަލިކަށިކަމުން! އެއީ މައްސަލައެއް ނޫން! މައްސަލައަކަށްވަނީ ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑާލެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 48ސ
ޚުޠުބާ: ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު ދެރަވެވެނީ ނަފްސުގެ ބަލިކަށިކަމުން! އެއީ މައްސަލައެއް ނޫން! މައްސަލައަކަށްވަނީ ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑާލެވުން!

އޭ މާތް ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އެކަލާނގެއަށް تقوىވެރިވާށެވެ! އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނާގައިވެއެވެ. " އަދި، ހަމަކަށަވަރުން، ﷲއަށް تقوى ވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ وصية ކުރައްވައި އެންގެވީމެވެ."[1] 

ލޮބުވެތި މުސްލިމުންނޭވެ! ދިރިއުޅުމުގެ ޙަޔާތަކީ ހިތްދަތިކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ޙަޔާތެކެވެ. ދަތި އުނދަގުލަށް ފަހު، ފަސޭހަކަން އަންނާނެކަން ކަށަވަރެވެ. ހިތާމަތަކަށް ފަހު، އުފާވެރިކަން އަންނާނެކަން ޔަޤީނެވެ. މިއީ މި ޙަޔާތުގެ ފިޠުރަތެވެ. މުއުމިން އިންސާނާއަށް ހުރިހައި ކަމެއްގައި ވެސް ވަނީ ހެޔޮކަމެވެ. އުފާވެރިކަމެއް މެދުވެރިވެއްޖެ ނަމަ، ޝުކުރުވެރިވެއެވެ. ހިތްދަތިކަމެއް މެދުވެރިވެއްޖެ ނަމަ ކެތްތެރިއެވެ. 

ލޮބުވެތި މުސްލިމު އަޚުންނޭވެ! ހިތްދަތިކަންކަމުން އަރައިގަތުމަށް މަސައްކަތްކުރާންވާނީ ޢަޒުމާއި ހިތްވަރާއެކުގައެވެ. ކިތައްމެ އަޤީދާ ވަރުގަދަ މީހަކުވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ޙާލަތެއް އަތުވެދާނެއެވެ. އެއީ މީހާގެ އަޤީދާގެ ބަލިކަށިކަމުން ވާ ކަމެއްނޫނެވެ. އެއީ، އިންސާނާގެ ނަފްސުގެ ބަލިކަށިކަމެވެ. އިންސާނާގެ ނަފްސު މާޔޫސްކަމުން ސަލާމަތްވުމުށްޓަކައި އަޤީދާގައި ސާބިތުވުމަކީ މުހިންމުކަމެކެވެ. މިގޮތުން ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ ޢަޒުމަކާއެކު ސަލާމަތުގެ އައްސޭރިއަށް ވާޞިލްވެވިދާނެއެވެ. 

މުސްލިމް އަޚުންނޭވެ! ދިރިއުޅުމުގައި ދިމާވާ ދަތިކަމަކަށްފަހު ލުޔެއް ލިބޭނެކަމުގެ އުއްމީދު ބައެއް މީހުން ކަނޑާލައެވެ. ނަމަވެސް އިންސާނާއާ އެކި ގޮތްގޮތުން ދިމާވާ މުޞީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲގެ އިރާދަފުޅުގައި ކަނޑައަޅުއްވައިފައި ވެއެވެ. އެހެނަސް ބައެއް މީހުންގެ މަސައްކަތަކަށް ވެފައި އޮންނަނީ، އެ ފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނާއުންމީދުގެ ބަސްތައް ތަކުރާރުކުރުމެވެމި ފަދަ ޝުޢޫރުތަކާއި ވާހަކަތައް ދެކެވެނީ އުއްމީދު ކެނޑި ދުނިޔެވީ ޙަޔާތުން މާޔޫސްވެފައި ވާތީއެވެ. އެހެންކަމުން، ސަބަބުތަކުގައި ހިފައި، ޙާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް އިންސާނާ ފަހަތަށް ޖެހެއެވެ. الله سبحانه وتعالى އިންސާނާ ސިފަކުރައްވައި ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ:" އަދި ތިމަންރަސްކަލާނގެ އިންސާނާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمةއަށް ދެކޮޅުހަދާ كافر އަކަށެވެ."  

ލޮބުވެތި މުސްލިމުންނޭވެ! ކީރިތި ޤުރްއާނުގައި މާޔޫސްވުމާއި އުއްމީދު ކެނޑުމާ މެދު އެތައް ބަސްފުޅެއް އައިސްފައިވެއެވެ. އެއީ އަޅާ އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވުން ކަމުގައި ވިޔަސް، ނުވަތަ ޤަޟާގަދަރާ ގުޅުން ހުރިކަމެއް ކަމުގައި ވިޔަސްމެއެވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން އީމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މާޔޫސްވުމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ ބާރެއްގެ ގޮތުންނެވެ. ކަންކަމުގައި ﷲ އާ ވަކީލުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. އަދި މާތް ﷲ ގެ ރަޙްމަތާ މެދު މާޔޫސްވުމަކީ މަގުފުރެދުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމުގައި  ސިފަކުރައްވައި އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ--- މާނައީ: "މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ رحمة އާމެދު، އުންމީދުކަނޑާލާނީ ފަހެ، ކާކުހެއްޔެވެ؟" އަހަރެމެންނަށް އެންމެ ހެޔޮކަންބޮޑު ގޮތް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަހަރެމެންނަށް އެކަން ނޭނގިދާނެއެވެ.  އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ----  މާނައީ: " އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެއަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެއަދި الله ހުރިހައި ކަމެއްމެ ދެނެވޮޑިގެންވެއެވެތިޔަބައިމީހުންނަކަށް ނޭނގެއެވެ."  

ލޮބުވެތި މުސްލިމުންނޭވެ! މުއުމިނުންނަކީ އެންމެ ބޮޑެތި މުޞީބާތުގެ ވަގުތުތަކުގައި ވެސް، މާތް  ގެ ރަޙްމަތާއި ލުޔަށް އުއްމީދުކުރާ، އެ މީހުންގެ ހިތްތައް ޔަޤީންކަމުން ފުރިފައިވާ ބައެކެވެއަދި މާތް ﷲގެ މަގުގައި ޘާބިތުވެ ހުންނަ މީހަކު މާޔޫސްވެގެން ނުވާނެއެވެއޭނާ ޢަމަލުކުރާނީ الله سبحانه وتعالىގެ މި ވަޙީބަސްފުޅާ އެއްގޮތަށެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެއެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެތިޔަބައިމީހުން  ގެ رحمةން އުންމީދު ކަނޑައިނުލާށެވެ!"  

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސްވުންތަކުން އަޅަމެން ރައްކާތެރިކޮށްދެއްވާނދޭވެ! އިބަރަސްކަލާނގެއީ ދަތިކަމަށްފަހު، ތަނަވަސްކަމަށް މަގުދައްކަވާ ރަސްކަލާނގެއެވެ.   

މާތް ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އެކަލާނގެއަށް تقوىވެރިވާށެވެ! އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ."[2]  

ލޮބުވެތި މުސްލިމުންނޭވެ! ހިތްދަތިކަމުގެ ޙާލަތުގައި ބައެއްފަހަރު ވަސްވާސްތަކާއި ވަހުމުތަކުގެ ޝިކާރައަކަށްވެ، އިންސާނާ ޝައިޠާނާގެ މަކަރުވެރިކަމުގެ ދަލުގައި ޖެހި، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓައިލައެވެ. މުސްލިމުންނާ ކުރިމަތިވާ ހިތާމައާއި ހިތްދަތިކަން ފިލުވުމަށް އެހީތެރިވާނެ ބައެއް ސަބަބުތަކަށް ބަލާއިރު، ދިމާވާ ކޮންމެ ކަމެއްގައި ވެސް  މާތް ﷲއާ ވަކީލުކުރުން ހިމެނެއެވެ. އެކަލާނގެ ނިންމެވުން ރައްދުކުރާނެ އަދި އެކަލާނގެ އިރާދަކުރައްވައިފައިވާ ގޮތް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އެކަލާނގެއީ އެކަލާނގެ ނިންމެވުންތަކުގައި އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ ފަރާތްތަކަށް އެކަލާނގެ ފަޟްލުވަންތަކަމުން ދެއްވައެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ފަރާތްތައް އިމްތިޙާނުކުރައްވަނީ ވެސް އެކަލާނގެ ޙިކުމަތްވަންތަކަމުންނެވެ. ހިތްތަކަށް ހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހެޔޮލަފާ މީހުންނާ އެކު އުޅުމާއި، އެމީހުންގެ ވާހަކަތައް އަޑުއަހައި، އެމީހުންގެ ނަސޭހަތްތަކުގެ ފައިދާހޯދުން ހިމެނެއެވެ. މިފަދަ މީހުންނާއެކު މަޖިލިސްކުރުމަކީ ރަޙްމާނުވަންތަ ﷲ ރުހިވޮޑިގަންނަވާ ކަމެކެވެ. އެހެންކަމުން އެފަދަ މީސްމީހުންގެ ނަސޭހަތުގެ މަޖިލިސްތަކުގައި ބައިވެރިވާށެވެ! އެމީހުންގެ ކިބައިން ނަސޭހަތަށް އެދޭށެވެ! އެކަނިވެރިކަމުން ސަލާމަތްވާށެވެ! ވަކީން ޚާއްޞަކޮށް ކަންތައްތައް އުނދަގޫވެގެންދާ ހިނދުގައެވެ. ހެޔޮލަފާ މީހުންނާ އެކުވެއުޅުމަށް ތިމާގެ ނަފުސަށް ބާރު އަޅާށެވެ.

 

މިއަދު އޮންލައިން