ހުކުރު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ދެފަރާތުން ހުސްޖާގަ ބަހައްޓައިގެން މިސްކިތުގައި އިންނެވިކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފި އެވެ.
ހުކުރު ނަމާދުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ދެފަރާތުން ހުސްޖާގަ ބަހައްޓައިގެން އިންނެވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ވީޑިއޯތައް ދައުރުވާން ފެށުމާ ގުޅިގެން، އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ މިކަން ސާފުކޮށްދެއްވާފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒު މިސްކިތުގެ ޖަމާއަތުގައި ހުސްޖާގަ ބެހެއްޓެވުމަށް ދުވަހަކުވެސް އަންގަވާފައި ނުވާ ކަމަށެވެ. އަދި ރައީސްގެ ދެފަރާތުގައި ފެންނަ ހުސްޖާގައަކީ މިސްކިތުގެ ބަންގި ގޮވާ ފަރާތާއި އިމާމުގެ ޖާގަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާއާ މެދު ދޮގު ވާހަކަތައް ފެތުރުމަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން.މެއް ނޫން. ރައީސް އަބަދުވެސް މިސްކިތަށް ވަޑައިގަންނަވަނީ އާންމު ރައްޔިތުންނާ އެކުގައި," މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މި ތުހުމަތުތަކާ ގުޅިގެން، މިނިސްޓަރު ޝަހީމް ވަނީ އެކި ދުވަސްމަތިން ރައީސް މިސްކިތަށް ވަޑައިގެން ޖަމާއަތުގައި ބައިވެރިވެވަޑައިގެން އިންނަވާ މަންޒަރު ފެންނަ ފޮޓޯތަކާއި، މިސްކިތު ތެރެއިން އާންމުންނާ ބައްދަލުކުރައްވާ ފޮޓޯތައް އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކޮންމެ ކަމެއް ސިޔާސީ ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މި މަންޒަރުތައް ދައުރުކުރުވަނީ ހަގީގަތާ ހިލާފު ވާހަކަ ފަތުރަން ކަމަށް ބުނެފައެވެ.