ކެންސަރު ޖެހި އެންމެ ނުރައްކާ ޙާލަތުގަވެސް ފަރުވާ ނުހޯދައި މައިންބަފައިންނަށް އެހީތެރިވުމުގަ ދެމިހުރި ޒުވާނެއްގެ ކެންސަރަށްވީގޮތް ޑޮކްޓަރުންނަށްވެސް ނޭނގި ބަލިން ސަލާމަތްވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 36ސ
ކެންސަރު ޖެހި އެންމެ ނުރައްކާ ޙާލަތުގަވެސް ފަރުވާ ނުހޯދައި މައިންބަފައިންނަށް އެހީތެރިވުމުގަ ދެމިހުރި ޒުވާނެއްގެ ކެންސަރަށްވީގޮތް ޑޮކްޓަރުންނަށްވެސް ނޭނގި ބަލިން ސަލާމަތްވި ގޮތުގެ ވާހަކަ-

ތިމާ ދަތިޙާލުގަ އުޅެމުންވެސް މައިންބަފައިންނަށް އެހީތެރިވެދޭނަމަ އެމީހަކަށް ރަނގަޅު ގޮތްތައް މެދުވެރިވާ ކަމުގެ ވާހަކަތައް އަޑުއަހަމެވެ. މިޒަމާނުގައިވެސް އެފަދަ ކަންކަން މެދުވެރިވޭތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ބުނެލަން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނީ ވަކި ޒަމާނެއްގައެއް ނޫނެވެ. އެއީ ވަކި ޒަމާނަކަށް ޚާއްޞަކަމެއް ނޫނެވެ. 

އެއްބަނޑު އެއްބަފާ އެތައް ކުދިން ތިބެވެސް އެހީތެރިނުވުމުން މައިންބަފައިންގެ ކަންކަން ބަލަހައްޓައިދީގެން އެހީތެރިވާން މަސައްކަތްކުރާ އެންމެ ދަރިފުޅަށް ހެޔޮ ގޮތް ގޮތްތައް މެދުވެރިވެ އުފާވެރި ދިރިއުޅުމެއް ލިބިފައިވާ އެތައް ހާދިސާތަކެއްގެ ވާހަކަތައް މިއަދުނޫހުގައި މިގެންދަނީ ޗާއިޢުކުރުމުންނެވެ. 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ޖަވާބަކަށް ފުދޭނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ 

އަހަރެމެންގެ ވިސްނުމަށް އައިސްގެންއުޅޭ ނުބައި ބަދަލުތަކުގެ ސަބަބުން މައިންބަފައިންނަށް ޚިދުމަތްކުރުމުގެ މުހިންމުކަން ނުވެސް ވިސްނޭ ޙާލަތަށް ކަންކަން ހިނގައްޖެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ހީވެސް ނުކުރެވޭހައި ގޮތްގޮތުން އެކަމުގެ ބަދަލު މިދުނިޔޭގައިވެސް ދެއްވަވާ ކަމެކެވެ. އެފަދަ ކަންކަން ކޮންމެ ދުވަހަކުވެސް އެތައް ހާސްބައަކު ތަޖުރިބާވެސް ކުރެއެވެ. ހިތާމައަކީ ޢިބްރަތް ޙާޞިލްނުކުރެވޭ ކަމެވެ. 

ދާދިފަހުން މިއަދުނޫހުގައި ވާނީ މައިމީހާގެ ފުރަމޭ ބަދަލުކުރަން އެޑްމިޓްކުރުމުން މަންމައަށް ރަޙްމަތް ލެއްވެވުން އެދި އޭނާގެ އަތުގައި ހުރި ހުރިހާ ގަހަނާތައް ފަޤީރަކަށް ޞަދަޤާތްކުރި ދަރިއަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ ގެނެސްދީފައެވެ. މިއަދު މިގެނެސްދެނީ ކެންސަރު ޖެހުމުން ވެސް އަމިއްލަ ފުރާނައަށް ކަންބޮޑުނުވެ މައިންބަފައިންނަށް ޚިދުމަތްކުރި ޒުވާނަކު ބޭހާ ނުލާ ރަނގަޅުވި ގޮތުގެ ވާހަކައެކެވެ. 

މިފަދަ ވާހަކަތައް ގެނެސްދެމުން މިގެންދަނީ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށާއި ސުވަރުގެ ވަނުމަށް އޮތް އެންމެ ފަސޭހަމަގުކަމުގައިވާތީ އެކަމަށް ކިޔުންތެރިންގެ ސަމާލުކަން އިތުރުކުރުވުމުގެ ގޮތުންނެވެ. 

ކެންސަރު ޖެހުމުން ވެސް އަމިއްލަ ފުރާނައަށް ކަންބޮޑުނުވެ މައިންބަފައިންނަށް ޚިދުމަތްކުރި ޒުވާނަކު ބޭހާ ނުލާ ރަނގަޅުވި ގޮތުގެ ވާހަކަ! 

މިއީ އުމުރުން 30 ވަރަކަށް އަހަރުގައި ކެންސަރު ޖެހުނު ޒުވާނެއްގެ ވާހަކައެވެ. އޭނާއަކީ އޭނާއަށް ލިބޭ ކުޑަކުޑަ މުސާރައިން މަންމަ އާއި ބައްޕަވެސް ބަލަހައްޓަމުން އައި ޒުވާނެކެވެ. ކެންސަރު ޖެހުމުން މައިންބަފައިންނަށް އެކަން އަންގައިފިނަމަ އެމީހުންނަށް ލިބޭނެ ދެރައާއި ވަޒީފާ ގެއްލުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ މައިންބަފައިން ބެލެހެއްޓޭނެ ގޮތެއް ވެސް ނެތުމުން އޭނާ ޤަޞްދުކުރީ އޭނާއަށް ބޭސް ނުކުރާށެވެ! ލިބޭ ފައިސާކޮޅު މައިންބަފައިންނަށް ހޭދަކުރާސެވެ! އަދި އޭނާގެ ބަލި މައިންބަފައިންނަށް ސިއްރުކުރާށެވެ! 

އިބްރާހީމް މުއްތުގެ ޢުމުރުން 30 އަހަރުގައި ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހެދުމަށްފަހު ބުނީ އޭނާގެ މެއަށް ކެންސަރު ޖެހިފައިވާ ކަމަށެވެ. އަދި ހުރީ 2 ވަނަ ސްޓޭޖަގައި ކަމަށާއި ވަރަށް އަވަހަށް ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށެވެ. 

ޑޮކްޓަރުން އެގޮތަށް ބުނި ނަމަވެސް ބޭސްކުރުމުގެ ކުޅަދާނަކަން އޭނާއަށް ލިބިފައެއް ނުވެއެވެ. މައިން ބަފައިންނަކީ ވަރަށް ނިކަމެތި ބައެކެވެ. މައިން ބަފައިން ބަލަހައްޓަނީ އޭނާއަށް ލިބޭ ކުޑަކުޑަ މުސާރައިންނެވެ. އެހެންކަމުން އަތުގައި އެއްވެސް ފައިސާއެއް ނެތުމާއިއެކު އޭނާގެ ބަލި އޭނާގެ މައިންބަފައިންނަށްވެސް ކުރީ ސިއްރެވެ.  

އެއީ އެފަދަ ބޮޑު ކަމެއް އޭނާއަށް ކުރިމަތިވެއްޖެކަން އެނގިއްޖެ ނަމަ އެމީހުން ކުރާނެ ހިތާމައިގެ ބޮޑުކަން އިޙްޞާޞް ކުރެވޭތީއެވެ. މީގެ އިތުރުން އޭނާ ވަޒީފާ އަދާކުރުން ހުއްޓުވާނެތީ އާއި އެފަދަ ހާލަތެއްގައި މައިންބަފައިންނަށް ކާންބޯން ދެވޭނެ ގޮތެއްވެސް ނުއޮންނާނެތީއެވެ. އޭނާ ނިންމީ ފަހު ނޭވާ އާއި ހަމައަށްވެސް މައިންބަފައިންނަށް ޚިދުމަތް ކުރުމުގައި ދެމިހުންނާށެވެ.  

އޭނާގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނީ ޑޮކްޓަރުން އެގޮތަށް ބުނިތާ 1 މަސް ދުވަސްވީއިރުވެސް އޭނާއަށް ބަލީގެ އެއްވެސް އަލާމާތެއް އިހްޞާޞް ނުކުރެވުމުންނެވެ. ވަރަށް އަވަހަށް ކަރުން ލޭ އަންނަން ފަށާނެ ކަމަށް ބުނެފައިވީނަމަވެސް ލޭ ވެސް ނުއަންނާތީއެވެ.  

އެހެންކަމުން އަނެއްކާވެސް ޑޮކްޓަރަށް ދެއްކިއެވެ. އެފަހަރު ޑޮކްޓަރުންނަށް އެނާ ފެނުމުން ލިބުނީ އިތުރު ހައިރާން ކަމެކެވެ. އެއީ ލިޔެދިން ބޭސްތައް ކާނަމަ އޭނާގެ ހަށިގަނޑަށް އަންނަން ޖެހޭ އެއްވެސް ބަދަލެއް އައިކަން ހަށިގަނޑުން ފެންނަން ނެތުމުންނެވެ. ގައިގެ ކުލަ ބަދަލުވާނެއިރު ގައިގެ ކުލައަށްވެސް އެއްވެސް ބަދަލެއް އައިސްފައި ނެތުމުންނެވެ. ހަށިގަނޑު ހިކިފައިވެސް ނުވުމުންނެވެ. އެކަމާއި ސުވާލުކުރުމުން އޭނާ ބުނީ ބޭސް ކަމުން ގެންދާ ކަމަށާއި ހަށިގަނޑުން ފާހަގަ ނުކުރެވުން އެއީ ﷲ ތަޢާލާގެ މިންވަރު ފުޅު ކަމަށެވެ.  

(އޭނާ ދޮގެއް ނުހަދައެވެ. އޭނާ އެބުނީ ޑޮކްޓަރުން ދިން ބޭހުގެ ތެރެއިން ބޭހުގެ ތެރެއިން އޭނާ ކޮންމެ ދުވަހަކު ކައިލާ މަލްޓިވިޓަމިން ގުޅަކަމުންގެންދާ ވާހަކައެވެ!)  

އެ ފަހަރުވެސް ޓެސްޓްތައް ހެދިއެވެ. ޓެސްޓްތައް ބެލުމަށްފަހު ޑޮކްޓަރުން ބުނީ އަނެއްކާވެސް 1 މަސް ފަހުން އަލުން ޓެސްޓްތައް ހެދުމަށެވެ. އަދި ޤަވާއިދުން ފަރުވާކުރަމުން ގެންދިއުމަށެވެ. އެގޮތަށް 6 މަސް ދުވަސްވަންދެން ކޮންމެ މަހަކު ޓެސްޓްތައް ހެދުމަށްފަހު ބުނީ މިހާރު މުޅިން ރަނގަޅުވެފައިވާ ކަމަށެވެ. 

އިބްރާހީމް މުއްތު އާއިމެދު ފާހަގަކުރެވުނު ކަންކަން:  

އޭނާގެ ހިތުގައި މައިންބަފައިންނަށް ޚިދުމަތްކުރުމަށް އޮތް މަތިވެރި ލޯތްބާއި ޝައުޤްވެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އަމިއްލަ ފުރާނަ ޤްރްބާން ކޮށްފައިވެސް މައިން ބަފައިންނަށް ޚިދުމަތްކުރަން ބޭނުންވެގެން ހުރި މިންވަރު ފާހަގަކުރެވެއެވެ. 

މީގެ އިތުރުން އޭނާއަކީ އުމުރުން 18 އަހަރުން ފެށިގެން ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލަކަށް ގޮސް ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އަދި އެކަނިވެރި ބަލިމީހުންނަށް ކަންކަން ކޮށްދިނުމުގައި އެހީތެރިވުމާއި ބައިންދާނެ އިތުރު އެހީތެރިއަކު ނެތިގެން ކަންކަން ނުކުރެވިފައި ތިބޭ ބަލިމީހުންގެ ގާތު މަޑުކޮށްދިނުމަކީ އޭނާ އެންމެ ކުރާ ހިތުން ކުރާ ކަންކަމެވެ.  

އޭނާއަށް ކެންސަރު ޖެހުނުކަން އެނގުމުން ވެސް ހޮސްޕިޓަލަށް ގޮސް އޭނާ ބަލިމީހުންނަށް ކޮށްދޭ ކަންކަން ކޮށްދިނެވެ. އޭނާއަށް ބައްޔެއް ޖެހިގެން އުޅޭކަން އޭނާގެ ޚިދުމަތަކުން ނުއަންގައެވެ.  

މިއީ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. މައިންބަފައިންނަށް އިސްކަންދީ ސަމާލުކަންދިނުމާއި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކަމުން ދިއަ ޒުވާނަކަށް މެދުވެރިވި ބޮޑު ޢަޖައިބެއް ފަދަ ކަމެއްގެ ވާހަކައެވެ. ސުވާލަކީ އެހެން މީހުންނަށާއި މައިންބަފައިންނަށް ޚިދުމަތް ކުރުމުގައި އިބްރާހީމް މުއްތު ދައްކާ ނަމޫނާ ކިތައް ޒުވާނުންނަށް ދެއްކޭބާވައެވެ! މައިންބަފައިންނަށް ޚިދުމަތްކުރުމުގެ މުހިންމުކަން އެންމެންނަށްވެސް އެނގެއެވެ. ކިތަންމެ ވަރަކަށް އެނގުނު ނަމަވެސް ޢަމަލުކުރެވެނީ މަދުމީހަކަށެވެ! 

މިއަދު އޮންލައިން