ޢާންމުކޮށް ބޭނުންކުރެވޭ ބުއިންތަކުގެ ތެރެއިން އެންމެ ކުޑަ ޚަރަދަކުން ބޭނުންކުރެވޭ ބުއިމުގެ ތެރޭގައި ސަޔާއި ކޮފީ ހިމެނެއެވެ. މިބުނަނީ އިންތިހާއަށް އަގު ބޮޑު ކެފޭތަކަށް ގޮސް ކުރަންޖެހޭ ބޮޑު ޚަރަދުގެ ވާހަކައެއް ނޫނެވެ. ގޭގައި އަމިއްލައަށް ތައްޔާރުކޮށްގެން ބުއިމުން ޚަރަދުކުޑަވާ ވާހަކައެވެ.
ރާއްޖޭގެ ބާޒާރުން މިވަޤުތު ސައިފަތް ލިބެންހުރި އަގަށް ބެލިނަމަވެސް ސައިތަށްޓެއް ބުއިމަށް އެންމެ ރުފިޔާއެއްވެސް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. ހަމަ އެއާއިއެކު ތައްޔާރުކުރަންވެސް އެހައިމެ ފަސޭހައެވެ. ހޫނުފެން ޖޯޑެއްގެ ތެރެއަށް ޓީބޭގެއް ވައްޓައިލުމުން އެއޮތީ ސައިތަށި ވަޤުތުން ތައްޔާރުކުރެވިފައެވެ.
އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު 4 ތަށި ކޮފީ ބުއިމަކީ ބޮލާއި ކަރަށްޖެހޭ ބައެއް ބާވަތުގެ ކެންސަރިޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. ދިރާސާކުރެވުނު މީހުންގެ ނިޞްބަތަށް ބަލާއިރު 17 އިންސައްތަ މީހުންގެ ނަތީޖާއިން އެކަންވަނީ ފެނިފައެވެ. އަދި ދުވާލަކު އެންމެ ސައިތަށްޓެއް ބޭނުންކުރާ މީހުންގެ ތެރެއިން 9 އިންސައްތަ މީހުންނަށްވެސް ރިސްކް ކުޑަވެގެންދެއެވެ. މި ޢަދަދުތަކަށް ބެލުމުން އެނގެނީ ސައިބޯ މީހުންނަށް ކުރާ ފައިދާ ބޮޑުކަމެވެ.
ދިރާސާތަކުން އެކަންކަން ވަނީ ފެނިފައެވެ. އިތުރު ހެކިތައް ހޯދަން މިހާރުވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ.
އަދި ހަމަ މިދިރާސާގައި ބުނެފައިވަނީ އެހެން ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮދުވާފަދައިން ބޮލާއި ކަރަށް ޖެހޭ ކެންސަރު ޖެހުމުގެ ނުރައްކާ އެންމެ ބޮޑުވާ އެއް ބައަކީ ދުންފަތުގެ އިސްތިޢްމާލްކުރާ މީހުންނާއި ބަނގުރާބޯ މީހުން ކަމެވެ.
ހަމަ އެއާއިއެކު ޖިންސީ ގުޅުން ހިންގުމުން އަރާ ބައްޔެއްކަމަށްވާ ހިޔުމަން ޕަޕިލޮންވައިރަސް (އެޗެޕީވީ) ޖެހުމަކީވެސް ބޮލާއި ކަރަށް ކެންސަރު ޖެހެން މެދުވެރިޥާ ސަބަބެއް ކަމަށްވެސް ދިޜާސާގައި ބުނެފައިވެއެވެ. އެހެންކަމުން މިބަލިޖެހުމުން ސަލާމަތްވެ ތިބުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަށްވެސް ދިރާސާގައި ވަނީ ބާރުއަޅައިފައެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
(ނިންމާލުން: ހަމަ ކޮންމެ ބައްޔަކަށްވެސް ފައިދާކުރަނީ ދީނުގައި ޙަލާލުތަކެތިންނެވެ. ޙަރާމް ތަކެއްޗާއި ޙަރާމް ކަންކަމުން ލިބެނީ ފުރާނައަށް ނުރައްކަލެވެ.)