އަޅުގަނޑުމެން 2 އެކުވެރިންނަކީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 5 އިން ފެށިގެން އެއްކުލާހެއްގައި ކިޔަވަމުން އައިސް އެކުގައި ގްރޭޑް 12 ވެސް ނިންމި ދެ ދަރިވަރުންނެވެ. ދެމީހުން އުޅުނީ ހަމަ ބެސްޓް ފްރެންޑުންގެ ގޮތުގައެވެ. ދެމީހުންގެ ސިއްރުތައްވެސް އަނެކަކަށް އަންގައިގެންނެވެ.
ފެންވަރުގެ ގޮތުން ދެ މީހުން ވަރަށް ތަފާތެވެ. އޭނާގެ މައިންބަފައިންނަކީ ތަނަވަސް ބައެކެވެ. އަޅުގަނޑުގެ މައިންބަފައިންނަކީ ފަޤީރުންނެވެ. ގްރޭޑް 12 ނިމުމުން މަތީ ތަޢްލީމް ޙާޞިލްކުރަން ދިއައީ މެލޭސިޔާގައެވެ. އަޅުގަނޑަށް ޖެހުނީ މާލޭގައި ވަޒީފާއަދާކުރަމުން ކިޔަވާށެވެ.
އެއިރު އަޅުގަނޑުގެ ލޯބިވެރިއަކު ހުރެއެވެ. އޭނާ ވަނީ އަޅުގަނޑުމެންނަށްވުރެ 2 އަހަރުކުރިން 12 ނިންމައި މަތީ ތަޢްލީމަށް މެލޭސިޔާއަށް ގޮހެވެ. އަޅުގަނޑުމެން ދެމީހުންގެ ގުޅުން އެކުވެރިޔާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ހުރިހާ ކަންކަން ވެސް ޙިއްޞާކުރަމުން އައިސްފައިވާތީއެވެ.
ކޮންމެއަކަސް އެކުވެރިޔާ މެލޭސިޔާއަށް ދިއަތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކުވެރިޔާއަށާއި ލޯބިވެރިޔާއަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. ދެމީހުންވެސް އަޅުގަނޑާއި ދުރުހެލިވާންފެށިއެވެ. އެކުވެރިންނަށް ނުބައި ހީތައް ނުކުރަން އޮތަސް އަޅުގަނޑަށް އެކަން ކުރެވެން ފެށިއެވެ. އެކަމަކުވެސް އެއްވެސް އެއްޗެއް ނުބުނަމެވެ.
އަހަރެއްހައިދުވަސްފަހުން އެދެމީހުންގެ ގުޅުން ދެމީހުންގެ ފޭސްބުކުން ފެންނަން ފަށައިފިއެވެ. ފެންނަން ފެށުމުންވެސް ކަމެއް ވެއްޖެކަންވެސް ނުއަންގައި މަޑުމަޑުން ހުރީއެވެ. ލޯބިވެރިޔާއަކީވެސް ތަނަވަސް ޢާއިލާއެއްގެ ދަރިއެކެވެ. އެކުވެރިޔާއަކީވެސް ތަނަވަސް ޢާއިލާއެއްގެ ދަރިއެކެވެ. ވީމާ އެއްފެންވަރުން ގުޅުނީކަމަށް ބަލައި އެހިސާބުން އެކަމަކަށް ނުވިސްނަމެވެ.
އެހިސާބުން މަސައްކަތް ފެށީ އެކަންކަން ހަނދާން ނައްތައިލުމަށެވެ. އެކަމަށް ދުވަސްކޮޅެއް ނެގިއެވެ. ލޯބިވެރިޔާ އާއި އެންމެ ގާތް އެކުވެރިޔާ އާއި ދެމީހުންނާ އެއްފަހަރާ ވަކިވާންޖެހުމުން ވަރަށް ދެރަވިއެވެ. އެކަން މަންމައަށް އެނގުމުން މަންމަބުނީ ބައިކޮޅަށް ގޯލުޖަހާ މީހުން ވަރަށް ގިނަވާނެކަމަށެވެ. ބައިކޮޅަށް ގޯލު ޖައްސުވަން ބޭނުންނަމަ މޮޅަށް ކުޅެ ޕްރެޝަރކޮށްލުމަށެވެ. ޕްރެޝަރު ބޮޑުވީމާ ބައިކޮޅަށް ގޯލުޖަހައި ބަލިވެދާނެ ކަމަށެވެ.
މަންމަ އެދެއްކި ވާހަކަ ވިސްނުނެވެ. ހިތްވަރުކޮށްފައި ކުރިއަށްދާން މަސައްކަތްކުރީމެވެ. އެކުވެރިޔާއަށް އެކަން ވިސްނި "މިސްއަންޑަރސްޓޭންޑް ނުވާށޭ" ކިޔައިގެން މެސެޖްކުރީމާ ޖަވާބުގައި ބުނީމެވެ. "އެކުވެރިޔާ އުފަލުގަ ހުރީމަ އަޅުގަނޑަށް އުފަލުގައި ހުރެވުނީއެވެ. އެކުވެރިޔާ ބޭނުންވުމުން ހަދިޔާ ކުރިތާ ކިތަންމެ ދުވަހެކެވެ."
ކޮންމެއަކަސް ވަޒީފާ އަދާކުރަމުން ކިޔަވަމުން ގޮސް އެކުވެރިޔާ މެލޭސިޔާގައި ހުރެގެން ކިޔަވާ ޔުނިވަރސިޓީގެ ކޯހެއް މާލޭގައި ހުރެގެން އަޅުގަނޑު ހެދީމެވެ. ކޯސް ނިމުމުން ގްރެޖުއޭޝަނަށް މެލޭސިޔާއަށްދާންޖެހުނީމަ ދިޔައިމެވެ. އެކުވެރިޔާ ފާސްވީ 3 ވަނަ ދަރަޖައިގައެވެ. އަޅުގަނޑު ފާސްވީ އެއްވަނަ ދަރަޖައިގައެވެ. ގްރެޖުއޭޝަން ސެރަމަނީ ނިމުނުތަނުން އެކުވެރިޔާ އާއި ބައްދަލުވިއެވެ. ހުރީ އަޅުގަނޑުގެ ކުރީގެ ލޯބިވެރިޔާއާއިއެކުގައެވެ. ފެނުމާއިއެކު ހިނިތުންވެލާފައި މަރުޙަބާކީމެވެ.
އަޅުގަނޑާއިއެކު ފިރިހެނަކު ހުރުމުން ސުވާލުކުރީމާ ވަރަށް ފަޚުރުވެރިކަމާއިއެކު އެއީ ފިރިމީހާކަމަށް ބުނީމެވެ. އަދި ދެމީހުންނަށް ހެޔޮދުޢާކޮށްފައި ވަކިވީއެވެ. ވަކިވަމުން ބުނީމެވެ. "ހުރިހާ ގޮތަކުން އުފާވެރި، ބާއްޖަވެރި ޙަޔާތަކަށް އެދެމެވެ."
މިއީ އެއިގެ 9 އަހަރު ފަހެވެ. އެދެމީހުން ކައިވެނިކޮށްގެންވީ ކުޑަ ދުވަސްކޮޅެކެވެ. ދެމީހުން ވަކިވެއްޖެއެވެ. އަޅުގަނޑު އަދިވެސް މިހިރީ ހަމަ އުފަލުގައި ފުރަތަމަ ކައިވެނިމަތީގައެވެ. އަޅުގަނޑުގެ ފިރިމީހާއަކީ ފައިސާގެ ގޮތުން ތަނަވަސް މީހެއް ކަމަށް ބުނެވޭނެ ފެންވަރުގެ މީހެއް ނޫނެވެ. ނަމަވެސް އަޅުގަނޑަށް ބޭނުންވާ އުފާވެރިކަމާއި ލޯބި ދިނުމުގައި ވަރަށް ތަނަވަސް މީހެކެވެ. އެކަމުގައި ވަރަށް ދީލަތިވެސް މީހެކެވެ.
މިއަދުނޫހުގެ ކިޔުންތެރިން ޢިބްރަތް ޙާޞިލުކުރާށެވެ! އެކުވެރިންނާއި ލޯބިވެރިންގެ ޙަޤީޤަތަކީ މިއީއެވެ. ބުނެލަން އޮތީ އެކުވެރިޔާއަށް ލޯބިވެރިޔާ ހަދިޔާކޮށް ހިތްހަމަޖައްސައިލެވުނުކަމުން އަޅުގަނޑަށް ލިބުނީ އުފާވެރިކަމެވެ. ދެން ބުނެލަން އޮތީ ޚިޔާނާތްތެރި އެކުވެރިންނާއި ބޭވަފާތެރި ލޯބިވެރިންގެ މަތިން ހަނދާން ނައްތާލައިގެން ނޫނީ އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ.
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް