ކަނބަލުންނަށް ޚާއްޞަ!: ޙައިޟުވެ ރަނގަޅުވުމުން ނަމާދުކުރަން ފަށަން ތިއަ ކަނބަލުން ކަންނެތްކުރުވާ ސަބަބަށް ބިރުވެތިވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކަނބަލުންނަށް ޚާއްޞަ!: ޙައިޟުވެ ރަނގަޅުވުމުން ނަމާދުކުރަން ފަށަން ތިއަ ކަނބަލުން ކަންނެތްކުރުވާ ސަބަބަށް ބިރުވެތިވަމާ!

ޙައިޟްވެ ރަނގަޅުވުމުން، ނުވަތަ ނިފާސްކަމުގެ ލޭކެނޑި ޠޯހިރުވެވުމުންވެސް ނަމާދުކުރަން ފަށަން ކަންނެތް ވެވޭތީ ކަންބޮޑުވެ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ވިސްނަވައިލެއްވުން މުހިންމު ބައެއް ކަންކަމެވެ. 

ފުރަތަކަމަކަށް ވިސްނައިލާށެވެ. ކޮންމެ މީހަކާއިއެކުވެސް ޝައިޠޯނުންތަކެއް ތިބެއެވެ. ޤަވާޢިދުން ޛިކުރުކުރަމުން ގެންދާނަމަ އެމީހަކާއި ކައިރިއެއް ނުވެވޭނެއެވެ. އެހެންވެ ކައިރި ނުވެވި ކިތަންމެ ގިނަ ދުވަސްތަކެއް ފާއިތުވެގެންދިއަ ނަމަވެސް ތިބާ ދޫކޮށްލާފައި އެ ޝައިޠޯނުންތަކެއް ނުދާނެއެވެ. ތިބާގެ ގައިގައި އަތްލެވޭނެ ފުރުޞަތަކަށް ބަލަބަލައި ތިބޭނީއެވެ. 

އެހެން ތިއްބައި ތިބާއަށް ފަރުވާކުޑަކުރެވި އެއްދުވަހު ޛިކުރު ނުކުރެވެނީއެވެ. އެދުވަހަކީ ތިބާގެ ގައިގައި އަތްލާނެ ދުވަހެވެ. އެއެއްޗެތީގެ މަސައްކަތް ކާމިޔާބުކުރަން މަސައްކަތްކުރާނެ ދުވަހެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ދެއިރު ޛިކުރުކުރަންވީ އެހެންވެގެންނެވެ. ދެއިރުންކުރެ އެއްއިރުވެސް ޛިކުރުނުކޮށް ދޫކޮށްނުލަންވީ އެހެންވެގެންނެވެ. 

ނިކަން ވިސްނައިލަބަލާށެވެ. ނަމާދުތައް ޤަވާޢިދުން ކުރަމުން އަންނަ އަންހެނުންނަށްވެސް ޙައިޟުވުމުން ނަމާދެއް ނުކުރެވެއެވެ. އެދުވަސްކޮޅު ޝައިޠޯނާގެ މަސައްކަތް ވަރުގަދަކޮށްލައެވެ. ނަތީޖާއަކަށްވަނީ ޙައިޟުން ޠޯހިރުވުމުން ނަމާދުކުރަން ފަށަން އުނދަގޫވުމެވެ. ކަންނަތެވުމެވެ. 

ޙައިޟުގެ ދުވަސްވަރުގައި ނަމާދުނުކުރެވުނު ނަމަވެސް ޛިކުރުތައް ކިޔަމުން ގެންދަންވީ އެހެންވެގެންނެވެ. ޙައިޟުވުމުން ނަމާދުނުކުރެވޭނީއެވެ. މުޞްޙަފް ނުއުފުލޭނީއެވެ. މުޞްޙަފްގައި ނުބީހެވޭނީއެވެ. ނަމަވެސް ޤުރްޢާން ކިޔެވޭނެއެވެ. ޛިކުރުކުރެވޭނެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންވީ އެމީހަކާއި ޝައިޠޯނާ ވައިއެޅުނަވެސް ނުދިނުމަށެވެ. ތިމާގެ ގައިގައި ބީހުނަ ނުދިނުމަށެވެ. ވަސްވާސް ދެވޭނީވެސް ކައިރިވެވިގެންނެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ކައިރިވޔަވެސް ނުދިނުމަށެވެ. އެކަމަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަތުމެވެ. އެކަން ޙާޞިލުކުރެވެން އޮތީ ނަމާދުކުރުމާއި ޛިކުރުކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން