ސުންނަތަކީ އިޚްތިޔާރީ ކަމަކަށް ހަދައިގެން މިއުޅެނީ ކަންނެތްކަން ބޮޑުވުމުން!: ޝައިޚް ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ސުންނަތަކީ އިޚްތިޔާރީ ކަމަކަށް ހަދައިގެން މިއުޅެނީ ކަންނެތްކަން ބޮޑުވުމުން!: ޝައިޚް ހޮބްލޮސް

އޫނ! ތިއައީ ސުންނަތެއް! ކަމަސް ބުނާ ގިނަ މީހުންނަށް އޮންނަނީ ފަރުޟުތަކަށްވެސް ރައްކައުތެރި ނުވެވިފައެވެ. ފަރުޟްތަކަށް ރައްކައުތެރިވާ ގިނަ މީހުން އަންނަނީ ސުންނަތްތަކަށްވެސް ރައްކައުތެރިވަމުންނެވެ. މިހެން ބުނާއިރުވެސް ގިނަ ބައަކަށް ވިތުރި އާއި ރޭއަޅުކަމަށް އިހްމާލްވެވޭކަންވެސް ފާހަގަކުރަމެވެ. 

އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި ސުންނަތަކީ އިޚްތިޔާރީ ކަމަކަށް ހަދައިގެން މިއުޅެނީ ކަންނެތްކަން ބޮޑުވުމުންނެވެ. މިޘާލަކަށް ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ދަމުނަމާދުކަން ހުރިހާ މުސްލިމުންނަށްވެސް އެނގެއެވެ. ފަރުޟު ނުކުރެއްވެވީ މީސްތަކުންނަށް ތަކްލީފަކަށް ވެދާނެތީކަންވެސް އެނގެއެވެ. 

ދަމުނަމާދަކީ އެހައި މަތިވެރިކަންބޮޑު ނަމާދެއްކަން އެނގިތިމެ ކަންނެތްވެ ނުކުރެވުމުން މިބުނަނީ އެއީ ސުންނަތެއް ނޫންހެއްޔެވެ؟ މިޖަވާބުދޭ މީހަކީ ސުވަރުގެ ވަނުމަށް އެދޭ މީހަކަށްވާނީ ކިހިނަކުންހެއްޔެވެ؟ 

ޞަހާބީންގެ ޒަމާނަށް ބަލައިފިނަމަ ފަރުޟާއި ސުންނަތް ވަކިކުރައްވަން މަސައްކަތް ކުރައްވަވާފައެއް ނުވެއެވެ. އެއީ ސުންނަތެއް ނަމަވެސް ގެންދެވީ އެއްވެސް ކަމެއް ދޫނުކުރައްވަވައި ކުރައްވަވަމުންނެވެ. މިސާލަކަށް ފަތިސް ނަމާދުކުރަން ދިއައިރު އިރު އަރަން ކައިރިވެފައިވުމުން ކުރިން ކުރާނީ ސުންނަތްތޯ، ނުވަތަ ފަތިސް ނަމާދުތޯ ޞަޙާބީންގެ ޒަމާނުގައި ސުވާލެއް ނުއުފެދެއެވެ. އެބޭކަލުން ސުންނަތަށްވެސް ސަމާލުކަން ދެއްވެވިއެވެ. ފަތިސް ނަމާދު ފަދައިން އިހު ސުންނަތްވެސް ކުރެއްވެވިއެވެ. ނަމަވެސް މިއަދު ބަލަނީ ކޮންމެވެސް މަޅިއެއް ޖަހައިގެން، ބަހަނާއެއް ދައްކައިގެން ސުންނަތް ދޫކޮށްލެވޭތޯއެވެ! 

ޞަހާބީންނަކީ ވެސް ﷲ ތަޢާލާ އެންގެވި ގޮތަށް ޢަމަލުފުޅު ކުރެއްވެވި ބޭކަލުންނެވެ. އަހަރެމެންވެސް މިބުނަނީ އަހަރެމެންނަކީވެސް ﷲ ތަޢާލާ އެނގެވި ގޮތަށް އަމަލުކުރާ ބައެއް ކަމަށެވެ. އެހެންކަމަށްވާއިރު އަހަރެމެންނާއި ޞަހާބީންނާއި މިހައި ބޮޑަށް ތަފާތުވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ޒަމާން ފަސްވަމުން އައިވަރަކަށް ރަސޫލް ()ގެ ސުންނަތަށް އަމަލު ނުކޮށް ދޫކޮށްލެވެމުން އަންނަ ކަމެވެ. އެއީ އެހައި މުހިންމު ކަމެއް ނޫން ކަމަށް ހިތަށް ވަންނަ ކަމެވެ. 

ރަސޫލް ()ގެ ސުންނަތަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފިނަމަ މިއަދު ގިނަ ބައަކު ބުނާނީ އެއީ ކަންކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެއިގެ މާނައަކީ ކަންކަން ކުރަން ވަރަށް ގިނަ ގޮތްތަކެއް އެބަހުރި ކަމާއި ސުންނަތަކީ އެއިގެ ތެރެއިން އެންމެ ރަނގަޅު ގޮތް ކަމެވެ. މައްސަލަ އުފެދެނީ މިހިސާބުންނެވެ. އެހެނީ ޞައްޙަ ޖަވާބަކީ އެއީއެއް ނޫނެވެ. ޞައްޙަ ޖަވާބަކީ ރަސޫލް ()ގެ ސުންނަތަކީ މުސްލިމުން އަމަލުކުރަން އޮތް ހަމައެކަނި ގޮތްކަމެވެ. 

އެއްވެސް ކަމެއް ކުރަންވީ ގޮތް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާނަމަ އެއަށް ސުންނަތެކެވެ ނުކިޔާނެއެވެ. އެއަށް ކިޔާނީ ﷲ ތަޢާލާ އެންގެވި ގޮތް ކަމަށެވެ. ސުންނަތެވެ މިކިޔަނީ ރަސޫލް () އަމަލު ކުރެއްވެވި ގޮތަށެވެ. ވީމާ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމަކާއި ސުންނަތަކާއި އެއްވެސް ވަރަކަށް ތަޢާރަޟެއް ނުވާނެއެވެ. އެހެނީ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ކޮންމެ ކަމެއްގައިވެސް ރަސޫލް () އަމަލުފުޅު ކުރެއްވެވީ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައި އޮތް ގޮތަށް ކަމުގައިވާތީއެވެ. 

މީސްތަކުންނޭވެ! އުފާވެރިކަމާއި ކުރިއެރުން ބޭނުން ހެއްޔެވެ؟ ހަޔާތުގައި ކާމިޔާބީ ބޭނުން ހެއްޔެވެ؟ ޤިޔާމަތް ދުވަހު ސަލާމަތްކަން ބޭނުންހެއްޔެވެ؟ ރަސޫލް ގެ އަތްޕުޅުން ކައުޘަރު ޢާރުން ފެންބޯން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ރަސޫލް ()ގެ ސުންނަތުގައި ގަދައަށް ހިފަހައްޓާށެވެ! ހަމަ އެންމެ ކަމެއްވެސް ސުންނަތުގައި އޮތް ގޮތަށް މެނުވީ ނުކުރާށެވެ. 4 އިމާމުންކުރެ ކޮންމެ އިމާމަކު އަނގަވައިދެއްވި ގޮތަށް ނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. އެއިން ކޮންމެ ގޮތަކީވެސް ހަމަ ސުންނަތުގައި އޮތް ގޮތެވެ. 

މީސްތަކުންނޭވެ! އަވަހަށް ސުންނަތަށް އަމަލުކުރަން ފަށާށެވެ! ނުކޮށް ދޫކޮށްލެވިފައި ހުރި ކަންކަން ކުރަން އަވަހަށް ފަށާށެވެ! ތިމާ އާއި އަނބިދަރިންނަށްވެސް އެކަމުގެ ފައިދާ ކުރާނެއެވެ! އެމީހުންނަކީވެސް ސުންނަތަށް އަމަލުކުރާ ބައަކަށް ހެދުމަކީ ހަމަ އަހަރެމެންގެ ޒިންމާއެކެވެ. 

އަހަރެމެމެންވެސް މަސައްކަތް މިކުރަނީ ހަމަ ޞަޙާބީންވެސް މަސައްކަތް ކުރެއްވެވި ފަދައިން ސުވަރުގެ ހާޞިލުކުރުމަށެވެ! އެހެންކަމަށްވާނަމަ ޞަޙާބީން ކުރެއްވެވި ފަދައިން ސުވަރުގެ ހޯދަން މަސައްކަތް ކުރައްންވެސް އެބަ ޖެހެއެވެ. އެގޮތަށް މަސައްކަތް ކުރެވޭނީ ޞަހާބީން ސުންނަތަށް އަމަލުކުރެއްވެވި ފަދައިން ސުންނަތަށް އަމަލުވެސް ކޮށްގެންނެވެ!

 

- މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން