59 ފަހަރު ހައްޔަރުކުރަންޖެހިފައިވާ މީހަކު ގޭބްންދުގަ ބަހައްޓާފަހުއްޓާ ވައްކަމުގެ އިތުރު މައްސަލައެއްގަ ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
59 ފަހަރު ހައްޔަރުކުރަންޖެހިފައިވާ މީހަކު ގޭބްންދުގަ ބަހައްޓާފަހުއްޓާ ވައްކަމުގެ އިތުރު މައްސަލައެއްގަ ހައްޔަރުކޮށްފި

59 ފަހަރު ހައްޔަރުކުރަންޖެހިފައިވާ މީހަކު ގޭބަންދުގައި ބަހައްޓާފައި ހުއްޓާ ވައްކަމުގެ އިތުރު މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 26 ވަނަ ދުވަހުގެ ފަތިހު 4:00 ހާއިރު މާފަންނުގައި ހުންނަ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެން ވައްކަން ކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފޯނުތައް ހޯދާފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ބުލްބުލްގެ، އުމުރުން 40 އަހަރުގެ އަޒްމީލް މުޙައްމަދެވެ.

ފުލުހުން ވިދާޅުވީ އަޒްމީލް ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، ސްޕައި އެންޑް ޓެކް ފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 ފޯނު ފެނިފައިވާ ކަމަށެވެ.

އަޒްމީލް މުޙައްމަދަކީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު "ކްރޭވެސް ޓޭކްއަވޭ" ރެސްޓޯރަންޓުން ވައްކަން ކުރި މައްސަލައެއްގައި ކުށް ސާބިތުވެ، 5 މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް ހުކުމްކޮށްފައިވާ މީހެކެވެ. މި ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އަޒްމީލަކީ މީގެކުރިންވެސް އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

"ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އަޒްމީލް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން