ނަމާދުކުރުމުގެ ބޭނުމަކަށްވާންވާނީ އެކަމުން ލިބެން އޮތް އެންމެ ގިނަ ޘަވާބު ލިބިގަތުމެވެ. އެއިން ބައެއް މަދުވުމަކަށް ހަމައެކަކުވެސް ނުއެދޭނެއެވެ. އެހެންކަމަށްވާއިރު ޘަވާބުން ބައެއް އުނިވެދާނެކަމަށް ބެލެވޭ އެންމެހައި ކަންކަމަށް ދުރިހެލިވުން ވަރަށް މުހިންމުކަން ޤަބޫލުކުރަން އެބަޖެހެއެވެ.
މިހާރަކަށް އައިސް ބައެއް މީހުންގެ ކިބައިން ފެންނަ އެހެން ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެކަން ފެންނަނީ ފަޔަށްބާރު ޖިންސް ފަދަ ތަކެތި ލައިގެންތިބޭ މީހުންގެ ކިބައިންނެވެ. އެމީހުންނަކަށް ކަކުލު ހުލަކުން ނުލެންބެއެވެ. ސަޖިދަކުރަން އުނދަގޫވެއެވެ. ދެސަޖިދަ މެދުގައާއި އައްތަޙިއްޔާތަށް އިންނަން އުނދަގޫވެއެވެ.
އެކަންކަމުގެ އިތުރުން އޭނާއަށް ސަފުން ލިބޭ ޖާގައިގައި އިށީނދެގެނެއްވެސް ނުއިނދެވެއެވެ. އެހެންވެ ދެފަރާތުގައި ތިބޭ މީހުންނަށް އޭނާގެ ކިބައިން އުނދަގޫވެއެވެ. ވީމާ މިއީ އިޞްލާޙްކުރަންޖެހޭ ކަމަކަށް ނުވޭތޯއެވެ؟
އަތްދިގު ގަމީހުގެ އަތުކުރި އޮޅައިގެން ހުރެ ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިތޯ؟
މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބު:
الحمد لله, والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ފިރިހެނުން ނަމާދުކުރާއިރު ހެދުން ނުއޮޅުމަށާއި، އިސްތަށިގަނޑު ގޮށްޖަހާފައި ނުބެހެއްޓުމަށް، ކީރިތި ރަސޫލާ (ﷺ) އަމުރުފުޅު ކުރައްވަވާފައިވެއެވެ. ޙަދީޘް ކުރެއްވެވިއެވެ. "ހަތް ގުނަވަން މަތީގައި ސަޖިދަ ކުރުމަށް ތިމަން ކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. އަދި ހެދުން ނުއޮޅުމަށާއި އިސްތަށިގަނޑު ގޮށް ނުޖެހުމަށެވެ."
މިޙަދީޘުން ދޭހަވާ ގޮތުގައި ގަމީހުގެ އަތުކުރީގެ އިތުރުން ފަޓުލޫނުގެ ފައިކުރިވެސް އޮޅައިގެން ނުވާނެއެވެ. އެހެން ނަމަވެސް ފިރިހެނަކު ފައިކުރި ތަނބިކަށްޓަށްވުރެ ތިރީގައި ބަހައްޓައިގެން ނަމާދުކޮށްފިނަމަ ނަމާދު ޞައްޙަ ނުވުން ގާތެވެ. އަތުކުރި އޮޅައިގެން ނުވަތަ ފައިކުރި އޮޅައިގެން ނަމާދުކުރުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. އެހެން ނަމަވެސް މަކްރޫހަ ވާނެއެވެ. މާނައަކީ ނަމާދުން ލިބެންވާ ފުރިހަމަ ސަވާބު އެމީހަކަށް ނުލިބޭނެއެވެ.
والله أعلم
(މިއީ ގިނަބައަކަށް ނުއެނގޭތީ ނަމަވެސް ތަކުރާރުވަމުންދާ ކަމަކަށްވާތީ މިއަދުނޫހުގައި މިގެންދަނީ މިކަން ހަނދާންކޮށްދެމުންނެވެ. ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ބަސްފުޅެއްވެސް (ހަމަ މިމޭރުމުން) ވާނީ ޝާއިޢްކުރެވިފައެވެ. ތަކުރާރުކުރަން ޖެހެނީ މިކަމަށް ގިނަ ބައަކު އަދިވެސް ސަމާލުކަން ނުދީ ގަމީހާއި ފަތުލޫނުގެ ފައިކުރި އޮޅައިގެން ނަމާދުކުރާތީއެވެ. އެގޮތަށް ނަމާދުކުރުން، ސަވާބުން ބައެއް ގެއްލިގެންދާތީ އެކަން މީސްތަކުންގެ ސަމާލުކަމަށް ގެނައުމަށެވެ.)