ކޮންމެ މީހަކަށްވެސް އެންމެ މުހިންމު އެއްކަމަކަށްވާނީ ރައްކައުތެރިކަން ލިބިގެން ހުރެވުމެވެ. ރައްކައުތެރިކަން ލިބުން އެދޭ މީހާ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ފަތިސް ނަމާދުން ދުވަސް ފެށުމެވެ. އެކަން އެނގޭއިރުވެސް އެންމެ ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލްވަމުން އަންނަނީ އެކަމަށެވެ. ނިކަން ވިސްނައިލަބަލާށެވެ! ފަތިސްނަމާދުނުކުރާ މީހަކަށް ހެނދުނުގެ ޛިކުރުތައްވެސް ނުކިޔޭނެ ނޫން ހެއްޔެވެ؟
ދުނިޔޭގައި އިންސާނުން ލެއްވެވި ފަދައިން އިންސާނުންނަށް އެކި ގޮތްގޮތުން ގެއްލުންދޭނެ އެތައް އެއްޗެއްވެސް ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ. އެންމެ ބޮޑަށް ގެއްލުންދޭނީ ޝައިޠޯނުންނެވެ. ޝައިޠޯނުންގެ ތެރޭގައި އިންސާނުންވެސް ހިމެނެއެވެ. ހަމައެއާއިއެކު އެފަދަ ހުރިހާ އެއްޗެއްގެ ނުބައިކަމުން ސަލާމަތްވެވޭނެ މަގުތައްވެސް ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ.
ދެއިރު އާޔަތުލްކުރުސި އާއި ކީރިތި ޤުރްއާނުގެ އެންމެ ފަހު 3 ސޫރަތް 3 ފަހަރު ކިޔެވުމުގެ އިތުރުން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެއިގެ އިތުރުން މިދުޢާވެސް ކުރަމުންގެންދާށެވެ.
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
އީމާންކަންމަތީގައި ޘާބިތުވެ ހުރެ ކޮންމެ ދުވަހަކު މިދުޢާކުރަމުން ގެންދާ މީހާއަށް ކުރިމަތިވާ އެންމެހައި ނުރައްކަލަކުން ސަލާމަތްކުރައްވަވައި ދެއްވަވާނެތެވެ. އިންޝާ ﷲ.
އަބަދުވެސް ބުނާފަދައިން މިފަދަ ދުޢާތައް އެންމެންނަށްވެސް އެނގެއެވެ. ނުކުރެވެނީއެވެ. ވީމާ އަހުރެން މިކުރާ ކަމަކީ ދުޢާކުރަން ހަނދުމަކޮށްދިނުމެވެ. ރައްކައުތެރިކަން އެދޭ މީހާއަށް އޮތީ ދުޢާކުރަން އޮތް މަގުން ދުޢާކުރުމެވެ. މާނައަކީ ރައްކައުތެރިކަން ދެއްވަވާނެ މަގުން އެކަމަށް މަސައްކަތްކުރަމުން ދުޢާކުރުމެވެ.
ތިބާއަށް ރައްކައުތެރިކަން ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. ވީމާ މީސްމީހުންގެ ގާތަށްގޮސް ރައްކައުތެރިކަމަށް ނުއެދޭށެވެ! އެއީ އެމީހުންނަށް ކޮށްދެވޭނެ ކަމެއް ނޫނެވެ. އެހެންމީހުންނަށް ކަމެއް ކޮށްދެވޭނީ ފުރަތަމަ އެމީހުންނަށް ބޭނުންވާ ރައްކައުތެރިކަން އެމީހުންނަށް އަމިއްލައަށް ހޯދޭނެނަމަ ނޫންހެއްޔެވެ؟ އެމީހުންވެސް ރައްކައުތެރިކަމަށް އެދެންޖެހޭނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ރައްކައުތެރިކަން އެމީހުންނަށްވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި ނަމައެވެ.
- މުފްތީ މެންކުގެ ދަރުސަކުން