ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ ތިމާއަކީ ތަޤްވާވެރިއަކަށް ވުމަށެވެ. އަދި ބޭނުންވާނީވެސް އެންމެ މަތީދަރަޖައިގައި ތަޤްވާވެރިއަކަށް ވުމަށެވެ. ތިމާއަކީ އެންމެ ބޮޑު ތަޤްވާވެރިއަކު ކަމުގައިވުމަށެވެ.
ނަމަވެސް އެއީ އަތްއުރާލައިގެން ހުއްޓައި ދެއްވަވާ އެއްޗެއް ނޫނެވެ. އެކަމަށް އެދިގެން މަސައްކަތްކުރުމުން ދެއްވަވާ އެއްޗެކެވެ. އެކަމަށް އެދިގެން މަސައްކަތްކުރިވަރަކަށް އިތުރުކޮށް މަތިކޮށް ދެއްވަވާ އެއްޗެކެވެ.
ތަޤްވާވެރިއަކަށް ވުމަށް އެދޭމީހާ (އަޅުކަންކުރަމުން) ފުރަތަމަ ކަމަކަށްވެސް ޢާއިލީ ޒިންމާތައް އަދާކުރަމުން ގެންދާށެވެ. އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތާށެވެ! އެހެނީ އެކަންކަމަކީ އެކަންކަން ކުރުމުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަންކަމެވެ.
ބައެއް މީހުން އެމީހުންގެ އަނބިދަރިން ނިކަމެތިކޮށްލައެވެ. މައިންބަފައިން ނިކަމެތިކޮށްލައެވެ. ޢާއިލާގެ މީހުން ނިކަމެތިކޮށްލައެވެ. އެމީހުންނަށް އަޅައިލުން ހުއްޓާލައި ބާކީކޮށްލައެވެ. އެކަން އެގޮތަށް ކުރުމަށްފަހު ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރެއެވެ. އަޅުކަންކުރުން ގިނަކުރެއެވެ.
އެއްވެސް މީހަކަށް ލައްވަވާނެ ރަހްމަތް އެނގޭކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް އެނގެންހުރި ކަންކަމަސް ބުރަވެ ހުރެ ބުނަމެވެ. ހަމައެކަނި އަޅުކަންކުރުމަކުން ނުފުދޭނެއެވެ. އެމީހަކު އުފުލަންޖެހޭ ޒިންމާތައްވެސް އުފުލަންޖެހޭނެއެވެ. އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނީ އެއިރުންނެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން