ހާސްކަމާ ކަންބޮޑުވުން ފަސޭހައިން ފިލުވައިލެވޭނެ ޔަޤީންމަގެއް!- އިމާމް މާޒިން ޢާދިލް އަމިއްލަފުޅު ތަޖުރިބާއިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ހާސްކަމާ ކަންބޮޑުވުން ފަސޭހައިން ފިލުވައިލެވޭނެ ޔަޤީންމަގެއް!- އިމާމް މާޒިން ޢާދިލް އަމިއްލަފުޅު ތަޖުރިބާއިން-

ކާމިޔާބު ޙަޔާތަކަށް އެދޭމީހާއަށް އޮތީ ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ތިމާ އެންމެ ބޮޑަށް ލޯބިވާ ފަރާތަކީވެސް އަދި އެންމެ ބޮޑަށް ސަމާލުކަންދޭ ފަރާތަކީވެސް ﷲ ތަޢާލާ ކަމުގައި ހެދުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެފަދަ މީހަކަށް ވެވުމަށްވުރެ ބޮޑު އުފަލެއް ނެތެވެ. އެއަށްވުރެ ބޮޑަށް ހިތްހަމަޖެހުން ލިބޭނެ ގޮތެއްވެސް ނެތެވެ.  

ހުޅަނގުން ބުނާ ކަންކަން ކުރަން އާދަވެފައިތިބިވަރުން މިހާރަކަށް އައިސް ހާސްވުމާއި ކަންބޮޑުވުން ކުރިމަތިވެއްޖެނަމަ ފުރަތަމަކަމަކަށްވެސް ކުރެވޭ ކަމަކީ ކޮންމެވެސް މީހަކަށް ފޯނުކުރުމެވެ. އެމީހާގެ ލަފާ ހޯދަން މަސައްކަތްކުރުމެވެ. ނަމަވެސް މިއީ މުސްލިމުން ޢަމަލުކުރަން ޖެހޭ ގޮތެއް ނޫނެވެ. އެފަދަ ކޮންމެ ޙާލަތެއްގައިވެސް އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ.  

ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ދަންނަވާ ފުރަތަމަ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހަދާށެވެ! އެހެން މީހުންގެ ލަފައާއި އެހީތެރިކަމަށް އދެންވާނީ އެއިގެ ފަހުންނެވެ.   

އަހަހަރެމެންގެ ލޮބުވެތި ރަސޫލާ އެފަދަ ކޮންމެ ޙާލަތެއްގައި އަވަސްވެވަޑައިގެންނެވީ 2 ރަކްޢަތް ނަމާދެއް ކުރެއްވެވުމަށެވެ. އަހަރެމެންނަށް އޮތީ އިތުރު އެކަލޭގެފާނު ދެއްކެވިމަގުން ޢަމަލުކުރުމެވެ. 2 ރަކްޢަތް ނަމާދެއްކޮށް އެނަމާދުގެ ސަޖިދައިގައި ދުޢާކޮށް ކުރިމަތިވި ޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުމެވެ.  

ތިރީގައި އެވަނީ އިމާމް މާޒިން ޢާދިލް ޢަމަލުފުޅު ކުރައްވަވާ ގޮތެވެ. ބަޔާންކުރައްވަވާފައި އެވަނީ ވުޟޫ ނެތުމުން ނަމާދުކުރެއްވެވެން ނެތް ޙާލަތުގައިވެސް ޢަމަލުފުޅު ކުރައްވަވާ ގޮތެވެ.  

އިމާމް މާޒިން ޢާދިލް ވިދާޅުވެފައިވެއެވެ.: 

މިހައި ޔަޤީންކަމާއިއެކު މިވާހަކަ މިބުނަނީ އެކަމަކީ އަހަރެން އަމިއްލައަށް ތަޖުރިބާ ކުރަމުން އަންނަ ކަމަކަށްވާތީއެވެ. ކަންބޮޑުވާންޖެހޭ ކަމެއް މެދުވެރިވެއްޖެނަމަ އަހަރެން ހުރި ފިޔަވަޅުމަތިން ގުޑައިލަނީވެސް ރަސޫލް () އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރަމުން ގޮސް އެކަމުގެ ހިތްހަމަޖެހުން ލިބިގަތުމަށްފަހުގައެވެ. އަހަރެން އެގޮތަށް އެކަން ކުރާތީ ނަމަވެސް އެކަމުން އަހަރެންނަށް ﷲ ތަޢާލާ ހިތްހަމަޖެހުން ދެއްވަވައެވެ. 

އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލް () އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރުމަކީ ވަރަށް ގިނަ ނިޢްމަތްތައް ލިބިގެންދާ ކަމެކެވެ. ވަރަށް ގިނަ ފައިދާތައް ލިބޭ ކަމެކެވެ. އެއިގެ ތެރޭގައި ހާސްކަމާއި ނުތަނަވަސްކަން ފިލައިގެންދިއުން ވެސް ހިމެނެއެވެ. ތަޖުރިބާކޮށްލުމުގެ ގޮތުން ނަމަވެސް ކަންބޮޑުވާންޖެހޭ ހާލަތުގައި ނިކަން ރަސޫލް (ޞޢވ) އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކޮށްބަލާށެވެ. ތަފާތުފެންނާނެއެވެ. މީހާއަށް ހަމަޖެހުން ލިބިގެންދާނެއެވެ.  

ރަސޫލް () އަށް ޞަލަވާތާ ސަލާމް ދެއްވެވުން އެދި މަލާއިކަތް ބޭކަލުންވެސް ދުޢާ ކުރައްވަވަތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. "ﷲ އާއި އެކަލާނގެ މަލާއިކަތުން، ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ." އަހަރެން އެގޮތަށް އަމަލުކުރަން ފެށީ މިއާޔަތުން އެކަމުގެ މާތްކަމާއި މަތިވެރިކަން ދެނެގަނެގެންނެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ކަންބޮޑުވުން ކުރިމަތިވާ ވަގުތުތަކުގައި ރަސޫލް () އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމަށެވެ. ދީނީ ޢިލްމުވެރިން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރައްވަވައެވެ. ދަރުސް އެއް ދެއްވަން ފެށްޓެވި ނަމަވެސް ބައަކާއި ވާހަކަ ދައްކަވައި ނަޞޭޙަތެއް ދެއްވަން ފެށްޓެވި ނަމަވެސް ޢިލްމުވެރިން ގެންދަވަނީ އެކަން ކުރައްވަވަމުންނެވެ. ނަމަވެސް މިކަން ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. އެހައި ގިނައިން އެކަން އެގޮތަށް ކުރެއްވެވުމުގެ ބޭނުންފުޅެއް ކަމަށް ޤަބޫލުކުރެވެނީވެސް ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ރަސޫލް () އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރުމަކީ ކުރަންޖެހޭ ކަމަކަށްވުމެވެ. އަދި އެކަން މީސްތަކުންނަށް ބަޔާން ވެސް ކޮށްދެއްވެވުމެވެ

ރަސޫލް () އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރުމަކީ ކުރަން ވަރަށް ފަސޭހަވެސް ކަމެކެވެ. ކިތަންމެ ކުރު ޞަލަވާތެއް ކިޔެވިނަމަވެސް އެކަން ކުރެވުނީއެވެ. ދޫމައްޗަށް ފަސޭހަ، އެމީހަކު އެންމެ ފަރިތަ ޞަލަވާތެއް ކިޔަވައިލުމުން އެކަން ކުރެވުނީއެވެ.

 

- އިމާމް މާޒިން ޢާދިލް

 

 

މިއަދު އޮންލައިން