އިބިލީސް ބުނާ އެއްވެސް ކަމެއް ނުކުރާ މީހުން ދެކެ އިބިލީސް ޖެހިލުންވާނެ! ބިރުން ފިލަން ދުރަށްވެސް ދުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
އިބިލީސް ބުނާ އެއްވެސް ކަމެއް ނުކުރާ މީހުން ދެކެ އިބިލީސް ޖެހިލުންވާނެ! ބިރުން ފިލަން ދުރަށްވެސް ދުވާނެ!

ފާފަކޮށްފައި އެކަން ކުރެވުނީ އިބިލީސްވާތީ ކަމަށް ބުނެގެން ދެކޮޅެއް ނުޖެއްސޭނެއެވެ. އެހެނީ އެއްވެސް މީހަކު ލައްވައި އެއްވެސް ކަމެއް ކުރުވުމުގެ ބާރު އިބިލީހަށް ދެއްވަވާފައެއް ނުވެއެވެ. 

ރަނގަޅަށް ވިސްނާށެވެ! އަހަރެމެންނަށް ފާފަތައް ކުރެވެނީ އަހަރެމެންނާއި ހަމައަށް އިބިލީހަށް ވާޞިލްވެވޭތީއެވެ. ވަސްވާސްދެވޭތީއެވެ. އެހެންކަމުން ފުރަތަމަ ކަމަކަށްވެސް އޮތީ އިބިލީހަށް އަހަރެމެންނާއި ހަމައަށް ވާޞިލްވެވޭ ސަބަބުތައް ނައްތައިލުމެވެ. އެކަމަށް ވިސްނާ މީހަކު ފުރަތަމަވެސް އަމިއްލަ ނަފްސާއި ކޮށްލަން އޮތް އެއް ސުވާލަކީ ޢުމަރުގެފާނު ފެނުމުން އިބިލީސް ދުވެ ފިލިއިރު އަހަރެންގެ ގައިގަ އަތްލެވެނި ކީއްވެ؟ 

މިއުންމަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނަކީވެސް ހަމަ އަހަރެމެން ފަދަ އިންސާނެކެވެ. ނަމަވެސް އެކަލޭގެފާނު ފެންނަ ހިސާބަކަށްވެސް ޝައިޠާނުން ކައިރިއެއް ނުވެއެވެ. ޢުމަރުގެފާނު މަގެއްގެ މަތިން ފެނުނު ނަމަވެސް ކޮންމެވެސް އެހެން ދިމާއަކަށް ދުވެ ފިލައެވެ. ޢުމަރުގެފާނާއި ކުރިމަތިލާކަށް ނުކުރެއެވެ. 

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ إِيهٍ يَا ابْنَ الْخَطَّابِ، وَالَّذِي نَفْسِي بِيَدِهِ مَا لَقِيَكَ الشَّيْطَانُ سَالِكًا فَجًّا إِلاَّ سَلَكَ فَجًّا غَيْرَ فَجِّكَ

Allah's Messenger () said, "O' Ibn Al-Khattab! By Him in Whose Hands my life is, whenever Satan sees you taking a way, he follows a way other than yours!"

Sahih al-Bukhari, Book 78, Hadith 113  

ސުވާލަކީ އިބިލީސް، ޢުމަރުގެފާނުދެކެ މިހައި ބޮޑު ބިރެއް ގަންނަނީ ކީއެވެގެން ހެއްޔެވެ؟ ޖަވާބަކީ ވަރަށް ކުރު ޖަވާބެކެވެ! "އެއްވެސް ކަމެއް ﷲ ތައާލާ އެންގެވި ގޮތް ނޫން ގޮތަކަށް ނުކުރައްވަވާނެކަމުގެ ޔަޤީންކަން އިބިލީހަށް ލިބިފައި އޮތުމެވެ." މީގެ އިތުރުން ޢުމަރުގަފާނަކީ ވަރަށް ގިނަ ޚާއްޞަ ސިފަފުޅުތަކެއްވެސް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެއިގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރަން ޖެހޭ އެއް ކަމަކީ މުސްލިމުންގެ އަދަދު މަދުވުމުން އިސްލާމްކަން ފައުޅުކުރަން ނުކެރި ސިއްރުކޮށްގެން ތިބެން ޖެހުނު ޖެހުން ނިމުމަކަށް ގެންނަވަން ކެރިވަޑައިގެންނެވި ކަމެވެ. މަދިނާއަށް ހިޖުރަ ކުރައްވަން ނިންމަވައި ހަރަމްފުޅުގައި މުޝްރިކުންގެ ބޮޑުން އެއްވެ ތިއްބައި ވަޑައިގެން ވިދާޅުވި ވަރުގަދަ ބަސްފުޅެވެ. މިވަޑައިގަންނަވަނީ މަދީނާއަށް ހިޖުރައަށް ކަމާއި އަނބިން ހުވަފަތްކޮށްލަން ބޭނުން މީހަކު އިންނަމަ މައްކާގެ ރަށްބޭރުން ބައްދަލުކޮށް ކުރިމަތިލަން ދެއްވި ދައުވަތެވެ. 

އެ ދައުވަތު ޤަބޫލުކުރަން ކެރުނު ހަމަ އެކަކުވެސް ނެތެވެ. ޖެހުނީ ހަސަދަވެރިކަމާއި ރުޅިވެރިކަން އެތެރެއަށް ހިންދާލައިގެން ބިރުން ތިބޭށެވެ. އެހެންކަމުން ޢުމަރުގެފާނު ދެކެ ބިރުގަތީ ހަމައެކަނި އިބިލީހެއް ނޫނެވެ. މައްކާގެ އެ ނުބައި ނުލަފާ މުޝްރިކުން ވެސް އިންތިހާއަށް ބިރުގަތެވެ. 

ޢުމަރުގެފާނުގެ މަޤާމް އަހަރެމެންނަށް ނުހޯދިދާނެއެވެ. ނަމަވެސް އަހަރެމެންގެ ކިބައިގައިވެސް އެވަރުގެ އީމާންކަމާއި ސާބިތުކަން ހުރިނަމަ އިބިލީހަށް ޖެހޭނީ އަހަރެމެންނާއި ދުރުގައި ހުންނާށެވެ. ކައިރިއެއް ނުވެވޭނެއެވެ. އަދި ކައިރިވި ނަމަވެސް ދާން ޖެހޭނީ ހަމަ ފޭލްވެގެންނެވެ. ދޭ ވަސްވާހަކުން ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. 

ފަލަސްޠީނު މުސްލިމުންނަށް ފަތަޙަކުރެވި މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު ކަމުގައިވާ މަސްޖިދުލްއަޤްޞާގެ ތަޅުދަނޑިފަތި އަތްޕުޅަށް އެރުމުން ވިދާޅުވީ ކީކޭކަމަށް ހެއްޔެވެ. "މިހުރިހާ ނަޞްރެއް މި ދެއްވަވަނީ އަހަރެމެން ފާފަ ނުކުރާތީއެވެ." އަހަރެމެންނަށް އެއްވެސް ކުރިއެރުމެއް ނުލިބިގެން މިއަދު ތެޅިފޮޅެން ޖެހިފައިވާ ސަބަބު ޢުމަރުގެފާނުގެ މިބަސްފުޅުން އެނގިގެން ނުދޭ ހެއްޔެވެ؟  

ގަދައަޅައި މަސައްކަތް ކުރަންވީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރުމަށެވެ. ﷲ ތައާލާގެ ޙުކުމްފުޅު އޮތް ކޮންމެ ކަމެއްގައި ﷲ ތައާލާގެ ޙުކުމްފުޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ އިބިލީހަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ﷲ ތަޢާލާ އެމީހަކަށް ހިމާޔަތްތެރިކަން ދެއްވަވައި އިބިލީހުގެ ކިބައިން ސަލާމަތްކޮށް ދެއްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން