އިންސާނުންނަށް ބުއްދި ދެއްވެވީ ވިސްނައި ފިކުރުކުރުމަށެވެ. ވީމާ އަހުރެން މިދައްކާ ވާހަކައަށް ވިސްނާށެވެ! އެއިރުން އެއްވެސް ކަމަކަށް ބޭނުންވެގެން ސިޙުރުވެރިއެއްގެ ގާތަށް ދާން ހިތަށްވެސް ނުއަރާނެއެވެ. އިން ޝާ ﷲ
އަހަރެމެންގެ ތެރެއިން ބައެއް މީހުން އެމީހުން އޮފީހުގައި އަދާކުރާ ވަޒީފާގެ ކުރިއެރުން ހޯދަން، ތަނަވަސްކަން އިތުރުކުރަން، ރީތި، ތަނަވަސް ބައިވެރިއަކު ހޯދަން ސިޙުރުވެރިންގެ ގާތަށް އެބަދެއެވެ. އަހުރެންގެ ސުވާލަކީ އެކަންކަމުގައި ތިބާ ވާގިތިއައެދޭ މީހާ ހުރީ އެކަމެއް ފުރިހަމަވެފައި ހެއްޔެވެ؟
އޭނާހުރީ ޝަރަފްވެރި މަޤާމެއްގައިހެއްޔެވެ؟ އޭނާއަކީ އެންމެ ބޮޑު ބިލިއަނަރު ހެއްޔެވެ؟ އޭނާގެ އަނބިމީހާއަކީ އެންމެ ރީތި، އެންމެ ތަނަވަސް މީހާހެއްޔެވެ؟ އެނިޢްމަތްތައް ލިބިފައިވާނަމަ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ﷲ ތަޢާލާއަށް އުރެދި ދީނުން ބޭރުވެ، މީސްމީހުންނަށް ސިޙުރު ހަދައިދެނީ ކީއްކުރަން ހެއްޔެވެ؟ ހުރިހާ ކަންކަން ފުދިގެން ދުނިޔޭގެ އެންމެ އުފާވެރިކަމަށްވެގެން ހުންނަންވީ ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! އެމީހުން އެކުރާ ކަމަކީ އަހަރެމެން ވާވައްދައި މޮޔަކުރުވަނީއެވެ. އެމީހުންގެ މަޅީގައި ޖައްސުވައި އަހަރެމެންވެސް ދީނުން ބޭރުކުރުވަނީއެވެ. ހިތާމައަކީ އަހަރެމެންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނޫރު އަމިއްލައަށް ނިއްވައިލެވޭކަމެވެ.
ޔަޤީންކުރަންވީ ކަމަކީ އަހަރެމެން ބޭނުންވާ ކަންކަން ޙާޞިލުކުރަން ބޭނުންވެގެން ތެދުވެރިކަމާއިއެކު މަސައްކަތްކުރަމުން ގެންދިއުމެވެ. ލިބުން ލަސްވާނަމަ ކެތްތެރިވެލަންވީއެވެ. އެކަމަށް އެންމެ ރަނގަޅު ވަޤުތުގައި ﷲ ތަޢާލާ އެކަން ހިންމަވައިދެއްވަވާނެކަމުގެ ޔަޤީންކަން ހިތުގައި ބާއްވައި އެ ޔަޤީންކަމަށް ޢަމަލުކުރަމުން ގެންދާ މީހާއަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅެއްކަމާއި އަޅުންނަށް އޮތީ ކިޔަމަންތެރިވުންކަން ޤަބޫލުކޮށްގެން ދުނިޔޭގައި އުޅެން ަމސައްކަތްކުރާނަމަ އެމީހަކަށް ދުނިޔޭގެ އިތުރުން އާޚިރަތުގައިވެސް އޮތީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން