އެންމެ ބޮޑު މަންފާއެއް ލިބެން އޮތް ވިޔަފާރިއާ އެވިޔަފާރިކުރާނެ ގޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އެންމެ ބޮޑު މަންފާއެއް ލިބެން އޮތް ވިޔަފާރިއާ އެވިޔަފާރިކުރާނެ ގޮތް!: މުފްތީ މެންކް

ކޮންމެ ކަމެއް ކުރިނަމަވެސް ކުރަން އޮތީ އެކަމަކުން ތިމާއަށް އެންމެ ބޮޑު މަންފާއެއް ކުރާނެ ގޮތަކަށެވެ. މިހާރު އެންމެ ބޮޑު މައްސަލައަކަށްވެގެން މިއުޅެނީ ކުޜާ ކަންކަމުގެ ފައިދާ ވަޤުތުން އެމީހެއްގެ އަތަށް ނުލިބޭނަމަ މިކުރެވުނީ ފައިޑާހުރި ވިޔަފާރިއެއް ކަމަށް ޤަބޫލުނުކުރެވޭ ކަމެވެ. އެއީ ވަރަށް ދެރަވަރުގެ ވިސްނުމެކެވެ. 

"އަހަރެންނަށް ޖެހެނީ އަބަދުވެސް އެހެން މީހުންނަށް ކަންކަން ކޮށްދޭށެވެ. ނަމަވެސް އެއްވެސް މީހަކު އަހަރެންނަށް ހަމަ އެއްވެސް ކަމެއް ކޮށެއް ނުދެއެވެ. މިއީ ދެން އިންޞާފެއް ހެއްޔެވެ؟ އަބަދުވެސް ކަންކަން ކޮށްދޭން ޖެހެންވީ އަހަރެންނަށް ހެއްޔެވެ؟. 

މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭ ޝުޢޫރުތަކެކެވެ. އުފެދޭ ސުވާލުތަކެކެވެ. ކަމުގެ އަސްލަށް ބަލައިލަމާ ހެއްޔެވެ؟ ފުރަތަމަ ކަމަކީ ތިބާ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދޭން ޖެހޭނީ އެމީހެއްގެ ކިބައިން އެއްވެސް ކަމަކަށް އެދިގެނެއް ނޫނެވެ. ހަމަ ﷲ ތަޢާލާއަށްޓަކައެވެ. ވީމާ އެއްވެސް މީހަކު ތިބާއަށް ކަމެއް ކޮށްނުދީގެން ޝަކުވާއެއް ކުރުމުގެ އެއްވެސް ޙައްޤެއް ތިބާއަކަށް ނެތެވެ. 

ދެވަނަ ކަމަކީ ﷲ ތަޢާލާއަށްޓަކައި ކުރާ އެއްވެސް ކަމެއް ގެއްލިގެން ނުދާނެކަމެވެ. ދާނީ ބަރާބަރަށް އާޚިރަތުގެ އެކައުންޓަށް ޖަމާވަމުން ކަމެވެ. ތިބާއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތު ބޭނުންކުރަން ލިބޭނެއެވެ. އެއީ ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭ ވަގުތެވެ. އެންމެ ހެޔޮ އަމަލެއް ނަމަވެސް އިތުރުވޭތޯ ކަންބޮޑުވެ ތެޅި ފޮޅެންޖެހޭ ވަގުތެވެ. 

ވީއިރު މިދުނިޔެއިން އުންމީދުކުރަންވީ ކޮންކަމަކަށް ހެއްޔެވެ؟ މީހަކަށް ކަމެއް ކޮށްދޭއިރު އެމީހާގެ ކިބައިން މިދުނިޔެއިން ބަދަލަކަށް އެދެވޭނަމަ އެކަން އެހިސާބުން "ބެލެންސްވެ" އެ ނިމުނީއެވެ. އާޚިރަތް ދުވަހުން ލިބޭނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. ވީމާ އަހަރެމެންނަށް ކުރެވޭ އެންމެ ފައިދާހުރި "ވިޔަފާރި"އަކަށް ވާނީ މިދުނިޔޭގައި އަގު ދައްކައި އާޚިރަތް ދުވަހުން މުދައު ލިބޭ ގޮތަށް ކުރެވޭ ވިޔަފާރި ނޫން ހެއްޔެވެ؟ 

އެހެންކަމާއިއެކުވެސް އެންމެންވެސް ބޭނުންވެގެން މިއުޅެނީ ކޭޝްކާޑުން ފައިސާ ކަނޑައިލެވޭއިރު އަތުގައި މުދައު ހުރުމަށެވެ! ދެކަންތައް އެއްވަގުތެއްގައި ވުމަށެވެ. ނަމަވެސް އަހަރެންގެ ނަޒަރުގައި އެންމެ ފައިދާހުރި ވިޔަފާރިއަކީ މިކޮޅުން ކޭޝްކާޑުން އަގުދައްކައި އާޚިރަތް ދުވަހު މުދައު ލިބިގަންނަ ގޮތަށް ކުރާ މުޢާމަލާތުތަކެވެ. ޙަޤީޤީ ފައިދާ ކުރާނީ އެފަދަ ވިޔަފާރިންކަމުގައިވާތީއެވެ.

 

-  މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން