ކީރިތި ޤުރުއާން ފެނަށް ކިޔަވާފައި، ހަޑި ފެން ދާ ތަނަކަށް އެ ނޭޅުމަށް ކުރީގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަދި އެބޭކަލުން އެކަން ހިމަނުއްވާފައިވަނީ ކީރިތި ޤުރުއާނާ މެދުގައި އަދަބުވެރިވުމުގެ ތެރެއިންނެވެ. އެހެނަސް އެކަން މަނާ ކުރާނޭ ސާފު، ޞަރީޙަ ދަލީލެއް ފެންނާކަށް ނެތެވެ. އަދި އެފަދައިން ކިޔަވާފައި ހުންނަ ފެނުގައި އެ ހުންނަ އަސަރަކީ މަޢުނަވީ އަސަރެކެވެ. އެއީ ޙިއްސީ ގޮތުން މުޞްޙަފު (ޚަތިމު) ފަދައިން ފެންނަން ހުންނަ އެއްޗެއް ނޫނެވެ.
އެހެންކަމުން މިކަމުގައި ޚިލާފުން ދުރު ރައްކާތެރި ގޮތަކީ ފާޚާނާ ނޫން ސާފު ތަނެއްގައި އެފަދަ ފެނަކުން ފެން ވެރެން އޮތްނަމަ އެފަދަ ތަނެއްގައި އެކަން ކުރުމެވެ. އަދި އެފަދަ ސާފު ތަނެއް ނެތްނަމަ، ފާޚާނާއަށް އެފަދަ ފެން ވެއްދުމަކީ މައްސަލައެއް ނޫނެވެ.
"ބައްލަވާ: الآداب الشرعية لابن مفلح (2 / 456) وفتاوى اللجنة الدائمة، المجموعة الثانية (1 / 103) رقم الفتوى: (20223)، السؤال الأول"
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ