ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ ތަޙުޤީޤަށް މަޢުލޫމާތު ހޯދުމަށް ފުލުހުން ޤާއިމްކުރި ޕޯޓަލަށް މިހާތަނަށް 16 ފަރާތަކުން މަޢުލޫމާތު ހުށަހަޅާފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މީގެ ތެރެއިން 4 ފަރާތަކުން މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައްވެސް ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ފަރާތުން ދެއްވި މަޢުލޫމާތުގައި، މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު އަދިވެސް ހުޅުވާލެވިފައިވާކަމަށާއި، evidence.police.gov.mv އަށް ވަދެގެން މަޢުލޫމާތު ހުށަހެޅިދާނެކަމަށް ބުނެފައިވެއެވެ. އަދި މަޢުލޫމާތު ހުށަހަޅާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމަށް ފުލުހުން ޔަޤީންކަން ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރެވިފައިވާކަމަށާއި، އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިސްތިއުފާ ދީފައިވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ހައުސިންގ މިނިސްޓްރީގެ ކުރީގެ 4 އޮފިޝަލެއްގެ ޕާސްޕޯޓު ހިފަހައްޓައި، އެ ފަރާތްތަކާމެދު ދަޢުވާކުރުމާމެދު ގޮތެއް ނިންމުމުގެ މަރުޙަލާ ފަށާފައިވާކަންވެސް ފާހަގަކުރެވެއެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަކީ ގިނަ ރައްޔިތުންނާ ގުޅުންހުރި މުހިންމު މައްސަލައެއްކަމަށްވުމާއެކު، މި މައްސަލައިގެ ތަޙުޤީޤު އަވަސް މުއްދަތެއްގައި ނިންމައި، ކަމާގުޅޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.