އަންނަ އަހަރު އިސްކަންދޭނީ ޑިޖިޓަލް ކެމްޕެއިންތަކަށް: އެމްއެމްޕީއާރްސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަންނަ އަހަރު އިސްކަންދޭނީ ޑިޖިޓަލް ކެމްޕެއިންތަކަށް: އެމްއެމްޕީއާރްސީ

އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގައި ޑިޖިޓަލް ކެމްޕެއިންތަކަށް އިސްކަންދޭނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ. 

އެމްއެމްޕީއާރްސީ އިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ އަންނަ އަހަރަށް އެ ކުންފުނިން ރާވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެމްއެމްޕީއާރްސީން ވިދާޅުވި ގޮތުގައި ފެއަރތަކަށް ކުރާ ޚަރަދު ކުޑަކޮށް، އޮންލައިން މާކެޓިންގއަށް އިތުރަށް އަމާޒުކުރާނެއެވެ. މިގޮތުން މިދާކަށްދުވަހު ހިންގި އޮންލައިން ކެމްޕެއިނަކުން 22 މިލިއަން އިމްޕްރެޝަން ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) މެދުވެރިކޮށް ރާއްޖޭގެ މަޢުލޫމާތު ބަލާ މީހުންގެ ތެރެއިން އެންމެ 2 އިންސައްތަ މީހުން އެކަނި ރާއްޖެ ޒިޔާރަތްކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ފެއަރތަކަށް ކުރާ ޚަރަދު ކުޑަކުރުމުގެ ސަބަބުން ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އިން 3.5 މިލިއަން ރުފިޔާ ސަލާމަތްކުރެވުނު ކަމަށް އެމްއެމްޕީއާރްސީން ފާހަގަކޮށްފައިވެއެވެ.

އަންނަ އަހަރު ފަތުރުވެރިކަމުން 5 ބިލިއަން ޑޮލަރު ހޯދުމާއި، ފަތުރުވެރިންގެ އަދަދު 15 އިންސައްތަ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށްވެސް އެމްއެމްޕީއާރްސީން ހާމަކޮށްފައިވެއެވެ.

މި ބަދަލުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން