ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. ނަމަވެސް އެކަން ޤަބޫލުނުކުރާ ބައަކު އުޅެއެވެ. އެހެންވެ އެމީހުން ވަނީ ކޮންމެވެސް ފާފައެއްގެ އަޅަކަށެވެ. ތަނަވަސްކަމުގެ އަޅުކަށެވެ. ފެޝަނުގެ އަލަކަށެވެ. ނުވަތަ މަޤާމުގެ އަޅަކަށެވެ.
ޔަޤީންކުރަން އޮތް ކަމަކީ ތިމާއަކީ ﷲ ތަޢާލާގެ އަޅެއްކަން ޤަބޫލުކޮށް ކިޔަމަންތެރިވެއްޖެ މީހާ އާޚިރަތް ކާމިޔާބުކޮށްފިކަމެވެ. އިން ޝާ ﷲ. ހަމަ އެފަދައިން އެހެންކަމެއްގެ އަޅަކަށް ވެވިއްޖެނަމަ އާޚިރަތް ކާމިޔާބު ނުކުރެވި ގެއްލެނިވެގެންވާ މީހުންގެ ތެރެއިން އެމީހަކު ހިމެނިގެންދާނެ ކަމެވެ.
ވިސްނާށެވެ! ކޮންމެ މީހެއްގެ ފައިގައިވެސް ޗޭނެއްގެ ބޮޅެއްވެއެވެ. އެބޮޅުގައި ދެކޮޅު އޮވެއެވެ. ހެޔޮ ޢަމަލުކުރާ ވަރަކަށް ހެޔޮކަމުގެ ކޮޅަށް ދާނީ ބޮޅުތައް އިތުރުވަމުންނެވެ. ފާފަކުރާ ވަރަކަށް ފާފަތަކުގެ ކޮޅަށް ދާނީ ބޮޅުތައް އިތުރުވަމުންނެވެ.
ޤިޔާމަތް ދުވަހު މިންއެޅިގެންދާނީ މިބުނި ޗޭނުގެ ދެކޮޅުގައިވާ ބޮޅުތަކުގެ ޢަދަދުގައާ ބަރުމިނުގައެވެ. ބޮޑުމިނުގައެވެ. ހެޔޮކަމުގެ ކޮޅަށް ބޮޅުތައް ގިނަވެއްޖެނަމަ އެޗޭނު ތިބާ ދަމާ ގެންގޮސް ސުވަރުގެ ވައްދާނެތެވެ. ފާފަތަކުގެ ކޮޅަށް ބޮޅުތައް ގިނަވެއްޖެނަމަ އެޗޭނު ތިބާ ދަމައި ގެންގޮސް ނަރަކައަށް ވައްޓައިލާނެތެވެ. ނުވަތަ ނަރަކައަށް ތިބާ ހޫރައިލާނެތެވެ.
ވީމާ ތިބާއާއިއެކު ޗޭނުގެ ބޮޅުތައް ގިނަކުރަންވީ ކޮޅު އަމިއްލައަށް ނިންމާށެވެ! އެކަމަށް ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް އިޚްތިޔާރުތަކެއް ދެއްވވައިފައެވެ.
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން