އެނެމެ ހިތާމަވެރި ނިމުން!: އެމީހެއްގެ މަތިން ޤިޔާމަތް ދުވަހު ﷲ ތަޢާލާ ހަނދުމަފުޅުނައްތަވައިލައްވަވާނެ މީހެއްގެ ގޮތުގައި މަރުވާންޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
އެނެމެ ހިތާމަވެރި ނިމުން!: އެމީހެއްގެ މަތިން ޤިޔާމަތް ދުވަހު ﷲ ތަޢާލާ ހަނދުމަފުޅުނައްތަވައިލައްވަވާނެ މީހެއްގެ ގޮތުގައި މަރުވާންޖެހުން!

ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެމީހެއްގެމަތިން ހަނދުމަފުޅު ނައްތަވައި ލެއްވެވުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ދެރަ ނިކަމެތިކަމެވެ. އެހެނީ އެމީހަކަށް ހުރީ ނަރަކައެވެ. ސުވަރުގޭގެ ވަސް ވެސް ނުލިބޭނެއެވެ. މިކަންކަން އަހަރެމެން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެބައެނގެއެވެ. ނަމަވެސް ހިތާމައަކީ އެނގިތިބެމެ އަމަލު ނުކުރެވިގެން އުޅެނިކޮށް މަރުވެ ކައްވަޅަށް ދާންޖެހޭ ކަމެވެ. 

ހާލަތު ބަދަލުކުރުން އޮތީ ހަމަ އަހަރެމެން އިންސާނުންގެ އަތްމަތީގައެވެ. ސުވަރުގޭގެ ވަސްވެސް އެދޭނަމަ މި ދެއްކި ވާހަކަކޮޅަށް ޢިބްރަތް ޙާޞިލުކުރާށެވެ! ތިބާއަކީ ޤިޔާމަތް ދުވަހު އެމީހުންގެ މަތިން ﷲ ތާޢާލާ ހަނދުމަފުޅު ނައްތަވައިލައްވާނެ މީހުންގެ ތެރޭގައި ނުހިމެނެން ގަދައަޅައި މަސައްކަތްކުރާށެވެ! 

ތިބާ އާއި ތިބާ އުޅުނު ދުނިޔޭގެ މިލްކުވެރިފަރާތަކީ ހަމަ ﷲ ތަޢާލާއެވެ. ނަމަވެސް ދުނިޔޭގައި ތިބާ އުޅުނުއިރު އެކަންކަން ތިބާގެ ހަނދާނުން ފުހެވިފައިވީއެވެ. ވީއިރު ތިބާ މަރުވުމުން ތިބާގެ މައްޗަށް ﷲ ތަޢާލާ އޯގާތެރިވެވޮޑިގަންނަވާނެ ކަމަށް އުންމީދުކުރެވޭނެ އެއްވެސް ގޮތެއް އެބަ އޮތް ހެއްޔެވެ؟ އެފަދަ މީހުންގެ މަތިން ޤިޔާމަތް ދުވަހު ﷲ ތަޢާލާ ހަނދުމަފުޅު ނައްތަވައި ލައްވަވާނެކަން ﷲ ތަޢަލާ ވަނީ މާކުރިން ބަޔާން ކުރައްވަވައިފައެވެ. 

ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅު އެމީހަކު ބޭނުންހައިކަމެއް ކުރަމުން ބޭނުންވާހައި ގޮތަކަށް އުޅެމުން އާޚިރަތް އެދޭ މީހުންނަށްވުރެ މޮޔަ އަދި ޖާހިލު ބައަކު ނުވެއެވެ. އެހެންވެ ތިބާ ތިމަން ﷲ އާއި ދުރުކުރުވީ ކޮން ކަމެއްތޯ؟ ކޮން އެއްޗެއްތޯ ﷲ ތައާލާ ވަނީ ކީރިތި ޤްރައާނުގައި ސުވާލުކުރައްވަވައިފައެވެ. 

ދުނިޔޭގައި ހޭދަކޮށްލަން ﷲ ތަޢާލާ ދެއްވަވާފައިވާ މަދު ދުވަސްކޮޅުގައި އެމީހަކު ބޭނުން ގޮތަކަށް އުޅެވިދާނެއެވެ. ދުނިޔޭގެ ޢާބާދީއަށް ބަލައިފިނަމަ ގިނަ ބައަކު އުޅެމުން ގެންދަނީވެސް އެމީހަކު ބޭނުންހައި ގޮތަކަށެވެ. ނަމަވެސް ސުވާލުތަކެއް އެބަހުއްޓެވެ. 

ތިބާ އުފަންވުމުގެ ކުރިން ތިބާ އުޅުނީ ކޮންތަނެއްގައި ހެއްޔެވެ؟ ހަމަލޮލަށް ނުވެސް ފެންނަ ކުޑަކުޑަ ފަންޏެއްގެ ސިފައިގައި ތިބާގެ މައިމީހާގެ ބަނޑުގައި އަށަގަތުމުގެ ކުރިން ތިބާ ކޮބައިހެއްޔެވެ؟ 3 ލޭޔަރުގެ އެތެރޭގައި މައިމީހާގެ ބަނޑުގައި ތިބާ ހޭދަކުރި މުއްދަތުގައި ތިބާއަށް އެހީތެރިވީ ކާކު ހެއްޔެވެ؟ މައިމީހާގެ ބަނޑުގައި އަށަގަތް ފަނި ބޮޑުވެ އިންސާނެއްގެ ސިފަ ޖެއްސީ ކާކުހެއްޔެވެ؟ 

ދިރިހުރުމަށް ބޭނުންވާ ނިޒާމް ފުރިހަމަކޮށްދިނީ ކާކުހެއްޔެވެ؟ 2،3 ކިލޯގެ ބަރުދަނުގައި އުފަންވިއިރު، އަނގައިން ނުބުނެވޭ ފިރުކި ނުގަނެވޭ ރުއިން ނޫން ކަމެއް ނުކުރެވޭ ހާލަތުން މިއަދު ތިބާ ބޮޑުވެ ބިޔަ ވަރުގަދަ މީހަކަށް ވެފައި ތިއަ ހުރީ ކާކު ކީއްކޮށްދީގެން ހެއްޔެވެ؟ މިހުރިހާ ސުވާލުތަކުގެ ޖަވާބަކީވެސް ހަމަ ﷲ ތަޢާލާ ނޫން ހެއްޔެވެ؟ 

ތިބާ ބޮޑުވެ އަމިއްލައަށް އުޅުމުގެ ބާރު ﷲ ތަޢާލާ ދެއްވެވުމުން މިހާރު ﷲ ތަޢާލާގެ މަތިން ހަނދާނެއް ނެތެވެ. ހަނދާން ހުންނަނީ ދުނިޔަވީ އުފާތަކުގެމަތިންނެވެ. ލޯބިވެރިންނާއި ބަނގުރަލާއި، ފޭސްބުކާއި މިހެންގޮސް ބައިވަރު އިތުރު ކަންތައްތަކުގެ މަތިންނެވެ. ﷲ ތަޢާލާގެ މަގު ދޫކޮށް ތިއަ ހިނގަނީ ޝައިޠާނާ ދައްކާމަގުންނެވެ. 

އެމަގުން ހިނގަމުން ކުރިއަށް ދަނިކޮށް ކުއްލިއަކަށް މަރު އައިސް ކުރިމަތިލަނީއެވެ. އެހިސާބުން ދެން ކަންތައްތައް މެދުވެރިވާނެ ގޮތް ﷲ ތަޢާލާ ވަނީ މާކުރިން ބަޔާން ކުރައްވަވައިފައެވެ. މަރުވުމުން ފެށިގެން ދެމިއޮންނަން ޖެހޭނީ ގަދަފަދަ ޢަޒާބުގައިކަން ވަނީ ބަޔާންކުރައްވަވައިފައެވެ. ނަމަވެސް ތިބާ އެކަމަށް އެއްވެސް ސަމާލު ކަމެއް ނުދިނީއެވެ. ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށްލައި ޝައިޠާނާގެ މަގުގައި އުޅެނިކޮށް މަރުވެ އަޒާބު ލިބެން ފެށުމުން އެކަން ކުށްވެރި ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

މިއަދު އޮންލައިން