އަނބިމީހާ ވަޒިފާ އަދާކޮށްގެން ނުވަތަ އަމިއްލަ މަސައްކަތެއް ކޮށްގެންވެސް އާމްދަނީ ހޯދުމަކީ އަނބިމީހާއަށް ކުރަންޖެހޭ ޚަރަދު ނުކުރަން ދެއްކޭނެ ޢުޒުރެއް ނޫނެވެ. އަނބިމީހާގެ ޚަރަދުތައް ކުރުމަކީ ފިރިމީހާގެ ވާޖިބެކެވެ. މަސްއޫލިއްޔަތެކެވެ.
މިކަމުގައި ޚިޔާލުތަފާތުވެ މައްސަލަ އުފެދެނީ ދެމަފިރިންގެ މެދުގައި މަޝްވަރާ ނުކުރެވޭތީއެވެ. މަޝްވަރާކޮށް ދެމީހުންވެސް ރުހޭ ގޮތަށް ކަންކަން ކުރާނަމަ މައްސަލައަކަށް ނުވާނެއެވެ.
ބައެއް ޙާލަތުގައި ފިރިމީހާއަށްވުރެ ގިނައިން އަނބިމީހާއަށް އާމްދަނީ ލިބިދާނެއެވެ. އަދި ފިރިމީހާއަށް އޭނާގެ އަމިއްލަ ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައްވެސް ބޮޑުވެދާނެއެވެ. މިޙާލަތުގައި ދެމަފިރިންގެ މެދުގައި މަޝްވަރާކުރާށެވެ. ދެމަފިރިންނަށް އެއްބަސްވެވޭ ގޮތަކަށް ކަންކަން ޙައްލުކުރާށެވެ!
މިފަދަ ޙާލަތްތަކުގައި ގިނަ ފަހަރު މައްސަލަ ޙައްލުނުކުރެވޭ ސަބަބަކަށްވަނީ ތެދުވެރި ނުވުމެވެ. ގަދަބާރު ދައްކަން އުޅުމެވެ. އަނބިމީހާގެ މައްޗަށް ގަދަބާރުހިންގައި ނުފޫޒު ގަދަކުރަން އުޅެވޭކަމެވެ. އެކަންކަމަކީ ވަރަށް ނުރަނގަޅު ސިފަތަކެވެ.
އަހުރެންގެ ވަރަށް ގާތް، ޒުވާން ދެމަފިރިއެއްގެ މެދުގައި މިފަދަ ކަމެއް ދާދިފަހުން ހިނގިއެވެ. ފިރިމީހާގެ ކޮއްކޮގެ 5 ދަރިން ތިއްބައި ކުއްލިއަކަށް ނިޔާވީއެވެ. އެކުދިންގެ ބެލެނިވެރިކަން ފިރިމީހާއަށް ބަދަލުވީއެވެ.
އެޙާލަތުގައި އަނބިމީހާ އާއި މަޝްވަރާކުރުމުން ބުންޏެވެ. "ދެން ގޭގެ ޚަރަދަށް ނުވިސްނާށެވެ! އެކަން އަހުރެންގެ މުސާރައިން ހަމަޖައްސަން މަސައްކަތްކުރާނަމެވެ. ދަތިވެއްޖެނަމަ ބުނާނަމެވެ. ކޮއްކޮ މެންނާއި ފަހަރީގެ ކަންކަން ތިބާގެ މުސާރައިން ހަމަޖައްސަން މަސައްކަތްކުރާށެވެ!"
ދެން ކަންކަން ވީގޮތް އެނގޭ ހެއްޔެވެ؟ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެމަފިރިންގެ ވަޒީފާވެސް މަތިވީއެވެ. ލިބޭ މުސާރަ ބޮޑުވީއެވެ. ޔަތީމް 5 ކުދިންނާއި ހުވަފަތް އަނބިމީހާއަށް ޚަރަދުކުރުމަކީ އެއްވެސް ތަކްލީފަކަށް ނުވިއެވެ.
މިދެމަފިރިންގެ ކަންކަމަށް ބެލިނަމަވެސް އަހުރެން ފުރަތަމަ ފާހަގަ ކުރާނީ ދެމަފިރިން މަޝްވަރާކުރިކަމެވެ. ދެވަނައަށް ފާހަގަކުރާނީ އަނބިމީހާ ފިރިމީހާ ދެކެލޯބިވާވަރާއި އަނބިމީހާގެ ދީލަތިކަމެވެ. 3 ވަނައަށް އޮތީ އެންމެ ބޮޑު ކަންތަކެވެ. އެއީ ޔަތީމް 5 ކުދިން ބަލަން ޖެހުމުންވެސް ޒިންމާ އުފުލަން ފަސްނުޖެހުނީތީ ލިބުނު ބޮޑު ރަޙްމަތެވެ.
ނިކަމެތިންނަށް އެހީތެރިވުމާއި ޚާއްޞަކޮށް ޔަތީމްކުދިންނަށް އެހީތެރިވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން އެދި ކުރަން އޮތް އެންމެ ހެޔޮ އެއްކަންތަކެވެ. އެކަމަށް އަބަދުވެސް ހިތްވަރު މިދެނީ މިފަދަ ކަންކަން އަބަދުހެން ފެންނާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަނބިންނަށް މުސާރަ ނުވަތަ އާމްދަނީ ލިބޭނަމަ އަނބިންނަށް ބައެއް ފިރިން ޚަރަދުނުކުރާ މައްސަލައިގެ ޝަކުވާ ކިޔުންތެރިންގެ ކިބައިން ލިބެމުން އަންނާތީ އެކަން އޮތްގޮތް ވެސް ހާމަކޮށްލާނަމެވެ.
ސުވާލު:. އަނބިމީހާއަކީ ޖޮބަށް ދާ ކުއްޖެއް. ފިރިމީހާ ބުނަނީ އަނބިމީހާއަށް ރުފިޔާ ނުލިބޭ ނަމަ ޚަރަދުކުރާނަމޭ. އަނބިމީހާއަށް އެއްވެސް ޚަރަދެއް ނުކުރޭ. ގޭ މީހުންނަށް އެކަނި ޚަރަދުކުރަނީ. މި ކަމުގައި ފިރިމީހާ ކުށްވެރިވާނެތޯ؟ އަދި އަނބިމީހާއަށް ލިބޭ ނަމަ ފިރިމިހާ ރުފިޔާ ދޭކަށް ނުޖެހޭނެތޯ؟ މި ކަން އޮންނަ ގޮތެއް ބުނެދެއްވާ؟ ޚަރަދުނުކުރާ ފިރިއެއް ކައިރިން ވަރިއަށް އެދެވިދާނެތޯ؟
ޖަވާބު:. ފުރަތަމަ ކަމަކީ އަނބިމީހާ ޖޮބަށް ދެވޭނީ ފިރިމީހާގެ ހުއްދަ އޮވެގެން. ފިރިމީހާ މަނާކޮށްފި ނަމަ ނުދެވޭނެ. އަނެއް ކަމަކީ އަނބިމީހާ ޖޮބަށް ގޮސްގެން ފައިސާ ލިބުނު ކަމުގައިވީ ނަމަވެސް، އެއީ ފިރިމީހާ އޭނާ ކުރަން ޖެހޭ ޚަރަދުތަކުން ތަނާޒުލްވެގޭނެ ކަމެއް ނޫން.
އަނބިމީހާއަށް ލިބޭ ފައިސާއިން އެއްވެސް މިންވަރެއް އާއިލާއަށް ޚަރަދުކުރާކަށް ނުޖެހޭނެ. އޭނާ އަމިއްލައަށް ހިތުން ރުހުމުން ދިން އެއްޗެއް ބޭނުންކުރެވިދާނެ. ވީމާ ޚަރަދުކުރުމަކީ ފިރިމީހާގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް. ފިރިމީހާ އޭނާގެ މައްޗަށް ވާޖިބުވެފައިވާ ޚަރަދުތައް އަދާކޮށްނުދޭ ނަމަ، ވަރިއަށް އެދުމުގެ ހައްގު އަނބިމީހާއަށް ލިބިގެންވޭ.
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް