މިޙަދީޘްފުޅަށް ވިސްނާނަމަ ވަރި ބޮޑުތަނުން މަދުކުރެވޭނެ! މާއުފަލުގައިވެސް ދިރިއުޅެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
މިޙަދީޘްފުޅަށް ވިސްނާނަމަ ވަރި ބޮޑުތަނުން މަދުކުރެވޭނެ! މާއުފަލުގައިވެސް ދިރިއުޅެވޭނެ! އިން ޝާ ﷲ

ތުންފަތުގައި ބިއްސެއް ޖަހައިފިނަމަ ތުންފަތް ކަނޑާލުމަކީ ޙައްލެއް ހެއްޔެވެ؟ ހަމަ ޤައުމުވެސް ކޮންމެ މީހަކުވެސް އެމީހެއްގެ ގުނަވަނެއް ކަނޑާލަން އެއްބަސްވާނީ ފުރާނަ ސަލާމަތްކުރަން ކުރެވޭނެ އިތުރު އެހެން ކަމެއް ނެތުމުންނެވެ. ކައިވެނި ރޫޅާލުމަކީވެސް ހަމަ މިފަދަ ކަމެކެވެ.  

ކޮންމެ ކައިވެންޏެއް ރޫޅާލަނީ ރޫޅާނުލައި ވާން ނެތިގެނެއް ނޫނެވެ. މަޖުބޫރުވެގެނެއް ނޫނެވެ ކައިވެނި ސަލާމަތްކުރެވޭނެ މަގުތައްވެސް ފެންނަން އޮއްވައެވެ. ނަމަވެސް ނުވިސްނެނީއެވެ. ކުރިމަތިވާ ޙާލަތެއްގެ ސަބަބުން މާބޮޑަށް މާޔޫސްވެވެނީއެވެ. އެންމެ ބޮޑު ހިތާމައަކީ ކައިވެނިރޫޅައިލުމާއިބެހޭ ގޮތުން ހުރި އާޔަތްތަކާއި ޙަދީޘްފުޅުތަކަށްވެސް ބަލައި ނުލެވޭ ކަމެވެ.  

ﷲ ތަޢާލާ ގަންދީ ބުނަމެވެ. ދެމަފިރިއަކު ކައިވެނި ރޫޅާލަން ކޯޓަށްދާން ތައްޔާރުވިއެވެ. ވަކީލުންނާއި ގުޅައި ކަރުދާސްތައްވެސް ތައްޔާރުކުރިއެވެ. އެހެނަސް ދެމަފިރިންނަށް މި ޙަދީޘްގެވާހަކަ އަޑުއިވުމުން ދެމަފިރިން އެ ހަދީޘަށް ޢަމަލުކުރިއެވެ. ކައިވެނި ރޫޅައިލުން އެހިސާބުން ނިމުމަކަށް އައެވެ. އެ ޙަދީޘަށް ޢަމަލުކުރަން ފެށުމުން އެދެމަފރިންގެ ލޯބި ކުރިއަށްވުރެ މާވަރުގަދަވިއެވެ. އެދެމަފިރިންގެ މެދުގައި މިހާރުވެސް މައްސަލައެއް ޖެހިއްޖެ ނަމަ ޢަމަލުކުރަނީ އެ ޙަދީޘްފުޅަށެވެ.  

އެހަދީޘްފުޅަކީ "އީމާންތެރި އަންހެނަކަށް ނަފްރަތުކުރުމަކީ އީމާންތެރި ފިރިހެނަކު ކުރުން އެކަށީގެންވާކަމެއް ނޫން ކަމަށާއި އޭނާގެކިބައިން ނުބައި ސިފައެއް ފެނިއްޖެނަމަ އޭނާގެކިބައިގައި ހުރި ރަނގަޅު ސިފައަކަށް ވިސްނުމަށް" ރަސޫލް () ޙަދިޘްފުޅުކުރައްވަވާފައިވާ ޙަދީޘްފުޅެވެ.  

ވިސްނަންވީ ކަމަކީ އުނިސިފަތައް ހުންނަނީ އަނބިންގެކިބައިގައި އެކަނި ނޫން ކަމެވެ. ފިރިންގެކިބައިގައިވެސް އުނިސިފަތައް ހުންނަކަމެވެ. ވީމާ ކަމެއް ދިމާވާއިރަށް އަނެކާ ކުށްވެރިކުރާއިރު ތިމާގެ ކިބައިގައި ހުންނަ އުނިސިފަތަކަށްވެސް ވިސްނަންވާނެއެވެ!  

ފިރިމީހާ ރަނގަޅުގޮތުގައި އަނބިމީހާގެ ކަންކަން ބަލަހައްޓައި ޙައްޤުތައް އަދާކުރަމުންދަނިކޮށް ފިރިމީހާއަށް ޝުކުރުވެރިނުވާ އަންހެނަކަށް ﷲ ތަޢާލާ ރަޙުމް ނުކުރައްވަވާނެކަން އެއީ ޙަދީޘުން އެނގެން އޮތް ކަމެކެވެ.  

ޝައިޠޯނުން ކުރާ ޢަމަތަކުގެ ތެރެއިން އެންމެ ބޮޑު ޝައިޠޯނާ، އިބިލީސް އެންމެ ބޮޑަށް އުފާވާ ކަމަކީ ދެމަފިރިންގެ މެދުގައި ނަފްރަތު އުފައްދައި ދުރުކުރުވުންކަން އެއީ އެނގެން އޮތްކަމެކެވެ. ދެމަފިރިން ދުރުކުރުވާ ޝައިޠޯނުންނަށް އިބިލީހުގައި އެންމެމަތީ ދަރަޖަދީ، އެ ޝައިޠޯނުންގެ ބޮލުގައި ތާޖުބަހައްޓައި އެޝައިޠޯނުންގެ ޝަރަފުގައި ޖާފަތްދިނުމަކީ އިބިލީސްކުރާ ކަންކަމެވެ.  

މިރޭ ބަހެއް މިބުނީ އެކެއްގެ ނުބައި ނުލަފާކަމާއި ޖައްބާރުކަން ބޮޑުވެގެން އެކުގައި ދިރިއުޅެވެން ނެތިގެން، ނުވަތަ އެކެއްގެ ދުލުގެ ނުބައިކަމާއި އަތުގެ އަނިޔާވެރިކަން ބޮޑުވެގެން ނުވަތަ އެކެއްގެ ކިބައިގައި ލޯތްބެއް ކުލުނެއް އަދުލުވެރިކަމެއް އަދި އިޙްޞާންތެރިކަމެއް އަދި އިންޞާފެއް ވެސް ނެތިގެން ރޫޅައިލަންޖެހޭ ކައިވެނިތަކާއިބެހޭގޮތަކުން ނޫނެވެ. އެކުގައި ރިވެތިކޮށް އުޅެމުން ދަނިކޮށް އެދެމެދަށް ޝައިޠޯނާ ވަދެ ފިތުނަ އުފައްދުވައިގެން ރޫޅައިލުވާ ކައިވެނިތަކާއިބެހޭގޮތުންނެވެ.  

ފުރަތަމަ ކަމަކީ ވަރިކުރުމަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ ކަންތައް ނަމަވެސް ވަރިކުރުމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެކެވެ. ސުވާލަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ކުރުވުމުން އިބިލީސް މިހައިބޮޑަށް އުފާކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ޖަވާބު އޮތީ ވަރަށް ސާފުކޮށް އެނގޭށެވެ! 

ފުރަތަމަ ކަމަކީ ހެޔޮގޮތުގައި ދެމަފިރިއަކު ދިރިއުޅެމުންދާއިރު ޝައިޠޯނާއަށް އެދެމަފިރިންގެ މައްޗަށް ބާރު ހިންގޭނީ ވަރަށް ކުޑަކުޑަމިންވަރަކަށެވެ. ނަމަވެސް ވަރިކުރުވިއްޖެނަމަ ބާރުހިންގަން އެތައް ގުނައަކަށް ފަސޭހަވެގެންދެއެވެ. ނުބައި އަމަލުތައް ކުރުވަން ޝައުޤުވެރިކުރުވަން ފަސޭހަވެ އެކަމަށް ފުރުޞަތު ފަސޭހަވެގެންދެއެވެ. ޚާއްޞަކޮށް ފާހިޝް އަމަލުތައް ކުރުވުމަށެވެ.  

ދެން އޮތީ އެންމެ ނުރައްކައުތެރިބައެވެ. އެއީ ދަރިން ހަލާކުރުކުރުމެވެ. މައިންބަފައިން ވަކިވުމަކީ ދަރިންނަށް ލިބޭ އެންމެ ބޮޑު ނިކަމެތިކަމެވެ. މައިންބަފައިން އެކުގައި ދިރިއުޅެ ދަރިން ބަލަހައްޓަން މަސައްކަތްކުރާިއރުވެސް ގިނަ ފަހަރަށް އޮންނަނީ އެކަން ނުކުރެވިފައެވެ. ވީއިރު ދެމަފިރިން ވަކިވެ ދެތަންވުމުން ދަރިން ބެލެހެއްޓުމުގައި އަންނާނެ އުނިކަން ނިކަން ހިތަށް ގެނެސްބަލާށެވެ!  

ޅައުމުރުގެ ކުޑަކުދިން ނުބައި މަގުތައް ޚިޔާކުރުން ގިނަވަމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީ މައިންބަފައިން ދެތަންވެ ދަރިން ނުބެލެހެއްޓުމެވެ. ތަރުބިއްޔަތުނުކުރެވުމެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ފާހިޝް އަމަލުތައް ކުރުމުގެ ތެރެއަށް ދަރިން ވެއްޓިގެންދާ އެންމެ ބޮޑު އެއް ސަބަބަކަށްވެފައި އޮންނަނީވެސް ކައިވެނި ރޫޅި ދެމަފިރިން ދެތަންވުމެވެ.  

ވީމާ ކައިވެނި ރޫޅުން ވެގެންމިދަނީ ޖީލު ހަލާކުގެ ތެރެއަށް ވައްޓާލަން ޝައިޠޯނުންނަށް އެންމެ ބޮޑަށް ފުރުޞަތުލިބި މަގުފަހިވާ ސަބަބުކަމުގައެވެ.  

- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން