ގިނަ މިސްކިތްތަކަށް ބަލައިފިނަމަ އިމާމް މީހާ ސުންނަތާއި އެއްގޮތަށް ނަމާދަށް ސަފުތައް ރުކުރުވާލަން ގޮވާލުމާއިއެކު ވިއްދައިގެން ފޯނުތައް ނިއްވާލަން ހަނދާންކޮށްދެއެވެ. ނަމަވެސް ޖަމާޢަތުގައި ކުރެވޭ ނަމާދެއް ނިމިގެންދާއިރު އެއްފޯނަށްވުރެ ގިނަ ފޯނުގެ ރިންގުގެ އަޑު އިވި ގިނަ ބައެއްގެ ނަމާދަށް އެކަމުން ގެއްލުންލިބެއެވެ. ނަމާދުން ބޮޑު ބައެއް އުނިވެގެންދެއެވެ.
އަވަސްވެފައި ހުރުމުން ނުވަތަ ހަނދާން ނެތިގެން ނަމަވެސް ފޯނު ނިއްވައިނުލެވި އޮއްވައި ރިންގްވާން ފަށައިފިނަމަ ގިނަ މީހުން ފޯނު ނަގައި ނިއްވާނުލަނީ، ނުވަތަ ރިންގގެ އަޑުއަޑު ކަނޑުވައި ނުލަނީ އެކަމުގެ ސަބަބުން ތިމާކުރާ ނަމާދަށް އުނިކަން ލިބިދާނެކަމަށްޓަކައެވެ. އެގޮތަށް ވިސްނާ މީހުން، ތިމާގެ ސަބަބުން އެތައް ބައެއްގެ ނަމާދުން އުނިވެގެން އެބަދާކަމާއި އެކަމުގެ ޒިންމާ އުފުލަން ތިމާއަށް ޖެހޭނެ ކަމާއިމެދު ވިސްނައިނުލަނީ ކީއްވެގެންބާވައެވެ!
ކޮންމެއަކަސް މިއީ ޙައްލުނުކުރެވި ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. އެހެންކަމުން މިކަމުގެ ބޮޑުކަމާ އެޙާލަތުގައި ޢަމަލުކުރަން އޮތް ގޮތް ހަނދުމަކޮށްދޭނަމެވެ. އިން ޝާ ﷲ
ޝައިޠޯނުންނަށް ކަންކަން އެނގޭތީ ނަމާދަށް ތިބިމީހުންގެ ތެރެއިން ފޯނު ސައިލެންޓަށް ނުލާ މީހުން ޝައިޠޯނާއަށް އެނގެއެވެ. އެނގުނީމަ ނަމާދަށް ފެށޭއިރަށް އޭނާ އާއި ގުޅުންހުރި ކޮންމެ ވެސް މީހެއްގެ ބޮލަށްވަދެގެން އޭނާގެ ފޯނަށް ރިންގކުރުވަނީއެވެ. ރިންގ ކުރުވައި ނަމާދުގެ ޖަމާޢަތް ނަމާދުން ބޭރުކޮށްލުވަނީއެވެ!
އެވަޤުތު ފޯނުގެ ވެރިމީހާ ގާތުގައި ބުނާނެއެވެ! "ނުނަގާށެވެ! އިތުރު ޙަރަކާތަކަށްވެ ކަލޭގެ ނަމާދު ބާޠިލްވެދާނެއެވެ."
އިއްޔެގެ މެންދުރު ނަމާދެވެ. ފަހު ރަކްޢަތަށް ތެދުވީންސުރެ ސަލާންދީ ނިމެންދެން ފޯނެއް ރިންގވަނީއެވެ. ޖަމާޢަތުގައި ތިބި އެންމެންގެ ނަމާދުހަލާކުވީއެވެ. އިތުރު ޙަރަކާތަކަށްވެދާނެތީ ފޯނުގެ ވެރިމީހާ ފޯނު ނިއްވައިލީ ނަމާދު ނިމިގެންނެވެ.
ސުވާލަކީ އެފޯނުގެ ރިންގކަނޑާލަން އަތްނުލީތީ އޭނާއަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވުނު ހެއްޔެވެ؟ ޖަމާޢަތުގައި ތިބި އެހެންމީހުންނަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވުނުހެއްޔެވެ؟ ދެން ބުނާނީ އެއީ ޤަޞްދުގައި ކުރިކަމެއް ނޫންކަމަށެވެ. ﷲ ބައްލަވައިވޮޑިގެންވަނީ ހިތަށް ކަމަށެވެ.
އެފަދަ މީހުންނަށް ބުނަން އޮތީ އެހެން މީހުންގެ ނަމާދު ހަލާކުވެގެންދިއައިރު ފޯނު ނަގައި ނިއްވައިނުލީ އަމިއްލައަށް، ޤަޞްދުގައި ނޫންހެއްޔެވެ؟ އެހެންކަމަށްވީއިރު އެކަމުގެ ފާފައިން ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟
ނަމާދަށް ހުއްޓައި ފޯނު ރިންގވާނަމަ ޢަމަލުކުރަން އޮތް ގޮތް:
"ނަމާދަށް ހުއްޓާ ފޯނުވެއްޖެ ނަމަ ނަގާފަ ނަމަވެސް ނިއްވާލާށެވެ! ނަމާދަށް ހުއްޓައި ފޯނު ރިންގވެއްޖެނަމަ ރިންގ ނުވާނެ ގޮތް ހެދުމަކީ އިތުރު ޙަރަކާތަކަށް ނުވާނެ އެވެ! ތިމާ އާއި އެހެން މީހުންގެ ނަމާދަށް އުނދަގޫވުމުން ސަލާމަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ!"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އިތުރު ލިޔުމެއް:
މިހާރަކަށް އައިސް ކޮންމެ މީހަކީވެސް އަތުގައި 1 ފޯނު ގެންގުޅޭ މީހެކެވެ. އެއް ފޯނަށް ދެ ސިމް ލެއްވޭއިރުވެސް އެވަރު މަދުވެގެން 2 އަތުން 2 ފޯނު ގެންގުޅޭ މީހުންވެސް އެބައުޅެއެވެ. ގިނަ ބައަކު ނަމާދަށް އަރަނީ ފޯނު ނުވަތަ ފޯނުތައް ހިފައިގެންނެވެ. ނަމާދުގެ ކުރިން ފޯނު ނިއްވާލަން ނުވަތަ ސައިލެންޓަށް ލާން ބޭނުންވި ނަމަވެސް ހަނދާންނެތި އެކަން ނުކުރެވޭ ފަހަރު އައުދެއެވެ.
މިހާރަކަށް އައިސް ބަންގި ގޮވުމުން ނަމާދުކުރަން އަވަސްވެގެންނަ މީހުން މަދެވެ. އެފަދަ މީހުންނަށް ނަމާދަށް ބަންގިގޮވާ ވަގުތު ނުވެސް އެނގެއެވެ. އެމީހާ އެކަމަށް ސަމާލުކަން ނުދޭތީ އަނެކާ ހުންނާނީ ނަމާދަށްކަމަށް ނުވިސްނައި ފޯނުކުރެއެވެ.
މިފަދަ ޙާލަތު މެދުވެރިވުމުން ޖީބުގައި ފޯނުބާއްވައިގެން ނަމާދުކުރާ ބައެއް މީހުން ފޯނު ކަނޑާލައެވެ. ކަނޑާލާއިރަށް އަނެއްކާވެސް ގުޅައެވެ. 3،4،5 ފަހަރުވެސް ގުޅައެވެ. ކުރިމަތީގައި ފޯނު ބާއްވައިގެން ނަމާދުކުރާ މީހުން އިތުރު ޙަރަކާތަކަށްވެދާނެތީ އެކަމަށް އަޅައިވެސް ނުލައެވެ.
މިފަދަ ކަންކަން މެދުވެރިވުމުން މައްސަލަ ކުރިމަތިވަނީ ހަމައެކަނި ފޯނުގެ ވެރިމީހާއަކަށް ނޫނެވެ. ޖަމާޢަތުގައި ނަމާދުކުރަން ތިބޭ ގިނަބައަކަށް ނުވަތަ އެންމެންނަށްހެން އުނދަގޫވެއެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ގެއްލިގެންދެއެވެ. ވީމާ ޤަޞްދެއް ނެތްނަމަވެސް އެކަމުގެ ސަބަބުން ގިނަބައެއްގެ ނަމާދަށް އުނިކަން ލިބިގެންދެއެވެ.
މިއީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ! މިއީ ވަރަށް ބޮޑު ކަމެކެވެ. އެތައް ބައެއްގެ ނަމާދަށް އުނިކަން އަންނަކަމެއް ތިމާގެފުށުން ކުރެވުމަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ! މިކަމުގައި ޝައިޠޯނާވެސް އޭނާގެ ދައުރު އަދާކުރެއެވެ. ނަމާދަށް ހުންނަ މީހާއަށް ގުޅަން އެހެން މީހަކަށް ވިސްނައިދީ ގުޅުވައެވެ. އެއީ މީސްތަކުންގެ ނަމާދު ހަލާކުކުރުވުމުގެ ބޭނުމުގައެވެ. ޚުޝޫޢަތްތެރިކަމުން ދުރުހެލިކުރުވުމަށެވެ.
ވީމާ ފުރަތަމަ ކަމަކީ ނަމާދަށް ފެށުމުގެ ފޯނު ނިއްވާލުމަށް ސަމާލުކަން ދިނުމެވެ. ނިއްވައި ލެވެން ނެތް މީހާ ސައިލެންޓަށްލާށެވެ! ނުވަތަ އެއާޕްލޭން މޯޑަށްލާށެވެ! ހަނދާން ނެތިގެން އެކަން ނުކުރެވި ނަމާދަށް ހުއްޓައި ފޯނު ރިންގވެއްޖެނަމަ ނަގައި ރިންގނުވާނެގޮތް ހަދާށެވެ! ތިމާގެ ސަބަބުން އެހެން ބައެއްގެ ނަމާދަށް އުނިކަން ލިބުމުން ސަލާމަތްކުރުވުމަށެވެ!
މިދެއްކީ ޖަމާއަތުގައި ނަމާދުކުރުމުގެ ވާހަކައެވެ. އެކަނިހުރެ ނަމާދުކުރިނަމަވެސް ހަމަ މިގޮތަށް އަމަލުކުރާށެވެ! މިސްކިތުގައި ތިބޭ އެހެން މީހުންނަށް އުނދަގޫވިއަ ނުދިނުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން