އެއްއިރު ކައިގެން ހުންނަން ޖެހުނަސް ދަރަނިވެރިނުވާށެވެ! ނުކައިހުރެވެސް މީސްތަކުންގެ ޙައްޤުތައް އަދާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އެއްއިރު ކައިގެން ހުންނަން ޖެހުނަސް ދަރަނިވެރިނުވާށެވެ! ނުކައިހުރެވެސް މީސްތަކުންގެ ޙައްޤުތައް އަދާކުރާށެވެ!

ދަރަނިވެރިވުމަކީ ފެޝަނަކަށް ހަދައިފިއެވެ. މަކަރާއި ހީލަތް ހެދުން ޢާންމުވެއްޖެއެވެ. މިހުރީ އެކަނަކަމަށް މުސްލިމުން ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭނެ ކަންކަމެވެ. ދާދިމަދު ދުވަސްކޮޅެއްގެ ތެރޭގައި މިއަހަރުގެ ރަމަޟާން މަސްވެސް މީސްތަކުންނާއި ބައްދަލުކުރާނެއެވެ. ހިފާ ރޯދައަކީ ރޯދައަކަށް ހެދުމަށް މިހާރުންސުރެ މަސައްކަތްކުރަންޖެހިފައިވާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓުވެ! 

މީހުންގެ ޙައްޤުތަކަށް އަރައިގަނެ މީހުންގެ މުދާ ދިރުވާލައިގެން ތިބެ ރޯދަ ހިފުމަކީ ވިސްނަންޖެހޭނެ ކަމެކެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭނެ ކަންކަމުގެ ތެރޭގައި މީސްތަކުންގެ ހައްޤުތައް ފުރިހަމައަށް އަދާކުރުން ހިމެނެއެވެ. ތިމާގެ ނަފްސް ޠާހިރުކުރަން ޖެހޭނެއެވެ. އެހެން މީހުންގެ ހައްޤުތައް އަދާކުރުމަކީ ނަފްސް ޠާހިރުކުރުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. 

މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދައި ފައިސާ ދައްކަންޖެހޭ ދުވަސް އައުމުން އެކަމާއިމެދު އެއްވެސް ވަރަކަށް އަޅައިވެސް ނުލާބައަކު އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެއެވެ. އަނބުރާ ފައިސާ ދޭން ބުނި ދުވަސް އައުމުން ތިމާއަށް ފައިސާ ދިން މީހާ ފެނުމުން އެއީ ނުވެސް ދަންނަ މީހަކަށް ހަދައި އަޅައިވެސް ނުލާ މީހުން އެބައުޅެއެވެ. އެފަދަ ކަންކަމަކީ މުސްލިމުން އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަންކަން ނޫނެވެ. 

މަކަރާއި ޙީލަތުން ފައިސާ ހޯދުމަށްފަހު ނުވަތަ ތިމާއަށް ބޭނުމެއް ޖެހިގެން ފައިސާ ހޯދުމަށްފަހު އެކަމަށް ޚިޔާނާތްތެރިވުމަކީ މީހުން ބުރަމަސައްކަތްކޮށްގެން ހޯދާ އެމީހުންގެ މުދާ ދިރުވައިލުމެވެ. އެފަދަ ކަންކަން ކުރާއިރު ތިމާގެ އަމަލުތައް ހިސާބުކުރެވޭނެ ދުވަހެއް އޮތްކަމާއި މީސްތަކުންގެ ހައްޤުތައް އަދާކުރަން ޖެހޭނެ ދުވަހެއް އޮތްކަމަށް ވިސްނައި ބިރުވެޔިވާންޖެހޭނެ އެވެ. 

އަނބުރައި ދެއްކޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތި ދަރަނިވެރިނުވާށެވެ! ނުކުރެވިހުރިކަމެއް ނުކޮށް ފުއްދައިލާށެވެ! އަނބުރައި ދެއްކޭނެ ގޮތެއް ނެތި ދަރަންޏަށް ނަގައި ނުދެއްކިއްޖެ ނަމަ އެއީ މިންވަރުފުޅުކަމަކަށްވެސް ނުބުނެވޭނެއެވެ! އެއީ ތިބާ ދަރަނި ނެގީ ނުދެއްކިދާނެކަން އެނގިހުރެކަމަށްވާތީއެވެ. 

އަނބުރައި ދެއްކޭނެ ގޮތެއް ނެތި ދައްކާނެ ކަމަށްބުނެ ދަރަންޏަށް ފައިސާ ނުވަތަ ތަކެތި ހޯދުން މަކަރާއި ޙީލަތުގެ ޢަމަލަކަށްވެސްވެގެން ހިނގައިދާނެއެވެ. ވީމާ ބިރުވެތިވާށެވެ! ދަރަނިވެރިނުވާށެވެ! ދަރަނި ވާނީ އެހެންމީހަކަށް އަދާކުރަންޖެހޭ ޙައްޤަކަށެވެ. އެހެން މީހުންނަށް އަދާކުރަންޖެހޭ ޙައްޤަކަށް ﷲ ތަޢާލާ ޢަފޫނުކުރައްވަވާނެތެވެ! ޖެހޭނީ ހަމަ ބަދަލުދޭށެވެ! ބަދަލުގައި ދޭނެ ހެޔޮކަން ނެތްނަމަ ޖެހޭނީ އޭނާކޮށްފައިވާ ބޮޑެތި ފާފަތަކާއި ހަވާލުވާށެވެ! 

މިއީ ކާކަށް ކުޅަދާނަވާނެ ކަމެއް ހެއްޔެވެ؟ ލިބުނު މިންވަރަކަށް ކައިގެންވެސް ދުނިޔޭގައި އުޅެވިދާނެއެވެ! ނަމަވެސް ނަރަކައިގައި ފަޅިސިކުންތަކަށްވެސް ކެތްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ދުނިޔޭގައި އުޅެންޖެހޭ ދަތިޙާލަށް ކެތްތެރިވާށެވެ! ނުދަރައި ދުވާލަކު އެއްއިރު ކައިގެން ހުރެވުމަކީވެސް ހަމަ މަތިވެރި ނިޢްމަތެކެވެ. ޝުކުރުވެރިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

 

 

 

 

މިއަދު އޮންލައިން