ކައިވެނިކުރުމަށްފަހު އެންމެ މުހިންމު އެއްކަމަކީ ދެމަފިރިންވެސް ހިފަހައްޓަންޖެހޭ އިންތަކުގައި ހިފެހެއްޓުމެވެ. އެގޮތުން އެއިންތައް ބެހިގެންވާ 3 ބައި ބުނެދޭނަމެވެ.
ފުރަތަމަ ބައަކީ ހަމައެކަނި ދެމަފިރިންގެ މެދުގައި ހިފަހައްޓަންޖެހޭނެ ކަންކަމެވެ. އެފަދަ ކަމެއް އެންމެ ކުޑަމިނުން ދެމީހުންކުރެ އެކަކުވެސް އެމީހެއްގެ މައިންބަފައިންނަށްވެސް ޙިއްޞާކޮށްގެން ނުވާނެއެވެ. އެކަންކަން ބާއްވަންޖެހޭނީ ހަމައެކަނި ދެމިފިރިންގެ މެދުގައެވެ.
ދެވަނަ ބައަކީ ހަމައެކަނި ޢާއިލާގެ މީހުންނަށް ޙިއްޞާކުރަންޖެހޭނެ ކަންކަމެވެ. އެއިގެ ތެރޭގައި ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ތެރެއިން އެކަންކަން ޙައްލުކުރުމުގައި ޢާއިލާގެ މީހުންގެ އެހީތެރިކަމަށް ބޭނުންވާ ކަންކަން ހިމެނެއެވެ. އަދި އެއީ މައްސަލައަކަށް ނުވިނަމަވެސް ޢާއިލާގެ މީހުންގެ އެހީތެރިކަން ބޭނުންވާ ކަންކަން ހިމެނެއެވެ.
ތިންވަނަ ބައަކީ އެކުވެރިންނަށާއި ގާތް އެންމެންނަށް އެނގެން ބޭނުންވާ ކަންކަމެވެ. އެއީ އެކަމެއް ކިތަންމެ ގިނަ ބައަކަށް އެނގުނަސް އެކަމުގެ ސަބަބުން ދެމަފިރިންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ (ގެއްލުމެއް ނުލިބޭނެ) ކަންކަމެވެ.
ނަމަވެސް މިހާރަކަށް އައިސް ޖެހޭ އެންމެ ބޮޑު މައްސަލައަކީ ދެމަފިރިންގެ މެދުގައި ހިފަހައްޓަންޖެހޭ ސިއްރުތައް އެންމެންނަށް ބޭޒާރުކުރުމެވެ. އަދި އެއަށްވުރެވެސް ބޮޑުވާ މައްސަލައަކީ ހަމައެކަނި ޢާއިލާގެ މީހުންނަށް އަންގަންޖެހޭ ކަންކަން ޢާންމުކޮށް އެންމެންނަށް އެންގުމެވެ.
ޙަޤީޤަތުގައި މިއީ ކައިވެނީގެ އުޞޫލުތަކާއި ޤަވާއިދުތަކާއިވެސް ޚިލާފަށް ކުރެވޭ ކަންކަމެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް ޒަވާޖީ ޙަޔާތަށް ގެއްލުން ހުރި ކަންކަމެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކުރަން އެދޭނަމަ މިކަންކަމަށް ވިސްނައި ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން