ކީރިތި ޤުރްޢާން އެނގެނުމަކީ އެކަމަށް އެދިގެން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އެކަންކުރަން ފަސޭހަކޮށްދެއްވަވާނެ ކަމަކެވެ. އެކަމުގައި އޮންނާނީ އެމީހަކަށް ހިތްވަރުކުރަން ކެރުނުވަރެކެވެ.
ދަރިންނަށް ޤުރްޢާން އުނގަންނައިދޭން މަސައްކަތްކުރާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއް ކަމަކީ އެކުދިންގެ ކިބައިގައި ރަނގަޅު ސިފަތައް ހަރުލެއްވުމެވެ. އިސްލާމް ދީނަށް ޢަމަލުކުރާ ކުދިން ކަމުގައި ހަދަން މަސައްކަތްކުރުމެވެ. ވީމާ ފުރަތަމަކަމަކަށްވެސް ކުދިންނަކީ ނަމާދަށް ރައްކައުތެރިވާ ކުދިން ކަމުގައި ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ!
ކީރިތި ގުރްއާނަކީ ﷲ ގެ ކަލާމްފުޅެވެ. އަދި ކީރިތި ގުރްއާން ކިޔެވުމަކީ އަޅުކަމެކެވެ. މީގެ އިތުރުން ކީރިތި ގުރްއާން ހިތުދަސްކޮށް އެއާއި އެއްގޮތަށް ޢަމަލު ކުރުމަކީ ދުނިޔެއާއި އާޚިރަތުގައި ޘަވާބު ލިބޭނެ ކަމެކެވެ. އަދި ކީރިތި ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ ގިޔާމަތް ދުވަހުން ގުރްއާން އެކަމުގެ އަހުލުވެރިންނަށް ޝަފާޢަތްތެރިވާނެ ކަމެއް ކަމަށް ހަދީޘް ކުރައްވާފައެވެ.
މާތް ﷲ ކީރިތި ގުރްއާނުގައި ހަޝްރު ސޫރަތުގައި ވަހީ ކުރައްވާފައިވެއެވެ.
لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴿٢١﴾
"މާނައީ: ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި قرآن ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ مثال ތައް މީސްތަކުންނަށް ތިމަންރަސްކަލާނގެ ޖައްސަވަނީ، އެއުރެން فكر ކުރުމަށްޓަކައެވެ."
އެގޮތުން ތިރީގައި މިވަނީ ކީރިތި ގުރްއާން ހިތުން ދަސްކުރުމަށް ފަސޭހަވާނެ ބައެއް ގޮތްތަކެވެ.
1. ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރަކީ ﷲ އަށް އިޚްލާޞްތެރިވެ ތެދުވެރިވާ ދަރިވަރެއް ކަމުގައިވުން
2. ކިޔަވާ ދެއްވާ މުދައްރިސުންގެ ބަސް ގަބޫލުކޮށް އެއާއި އެއްގޮތަށް އަމަލު ކުރުން
3. އިޚްލާޞްތެރި ރަނގަޅު މުދައްރިސުން އިޚްތިޔާރު ކުރުން.
4. ކިޔަވާ އެއް މުސްހަފަކުން އަބަދުވެސް ދަސްކުރުން
5. ފާފަތަކުން ދުރުވުން.
6. ގިނަ ވަގުތު ޛިކުރު ކުރުން މަތީގައި ހޭދަކުރުން. އެގޮތުން އިސްތިޣްފާރުކޮށް ތަސްބީހަކިޔާ ﷲ ހަނދުމަކުރުން ގިނަކުރުން.
7. ކީރިތި ގުރްއާން ހިތުދަސްކުރުމަށް ފަސޭހަވުމަށް އެދި ދުޢާކުރުން
8. ދަސްވެފައި ހުރި ބައިތައް ކޮންމެ ދުވަހަކުވެސް މުރާޖަޢާކުރުން. އެގޮތުން ނަމާދުގައި ވަކި މިންވަރެއް ނުވަތަ ސުންނަތް ނަމާދުތައް ކުރަމުން ހިފްޒު ކޮށްފައިވާ ބައިތައް ބަހާލައިގެން ކިޔެވުން.
9. ހިފްޒު ކުރުމަށް ވަކި ވަގުތެއް އިޚްތިޔާރު ކުރުން. (އެންމެ ރަނގަޅު ވަގުތަކީ ފަތިސް ވަގުތު)
10. ހިފްޒުކުރާ ދަރިވަރުންނާ އެކީގައި އުޅުން
11. އާޔަތްތައް ފަހުމްކޮށް އެއާއި އެއްގޮތަށް އަމަލު ކުރުމަށް މަސައްކަތް ކުރުން.
12. ގުރްއާން ކިޔަވާއިރު ތަޖުވީދުގެ ހަމަތަކާއި ގަވާއިދުތަކަށް ވިސްނައިގެން ކިޔެވުން
13. ދަސްކުރަން ހަމަޖެހިފައިވާ ސަފްހާ ނުވަތަ ބަޔަކީ އުދަނގޫ ބައެއް ނަމަ އެބައި ދަސްކުރުމުގެ ގާރީއެއްގެ ނުވަތަ އެކިޔަވަދެއްވާ މުދައްރިސެއްގެ ގާތުން އެބައެއް އަޑުއެހުން.
14. ކުށެއް ޖެހިއްޖެނަމަ އެކުށެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް މަސައްކަތް ކުރުން
15. ދަސްކުރަމުން ދާއިރު ކީރިތި ޤުރުއާން ގައި ހުރި މުތަޝާބިހު އާޔަތްތައް ފާހަގަކުރުން.
16. ކުޑަކުދީން ލައްވާ ދަސްކުރުވާ ނަމަ މައިންބަފައިން އެންމެ ކުދި ސޫރަތްތަކުން ފެށުމާއި، އެކުދީންގެ ޢުމުރާއި ގުޅޭގޮތަށް ކިޔަވައިދިނުން
17. ވާދަވެރި މާހައުލެއްގައި ކީރިތި ގުރްއާން ހިތުދަސްކުރުމަށް މަސައްކަތް ކުރުން
18. ގުރްއާނުގައި ހުންނަ ވާހަކަތައް ކިޔުން.
19. ކީރިތި ގުރްއާން ހިތުން ދަސްކުރުމަކީ ވަކި ޢުމުރަކަށް ކަނޑައެޅިފައި އޮންނަ ކަމެއް ނޫންކަން ހަނދާންކުރުން
20. ވަކި ޓާގެޓެއް ކަނޑައެޅުން
21. ދަސްކުރާތަން ރަނގަޅަށް ދަސްވީމަ ނުވަތަ ރަނގަޅަށް ފަރިތަވުމުން ނޫނީ އެހެންބައެއް ދަސްކުރަން ނުފެށުން