ނިދިނާންނަނަމަ ނުވަތަ ނިދީން ހޭލެވުމުން ނުނިދޭނަމަ ކުރަން އެންމެ ފައިދާހުރި ޢަމަލު- ކުރަން ފަށައިފިނަމަ އުޅެންޖެހޭނީ ނިދިއަންނަވަރުން ސަލާމަތް ނުވެވިގެން- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 1ސ
ނިދިނާންނަނަމަ ނުވަތަ ނިދީން ހޭލެވުމުން ނުނިދޭނަމަ ކުރަން އެންމެ ފައިދާހުރި ޢަމަލު- ކުރަން ފަށައިފިނަމަ އުޅެންޖެހޭނީ ނިދިއަންނަވަރުން ސަލާމަތް ނުވެވިގެން- އިން ޝާ ﷲ

ނިދި ނައުމާއި ނިދީން ހޭލެވުމުން ނުނިދި އޮންނަން ޖެހުމަކީ ގިނަ ބައަކަށް ކުރިމަތިވާ މައްސަލައެކެވެ. ޢާންމު ގޮތެއްގައި އެމައްސަލަ ކުރިމަތިވަނީ ލަހުން ނިދުމަށް އާދަކުރެވޭތީއެވެ. ނަމަވެސް ތަފާތު ސަބަބުތައް މެދުވެރިވެގެންވެސް އެމައްސަލަ ކުރިމަތިވެއެވެ. 

މައްސަލަ ޙައްލުކުރަން ބޭނުންވެގެން ބައެއް މީހުން ނިދިއަންނަންދެން ކޮފީތަކުގައި އުޅެއެވެ. ހަށިގަނޑަށް ވަރުބަލިކަން ލިބެންދެން ބޭރުގައި އުޅެފައި އައިސް ނިދަން މަސައްކަތްކުރަން ބުނާ މީހުން އެބުނަނީ ރަނގަޅު ވާހަކައެއް ނޫނެވެ. ތަޖުރިބާއިން އެނގެނީ އެގޮތަށް ނިދަން އާދަކުރިނަމަވެސް ހަމަ ނިދިނުލިބޭކަމާއި ނިދިން ލިބެންޖެހޭ އަރާމު ނުލިބޭ ކަމެވެ. އަނެއް ދުވަހު ނިދިބުރަކައި ވަރުބަލިކަންމަތީގައި ހުންނަން ޖެހޭ ކަމެވެ. 

މިއީ ބައެއް ކިޔުންތެރިންވެސް ފާހަގަކުރާ މައްސަލައަކަށްވާތީ ބުނަން އޮތީ މައްސަލަ އޮތްގޮތަށް ބާއްވާށެވެ! މިކިޔައިދެނީ މިބަޔާންކުރަނީ އޮތް އެންމެ ފައިދާހުރި ގޮތެވެ. ނިދީގެ މައްސަލަ ޙައްލުކުރަން އޮތް އެންމެ ރަނގަޅު ބޭހުގެ ވާހަކައެވެ. 

ހަމަ ޔަޤީނުންވެސް މިފަރުވާ ބޭނުންކުރުމަކުން ނާރުތައް ބަލިކަށުވުމުގެ މައްސަލައެއް ކުރިމައްޗެއް ނުވާނެއެވެ. ވަރުބަލިވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. އެގޮތުން ފުރަތަމަ ކަމަކަށްވެސް ސުންނަތުގައިވާ މަގުން ނިދަން މަސައްކަތްކުރާށެވެ. ނިދިނާންނަނަމަ ހެޔޮ ޢަމަލެއް ކުރުމުގައި ވަޤުތު ހޭދަކުރެވިދާނެއެވެ. ޛިކުރުކުރުން، ޤުރްއާން ކިޔެވުމުން، ރޭއަޅުކަންކުރުން ފަދަ ކަންކަމެވެ. 

ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. ޢަމަލުކުރައްވާފައި، ނުކުތް ނަތީޖާ ޙިއްޞާކޮށްލަދެއްވުން އެދެމެވެ. މިހައި ތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ވަރަށް ކާމިޔާބެވެ. އިން ޝާ ﷲ 

މިހާރަކަށް އައިސް ނިދިނައުމުން ގިނަ ބައަކަށް ޢާދަވެފައިވަނީ ފޯނު ނަގައި އަވަހަށް ސޯޝަލް މީޑިއާއަށް ވަނުމަށެވެ. ކޮންމެވެސް ބޭކާރު ކަމެއް ކުރުމަށެވެ. ހަމަ އެ ފޯނުން ކީރިތި ޤްރްއާން ކިޔަވައިލުން، ޛިކްރު ކުރުން ފަދަ ކަންކަން ކުރެވެން ހުރި ނަމަވެސް އެފުރުޞަތުގެ ބޭނުން ހިފަނީ ވަރަށް މަދު ބައެކެވެ. 

ވިސްނުންތެރިކަމާއިއެކު ކަންކަން ކުރާށެވެ! ބުއްދީގެ ބޭނުންކުރާށެވެ! ދުނިޔެއިން ފެންނަމުން މިދާ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ހަމަ އެކަނި މިވާހަކަ އިން ޢިބްރަތް ޙާޞިލުކުރިނަމަވެސް ފުދޭނެއެވެ. 

"ބަހީރު އަކްބަރަކީ ނައިޖީރިއާއަށް ނިޞްބަތްވާ މީހެކެވެ. ނިދުމުގެ ދަތިތައް ހުންނަ މީހެކެވެ. ޑޮކްޓަރުންނަށް ދައްކައިގެން ބޭސް ވެސް ކުރާ މީހެކެވެ. ކޮންމެ ބޭހެއް ކާން ފެށުމުންވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޭހަށް ހޭނި ބޭސްކައިގެންވެސް ނިދޭނެ ގޮތެއް ނުވެއެވެ. އެހެންކަމުން ބޭސް ބޭނުންކުރުން މަތިން ފޫހިވެ އޭނާ ޤަޞްދުކުރީ ކޮންމެ ރެއަކުވެސް ނިދަން އޮށޯވެ، ނިދެންދެން ކީރިތި ޤްރްއާނުން މިންވަރެއް ހިތުދަސްކުރުމަށެވެ. 

އެޢަޒުމުގައި އޭނާ މަސައްކަތް ފެށި ފުރަތަމަ ރޭ އޭނާއަށް 3 އާޔަތާއި މާނަ ދަސް ކުރެވުނެވެ. އެކަން ކުރެވުނީ ގަޑިއެއްހައި އިރުގެ މަސައްތަކުންނެވެ. އެހިސާބުން ނިދިއްޖެއެވެ. އެގޮތަށް ކޮންމެ ރެއަކު 3 އާޔަތް ދަސްކުރެވެމުން ދަނިކޮށް ނިދިއައުން އަވަސްވާން ފެށިއެވެ. 2 މަހެއްހައި ދުވަސް ފަހުން މިހާރު އޭނާއަށް އެންމެ އާޔަތެއްވެސް ދަސްކުރެވެނީ ނުނިދައި އޮންނަން މަސައްކަތް ކޮށްގެންނެވެ. މިފަދަ ތަޖުރިބާތައް ކޮށްފައިވާ ކިތަންމެ މީހެއްގެ ނަން ކިޔައިދެވިދާނެއެވެ.." 

ބައްޔެއް ނުޖެހުނު ނަމަވެސް އަދި ބައްޔެއްގެ ސަބަބުން ނަމަވެސް ނިދި ނައުމަކީ ނުވަތަ ނިދަން އުނދަގޫވުމަކީ ގިނަ ބައަކަށް ކުރިމަތިވާ މައްސަލައެކެވެ. އެކަމުގައި ތަފާތު މައްސަލަތައް މެދުވެރިވެއެވެ. ތަފާތު ސަބަބުތައްވެސް ކުރިމަތިވެއެވެ. ބައެއް ޑޮކްޓަރުން ބަޔާން ކުރައްވާ ގޮތުގައި ނިދި އައުމުގައި ދަތިތައް ކުރިމަތިވާ އެންމެ ޢާންމު އެއް މައްސަލައަކީ ނިދުމަށް ވަކި ވަގުތެއް ހަމަ ނުޖެއްސުމެވެ. ނުވަތަ އެކަމުގައި އަޚްލާޤެއް ނެތުމެވެ. އެއިގެ ތެރޭގައި ވަކި ކަމެއް ކުރުމުން ނޫނީ ނުނިދޭނެ ކަމަށް ޤަބޫލުކުރުންވެސް ހިމެނެއެވެ. 

ޑޮކްޓަރުން ވިދާޅުވަނީ ދުވާލުގެ މަސައްކަތްތައް ނިމި ރޭގަނޑުވުމުން އަވަހަށް ނިދަން ތައްޔާރުވާންވީ ކަމަށެވެ. ރޭގަނޑު ކެއުމަށްފަހު ލަސްނުކޮށް ނިދަންވީއެވެ. ޤަވާއިދުން ނިދުމަކީ ގިނަ ބަލިތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. އަދި ތާޒާ ކަމާއިއެކު ދުވަހުގެ މަސައްކަތަށް ފެށުމަށް ލިބޭ އެންމެ ބޮޑު އެއް ބާރެވެ. ގިނަ ޑޮކްޓަރުންވެސް އަވަހަށް ނިދާކަމާއި ފަތިހާ ތެދުވާކަންވެސް ފާހަގަ ކުރެވެއެވެ. 

ދީނީ ޢިލްމުވެރިން ވިދާޅުވަނީ ޢިޝާ ނަމާދު ކުރުމަށްފަހު ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ހޭލައި ހުރުމެއް ނެތް ކަމަށެވެ. ޑޮކްޓަރުންގެ ޑޮކްޓަރު ރަސޫލް () ވަނީ މީގެ 1400 އަހަރުކުރިން މިކަން ބަޔާން ކުރައްވަވައިފައެވެ. 

މުސްލިމުންނަށް އޮތީ އަވަހަށް ނިދައި ފަތިސް ނަމާދަށް ހޭލުމެވެ. ފަތިހު ހޭލައި ފަތިސް ނަމާދުން ދުވަސް ފެށުން އެއީ ޙަޔާތް ބާއްޖަވެރި ކުރުމުގެ ތަޅުދަނޑިއެވެ. ރަސޫލް () ވަނީ އަވަހަށް ނިދައި ދަމު ނަމާދު ކޮށްލާނެ ވަގުތު އޮއްވައި ހޭލުމަށް، ޚާއްޞަކޮށް ފަތިސް ނަމާދަށް ތެދުވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވަވައި އިރުޝާދު ދެއްވަވާފައި ކަމަށެވެ. ހުރިހާ ވެސް މައްސަލަތަކެއް އުފެދެނީ މިކަންކަން ޤަބޫލު ނުކުރެވޭތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން