ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ކުރާ މަސައްކަތް ގިނަވާއިރު ގެއަށް ގެނެވޭ ފައިސާ މަދުވާނަމަ އެވާގޮތެއް އަނބިން ނުބެލުމަކީ ހިލޭ އަންހެނުންނަށް ޚަރަދުކުރަން ދެވޭ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ކުރާ މަސައްކަތް ގިނަވާއިރު ގެއަށް ގެނެވޭ ފައިސާ މަދުވާނަމަ އެވާގޮތެއް އަނބިން ނުބެލުމަކީ ހިލޭ އަންހެނުންނަށް ޚަރަދުކުރަން ދެވޭ ފުރުޞަތެއް!

އެހެންވެސް ގިނަ މީހުން ފަދައިން އަޅުގަނޑަކީވެސް އުންމީދުތަކަކާއިއެކު ކައިވެނިކުރި އަންހެނަކީމެވެ. އުފާވެރި ދިރިއުޅުމެއް ހޯދުމުގެ އުންމީދުގައި ކައިވެނިކުރީވެސް ފަޤީރަކާއިއެވެ. އޭނާއަކީ އަތުންފައިން ގިނަ މަސައްކަތްތައް ކުރަން ދަންނަ މީހެކެވެ. އަޅުގަނޑު އުންމީދުކުރީ އެފަދަ މީހަކާއި ކައިވެނިކުރުމުން ހަމަޖެހިލައިގެން ލޯބިން އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ. 

ކޮންމެއަކަސް ކައިވެންޏަށްފަހު އޭނާ ޤަޞްދުކުރީ ވަޒީފާއަކަށް ދިއުމުގެ ބަދަލުގައި ގޭގެއަށް ގޮސް މަސައްކަތްކޮށްދީގެން އާމްދަނީ ހޯދުމަށެވެ. އޭނާ ބުނީ އެގޮތުން މާގިނަ އާމްދަނީ ލިބޭނެ ކަމަށެވެ. އަޅުގަނޑުވެސް އެކަމަށް ރުހުނީމެވެ. އެއީ ބޭނުން އިރަކު ގެއަށް އައިސް އުޅެވޭނެތީއެވެ. ވަކިވަޤުތަކަށް މަސައްކަތުގޮސް ވަކިއިރެއްވަންދެން މަސައްކަތްކުރަން ޖެހުމުން ދެމީހުންގެ ދިރިއުޅުމަށް އެޅޭނެ ހުރަސްތަކެއް ހުންނާނެތީއެވެ. 

ވަރަށް މަސައްކަތުން އޭނާގެ މަސައްކަތް އިޝްތިހާރުކުރީމެވެ. އެކަމުގެ ސަބަބުން މަސައްކަތް ލިބެން ފެށިއެވެ. ރަމގަޅު އާމްދަނީއެއްވެސް ލިބެއެވެ. ފުރަތަމަ ދުވަސްތަކުގައި ދިރިއުޅުނީވެސް ވަރަށް އުފަލުގައެވެ. ނަމަވެސް އޭނާގެ އުޅުން މަޑުމަޑުން ބަދަލުވާން ފެށިއެވެ. މަސައްކަތުގައި އުޅޭވަޤުތު ގިނަވާން ފަށައިފިއެވެ. ގެއަށް ގެންނަން ލިބޭ ފައިސާ މަދުވާން ފަށައިފިއެވެ. 

ދުވަސްކޮޅެއްވީތަނާ ދެމީހުންގެ ގުޅުން ކެނޑިއްޖެއެވެ. އެކުގައި ކައިބޮއި ނުއުޅެވޭތަނުގައި ދެމަފިރިން އެއްދާންކުރުންވެސް ހުއްޓިއްޖެއެވެ. ބުނަނީ މަސައްކަތްބުރަވަނީ ކަމަށެވެ. ސުވާލު އުފެދެނީ އެހައި ބޮޑަށް މަސައްކަތްބުރަވާއިރު ގެއަށް ގެންނާނެ ފައިސާ އިތުރު ނުވެ ދުވަހެއް ދުވަހަކަށް މަދުވާތީއެވެ. 

އެއްދުވަހު ހެނދުނު ގެއިން ނުކުންނަން ފެށީމާ ގެއަށް ވަރަށް ގިނަ އެއްޗެތި ބޭނުންވެފައިވާކަމަށާއި ހޯދައިދީފައި ދިއުމަށް ބުނީމެވެ. ޖަވާބުގައި ބުނީ އެވަޤުތު އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށާއި އެދުވަހު މަސައްކަތްކޮށްގެން ލިބޭ ފައިސާއިން އެއްޗެތި ގަނެގެން ގެންނާނެ ކަމަށެވެ. 

ކޮންމެއަކަސް އެދުވަހު ރައްޓެހި އަންހެން ކުއްޖަކު ގުޅާފައި ރޭގަނޑުގެ ކެއުމަކަށް ދަޢުވަތުދިމުނުން އޭނާއާއިއެކުގައި ދިއައިމެވެ. ގޮސް އިށީނދެފައި ތަންތަން ބަލައިލުމުން ފެނުނީ ފިރިމީހާ ހިލޭ އަންހެނަކާއިއެކު ކާން އިންދައެވެ. އެތަން ފެނުމުން މަޑަކުން ނުއިނދެވުނެވެ. ގޮސް މޭޒުކައިރީގައި ހުއްޓިފައި ގެއަށް ބޭނުންވާނެ ކާބޯތަކެތި ގަންނާނެ ފައިސާ އަތުގައި ނެތްނަމަވެސް ހިލޭ އަންހެނުންނަށް ޚަރަދުކުރާނެ ފައިސާ އަތުގައި އެބަހުރިނޫންހޭ ބުނީމެވެ. 

އަންހެން މީހާ ދިއައީ ސިއްސައިގެންނެވެ. އަޅުގަނޑަކީ އޭނާގެ އަނބިމިހާތޯ ސުވާލުކުރުމުން ކައިވެންޏަށް 5 އަހަރު ވެއްޖެ ކަމަށް ބުނީމެވެ. އޭނާ ބުނީ އޭނާގެ ގާތުގައި ބުނެފައި އޮތީ އަންތބަކު ނުއިންނަ ކަމަށް ކަމަށެވެ. މީހެއްގެ ފިރިއެއްކަން އެނގުނުނަމަ ވާހަކަވެސް ނުދައްކާނެ ކަމަށެވެ. އަޅުގަނޑު ބުނީ އެހެންވީމާ މިވަގުތުން ފެށިގެން އަންތބަކު ނެތްކަމަށް ހަދައިދިނީމާ އެކަން ނިމުނީ ކަމަށެވެ. 

އެހެން ބުނެފައި ގޮސް އެކުވެރިޔާއާއިއެކު ކައިގެން އަޅުގަނޑު ގެއަށް ދިއައީއެވެ. ގެއަށް ގޮސް ފިރިމީހާގެ އެއްޗެތި ފޮށްޓަކަށް އަޅާފައި ބޭރަށް ނެރުމަށްފަހު އޭނާއަށް ގެއަށް ނުވަދެވޭނެ ގޮތަށް އެތެރެއިން ތަންޑުއަޅުވާފައި ނިދަން އޮށޯތީއެވެ. އިރުކޮޅަކުން ގެއަށް އައިސް ނުވަދެވުނީމާ ގުޅަން ފަށައިފިއެވެ. ބުނީމެވެ. "މިގެއަކު ކަލޭގެ އަންތބެއް މިހާރަކު ނެތެވެ. ރަސްމީކޮށް ކޯޓުން ނިންމާނަމެވެ. ފޮށިހިފައިގެން އަވަހަށް ދާށެވެ!" 

އޭނާ ބުނީ އޭނާއަށް ބޮޑެތި ކުށްތަކެއް ކުރެވިއްޖެކަމަށް ޤަބޫލުކުރާ ކަމަށާއި މާފުކުރުމަށެވެ. އެކުގައި ދެން އުޅޭނީ ރަނގަޅަށް ކަމަށެވެ. އަޅުގަނޑު ބުނީ ކުށްކުރެވުނީ އަޅުގަނޑަށް ކަމަށާއި ކުށަކީ ދެކޮޅު ނުޖެހޭ ވާހަކަތައް ދައްކަމުން އައިއިރުވެސް އިތުބާރުކޮށްގެން އިނދެވުނު ކަންކަމަށެވެ. 

ކޯޓަށް ގޮސް ވަރިވީއެވެ. ޢިއްދަ ހަމަވުމުން ދެވަނަ ކައިވެނިކުރީއެވެ. ކައިވެނިކުރީ އޭނާ ދެކެ ލޯބިވެގެނެއްވެސް ނޫނެވެ. އޭނާގެ ތަޤްވާވެރިކަމަށާއި އަޚްލާޤަށް ބަލައިގެންނެވެ. އެކުގައި އުޅެންފެށުމުން ހިތުގައި ލޯބިވެސް އުފެދުނެވެ. އުފާވެރި ދިރިއުޅުމެއްވެސް ލިބުނެވެ. ދެވަނަ ކައިވެނީގައި މިހާރު 12 އަހަރުވީއެވެ. ދުވަހެއް ދުވަހަކަށް ދަނީ ލޯބިއިތުރުވަމުންނެވެ. އުފާވެރިކަން އިތުރުވަމުންނެވެ. 3 ދަރިންވެސް ލިބިއްޖެއެވެ.    

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ފިރިންނަށް ކިޔމަންތެރިވުމުގެ ގޮތުން ކުރެވޭ ޝައްކުތަކުގެ މައްޗަށް ސުވާލުނުކޮށް ނުތިބޭށެވެ. އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅެން ދިމާވި ސަބަބަކީ މަސައްކަތުގައި އުޅޭ ވަޤުތު އިތުރުވާއިރު ލިބޭ ފައިސާ ކޮބައިތޯ ސުވާލުނުކުރެވުނީމައެވެ. އެކަން ނުބެލުނީމައެވެ. އަޅުގަނޑު އެއިރު ބެލީ ވީހާ ޝަކުވާކުރުން މަދު އަންތބަކަށް ވެވޭތޯއެވެ. ނަމަވެސް ނަތީޖާ ފެނުނީ އެންމެ ހިތިކޮށެވެ. 

ދެން ބުނެލަން ބޭނުންވަނީ އުފާވެރި ޒަވާޖީ ޙަޔާތަކަށް އުންމީދުކުރާނަމަ ލޯބި ނުވެވުނަސް ތަޤްވާވެރި އަޚްލާޤް ރަނގަޅު މީހަކު ލިބިއްޖެނަމަ ކައިވެނިކުރާށެވެ. ލޯތްބަކީ ދެމީހުންގެ ގުޅުމުގެ ތެރެއިން އުފެދޭނެއެއްޗެކެވެ. މިދެކަންތައްވެސް އަޅުގަނޑަށް މިވަނީ ތަޖުރިބާ ކުރެވިފައެވެ.

 

- އަސްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން