ޙަސަދަވެރިންނަށް ތިމާއާ ކައިރިވުމުގެ ފުރުޞަތު ނުދޭށެވެ! އަދި ރައްކާތެރިކަމަށް އެދިގެން މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޙަސަދަވެރިންނަށް ތިމާއާ ކައިރިވުމުގެ ފުރުޞަތު ނުދޭށެވެ! އަދި ރައްކާތެރިކަމަށް އެދިގެން މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!

އެހެން މީހުންނަށް ހެޔޮކޮށް ހިތައި ކިތަންމެ ރަނގަޅަށް ކަންކަން ކުރަން މަސައްކަތް ކުރާ މީހެއްގެ ނަމަވެސް ޙަސަދަވެރިން ތިބޭނެއެވެ. އެމީހާ އަށް އެންމެ ރަނގަޅަށް ކަންކަން ކޮށްދެވޭ، އެހީތެރިކަން ފޯރުކޮށްދެވޭ މީހުންގެ ތެރޭގައި ވެސް ހަސަދަވެރިން ތިބޭނެއެވެ. ވީމާ އެއްވެސް މީހަކީ ޙަސަދަވެރިންގެ ކިބައިން ސަލާމަތް ވެވިފައިވާ މީހެއް ނޫނެވެ. އެއީ ދުނިޔޭގައި ކަންކަން ހިނގަމުން އަންނަ ގޮތެވެ.

އެހެންކަމުން އަބަދުވެސް ތިބެން ޖެހޭނީ ހަސަދަވެރިންގެ ހަސަދަވެރިކަމާއި ފިތުނައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. އެފަދަ ހަސަދަވެރިކަން އެސްފީނާގެ ގޮތުގައި ތިމާއަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އަބަދުވެސް ވިސްނަންވާނެއެވެ. އެހެންކަމުން އެސްފީނާ އިން ސަލާމަތްވުމަށް ކިޔަން ޖެހޭ ޛިކުރުތައް ކިޔުން އަބަދުވެސް ގިނަކުރާށެވެ!  

ހަސަދަވެރިއަކަށް ނަމަވެސް ހަސަދަވެރި ނުވާށެވެ! އޭނާއަށް ހަސަދަވެރިވުމުން ތިބާއަށްވެސް އެކުރެވެނީ ހަމަ އޭނާ ކުރި ބޮޑުފާފައެވެ. ނަމަވެސް ހަސަދަވެރިން ކައިރި ނުކުރާށެވެ! އެމީހުންނާއި ގުޅިގެން ކަންކަން ނުކުރާށެވެ. ހަސަދަވެރިންނާއިވެސް ސަލާމް ކުރާށެވެ! ނަމަވެސް އެމީހުންގެ ކޮނޑަށް އަތް ނުލާށެވެ! ވަކި ހިސާބެއްގެ ދުރުގައި، އަތް ދިއްކޮށްލުމުން ނުފޯރާ ހިސާބު ދުރުގައި  ބައިތިއްބާށެވެ! އިތުބާރު ނުކުރާށެވެ!  

މީހަކު ތިބާއަށް ނަފްރަތު ކުރާނަމަ ކުރަން އޮތް ކަމަކީ އެމީހަކަށް ހަސަދަވެރިވުމެއް ނޫނެވެ. އެމީހާއަށްވެސް ﷲ ތަޢާލާ ހެޔޮ ރަހްމަތްފުޅު ލެއްވެވުން އެދި ދުޢާކުރާށެވެ! އެއިރުން އެމީހާއަށްވެސް ރަނގަޅު ގޮތް ވިސްނި އެހެން މީހުންނަށް ހަސަދަވެރިވުން ހުއްޓާލައިފާނެ ކަމަށް އުންމީދުކުރެވޭތީއެވެ.  

"ޔާ ﷲ! ޙަސަދަވެރިކަމުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ! މިއަޅާއަށް މީހަކު ނަފްރަތުކުރާނަމަ އޭނާގެ ހިތުގައި މިއަޅާއަށް ލޯބި އުފައްދަވައި ދެއްވަވާނދޭވެ! ހަމަކަށަވަރުން މިއަޅާއަށް މީހަކު ނަފްރަތު ކުރިނަމަވެސް އެމީހަކަށްވެސް މިއަޅާ އެދެނީ އިނބަ ﷲގެ ރަޙްމަތްފުޅެވެ." އާމީން 

މިފަދަ ޢިބާރާތްތަކުން ދުޢާކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން