ސުންނަތް ނަމާދުތަކަށް ފަރުވާތެރިނުވާ މީހަކަށް ތިމާއަކީ ﷲ ތަޢާލާދެކެ ލޯބިވާ މީހަކު ކަމަކަށް ނުބުނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ސުންނަތް ނަމާދުތަކަށް ފަރުވާތެރިނުވާ މީހަކަށް ތިމާއަކީ ﷲ ތަޢާލާދެކެ ލޯބިވާ މީހަކު ކަމަކަށް ނުބުނެވޭނެ!

ފުރަތަމަ ކުޑަކުޑަ މިސާލެއް ބުނެދޭނަމެވެ. އަނބިދަރިންނަށް ކާންދިނުމަކީ ވާޖިބެކެވެ. ވީމާ ކާންދިނުމަށްޓަކައި ހަނޑުލާއި ފުށް ނުވަތަ ޕާން ގެއަށް ވެއްދުމަކީ އަދި އަނބިދަރިންދެކެ ލޯބިވުން ކަމަކަށް ނުވެއެވެ. އެހެނީ އެއީ ތިބާއަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.  

ތިބާ ތިބާގެ އަނބިދަރިންދެކެ ލޯބިވާނަމަ ފުދުންތެރިކަން ހުރިމިންވަރަކުން އެހެނިހެން މީރު ކާއެއްޗެތި ހޯދައިދޭނެއެވެ. އަނބިމީހާއަށާއި ދަރިންނަށް މީރު ބާވަތްތައް ހޯދައިދީ މީރުކޮށް ކެވޭނެ ގޮތް ހަދައިދޭނެއެވެ. އަނގައަށް މީރުވުމުގެ އިތުރުން ހަށިގަނޑަށް ފައިދާކުރާނެ ތަކެތިވެސް ހޯދައިދޭނެއެވެ.

އެންމެ މަތިވެރި އަޅުކަމަކީ ނަމާދެވެ. ނަމާދުގެ ތެރެއިން ފަރުޟްނަމާދުތަކަކީ ވާޖިބެކެވެ. ކުރާހިތްވިޔަސް ނުވިޔަސް ޖެހޭނީ ކުރާށެވެ. ނުކޮށްފިނަމަ ވާނެ ގޮތް ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ވީމާ އެ މައުޟޫޢު އިހަށް ބާއްވާށެވެ.   

ކުރިން ބުނި ފަދައިން ކޮންމެ ދުވަހަކު 5 ނަމާދުކުރުމަކީ ރަރުޟެކެވެ. ފަރުޟު 5 ނަމާދުކުރުމަކުން އަދި އެއީ ﷲ ތަޢާލާ ދެކެ ތިބާ ލޯބިވުން ކަމަކަށް ނުވާނެއެވެ. ލޯބިވާކަމަސްވާނީ ސުންނަތް ނަމާދުތައް ކުރުމުންނެވެ.  

ސުންނަތް ނަމާދުކުރުމަށް ބަލާއިރު ރަވާތިބް ސުންނަތުގެ އޮތީ އެންމެ 12 ރަކްޢަތް ކަމުގައި ނުދެކޭށެވެ. އެއިގެ އިތުރުންވެސް ކުރެވެން އެބައޮތެވެ. ވިތުރީގެ 1 ރަކްޢަތް ނުވަތަ 3 ރަކްޢަތް ކުރުމުން އެބަ ފުދެއެވެ. ނަމަވެސް 9 ރަކްޢަތާއި ހަމައަށްވެސް ގެންދެވިދާނެއެވެ.  

ވިސްނައިލަންވީ މިގޮތަށެވެ. ތިބާ ﷲ ތަޢާލާ ދެކެ ލޯބިވާވަރު އަނގައިދޭ އެންމެ މުހިންމު މިންގަނޑަކީ ކިޔަމަންތެރިކަން އިތުރުކުރުމާއި ސުންނަތް ނަމާދުކުރުން ގިނަކުރިވަރެކެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަކުރާ އަޅުނަދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ ތިމާއަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކަށްވުމަށްޓަކައި ސުންނަތް ނަމާދުތައްކުރުން ގިނަކުރާށެވެ.  

ސުންނަތް ނަމާދު ނުކުރުމުން ނުވަތަ ކުރުން މަދުކުރުމުން ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ މިބަޔާންކުރި ކެޓަގަރީގައި ހިމެނުމުގެ ފުރުޞަތު ކުޑަވުމެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ހަނިވުމެވެ. އެއަށްވުރެ ބޮޑު ގެއްލުމަކީ ކޮބައިހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން