ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. މާފުއްޓަށް އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓާއި، ސްޓެޕްއަޕް ޓްރާންސްފޯމަރެއް ގެންގޮސްފިއެވެ. މި ތަކެތި ގެންދިޔައީ މާފުށީގައި އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި މި ޖަނަރޭޓަރުތައް ކޮމިޝަން ކުރެވި، ބޭނުން ކުރަންފެށުމާއެކު، މާފުށީގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ.
ކ. މާފުށީގައި އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މާފުށީގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓާއި، ސްޓެޕްއަޕް ޓްރާންސްފޯމަރެއް މިހާރު ވަނީ މާފުއްޓަށް… pic.twitter.com/riv7VJA76O
— STELCO (@STELCOMALDIVES) December 27, 2024
މީގެއިތުރުން ސްޓެލްކޯއިން ވިދާޅުވީ އެކުންފުނިން ޚިދުމަތް ދެމުންގެންދާ 19 ރަށަށް ފޯރުކޮށްދިން 20 ޖެނެރޭޓަރުސެޓަކީ ޖުމްލަ ކެޕޭސިޓީ 9198 ކިލޯވޮޓަށް އަރާ ތަކެތި ކަމަށެވެ. ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް މާލޭގެ އިތުރުން ކ އަތޮޅުގެ 5 ރަށަކާއި އއ އަތޮޅުގެ 6 ރަށަކާއި އދ އަތޮޅުގެ 6 ރަށަކާއި ވ އަތޮޅުގެ 3 ރަށަކަށް ދަނީ ދެމުންނެވެ. މި ރަށްރަށުގައި ސްޓެލްކޯގެ 36 އިންޖީނުގެއެއް ޤާއިމްކޮށް ޚިދުމަތް ދެމުންގެންދެއެވެ.
ސްޓެލްކޯއިން އަންނަނީ ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތެޔޮ އަންދައިގެން ކަރަންޓު ދިނުމުގެ ބަދަލުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ވަނީ މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މި މަސައްކަތްތަކަކީ ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.