"ދިގު ޢުމުރެއްގައި ދުނިޔޭގައި ހުރެވުނު އެންމެ ބޮޑު އެއް ސަބަބަކީ ދަތި އުނދަގޫ ޙާލަތާއި ކަންބޮޑުވާންޖެހޭ ޙާލަތުގައިވެސް އެކުގައި ހުރެ ހިތްވަރުދޭނެ ބައިވެރިއަކު ލިބުނު ކަމެވެ."
މިއީ އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ ޢުމުރުފުޅުން 95 އަހަރުގައި ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅަކީ ވަރަށް ޢިބްރަތްތެރި ބަސްފުޅަކަށްވާއިރު އަގުހުރި ނަޞޭޙަތެއްވެސްމެއެވެ. ކޮންމެ މީހަކަށްވެސް ލިބޭނެ އެންމެ އަގުބޮޑު އެއް ނިޢުމަތަކީ "ދަތި އުނދަގޫ ޙާލަތާއި ކަންބޮޑުވާންޖެހޭ ޙާލަތުގައިވެސް އެކުގައި ހުރެ ހިތްވަރުދޭނެ ބައިވެރިއަކު ލިބުން" ކަމަށްވާތީއެވެ.
ކައިވެނީގެ މުހިންމުކަމާއި ޙަޔާތަށް ބައިވެރިއަކު ހޯދާއިރު ހެޔޮލަފާ، ހުރިހާ ޙާލަތެއްގައިވެސް ތިމާއާއިއެކު ދެމިހުންނާނެ ބައިވެރިއަކު އިޚްތިޔާރުކުރަން ބާރު އަޅަނީ ހަމައެކަނި އިސްލާމްދީނަކު ނޫނެވެ. ހެޔޮ ވިސްނޭ އެންމެންވެސް އެކަމަށް ބާރު އަޅައެވެ.
އަނބިކަނބަލުން ރޮޒަލީން އަވަހާރަވެފައިވަނީ 2023 ވަނަ އަހަރުއެވެ. 1927 ވަނަ އަހަރު އުފަންވި ރޮރޮޒަލީން ޖިމީ ކާޓަރ އާއި ކައިވެނިކުރެއްވީ 1947 ވަނަ އަހަރުއެވެ. ވީމާ 76 އަހަރު އެކުގައި ދިރިއުޅުއްވިއެވެ. އެކަމަނާއަކީވެސް އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވި ބޭކަނބަލެކެވެ.
ޖިމީ ކާޓަރ އަވަހާރަވުމުން ދުނިޔޭގެ ގިނަ ބައަކު އެންމެ ގިނައިން ހާމަކުރީ ޖިމީ ކާޓަރ ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ވިދާޅުވެފައިވާ ހެޔޮ ބަސްތަކެވެ. ޔަހޫދީންނާއި ދެކޮޅަށް ދައްކަވާފައިވާ ވާހަކަފުޅުތަކެވެ. ގިނަ ނޫސްތަކުން ފާހަގަކޮށްފައިވަނީ ވެރިކަމުން ވަކިވެވަޑައިގެންނެވުމަށްފަހު އިންސާނިއްޔަތަށް ކުރެއްވި އަގުހުރި ޚިދުމަތްތަކެވެ. ޖީމީ ކާޓަރ އަކީ ޢުމުރުން 100 އަހަރު ދުނިޔޭގައި ހުންނެވި އެމެރިކާގެ ފުރަތަމަ ރައީސްކަންވެސް ބައެއް ނޫސްތަކުން ފާހަގަކުރިއެވެ.