ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޢަލީ މާހިރު އަވަހާރަވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޢަލީ މާހިރު އަވަހާރަވެއްޖެ

ހިސާބު ޢިލްމާއި ފަލަކީ ޢިލްމުގެ ދާއިރާއިން ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްފާޟިލް ޢަލީ މާހިރު އަވަހާރަވެއްޖެއެވެ. ޢަލީ މާހިރުގެ އުމުރުފުޅަކީ 90 އަހަރެވެ.

މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރެއްވި ޢަލީ މާހިރަކީ ޤައުމީ ފެންވަރުގައި ގިނަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ދިވެހި ކަލަންޑަރު އެކުލަވާލެއްވުމާއި، ދިވެހިރާއްޖޭގެ ނަމާދު ގަޑިތައް ތަރުތީބުކުރެއްވުން ހިމެނެއެވެ.

ގިނަ ބަޔަކު ޢަލީ މާހިރު ދަންނަނީ މޮޅު ހިސާބު ޢިލްމުވެރިއެއްގެ ގޮތުގައެވެ. އަމިއްލަ ޝައުޤުވެރިކަމުގެ ދަށުން ހިސާބު ޢިލްމު އުނގަންނައިދެއްވުމަކީވެސް އެމަނިކުފާނު ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ. މީގެ އިތުރުން، ޢަލީ މާހިރަކީ ސަރުކާރުގެ އިސް ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޢަލީ މާހިރުގެ "ނަވަތަ" ފޮތަކީ ރާއްޖޭގެ އެއިރުގެ ހުރިހާ ދަރިވަރުންވެސް ނަވަތަ ދަސްކުރި ފޮތެވެ. ފޮތުގެ ސައިޒުގެ ކިތަންމެ ކުޑަ ނަމަވެސް ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ދަސްކުރި އެއް ފޮތަކީ ނަވަތަ ފޮތެވެ. 

ޢަލީ މާހިރު އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. ދޮޅު އަހަރެއްހައި ދުވަހު އެނދުމަތިވެފައި އޮންނެވުމަށްފަހު އެވެ. ގިނަ ބައަކު ޢަލީ މާހިރު ފާހަގަކުރަނީ ބަސްފުޅު މަދު، ހިތްހެޔޮ، ވަރަށް ރިވެތިކޮށް ސާފު ހުދުހެދުންކޮޅުގައި ހުންނަވާ ބޭކަލެއްގެ ގޮތުގައެވެ. 

ޢަލީ މާހިރުގެ 2 ބޭފުޅުން އެބަތިއްބެވިއެވެ. 

މަރްޙޫމްގެ ފުރާނައަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން

 

މިއަދު އޮންލައިން