ނިމިގެން މިދިއައީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކުން ނަތީޖާ ނެރެވުނު އަހަރެއް! އަންނަ އަހަރު މާފުރިހަމަވާނެ އިން ޝާ ﷲ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 18ސ
ނިމިގެން މިދިއައީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކުން ނަތީޖާ ނެރެވުނު އަހަރެއް! އަންނަ އަހަރު މާފުރިހަމަވާނެ އިން ޝާ ﷲ: ޑރ. ޝަހީމް

މި އުފާވެރި ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

އާދެ މިއަދަކީ އަޅުގަނޑުމެންނަށް އަނެއްކާވެސް ހަމަ އުފާވެރި ދުވަހެއް. 2024 ވަނަ އަހަރުގެ އެންމެ ފަހު ދުވަސް މިއަދަކީ މީ ޑިސެމްބަރު 31 ވަނަ ދުވަސް. މާދަމާއިން ފެށިގެން އަޅުގަނޑުމެން މި ކުރިމަތިލަނީ މުޅިން އާ އަހަރަކާ، އާ ހިތްވަރަކާ، އާޖޯޝަކާއެކުގައި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ހަރުދަނާކަމާއި އާ ދިރުން ގެނައުމުގެ އާ ސޮފްޙާއެއް އާ މަރުޙަލާއެއް. ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ދިވެހިރާއްޖެއަށް ފެތުރުމުގެ މި މުހިއްމު މައްސޫލިއްޔަތު އަޅުގަނޑުމެންނާ ހަވާލު ކުރެވިފައިވާ ފަދައިން އެންމެ ފުރިހަމަ ގޮތުގަ އަޅުގަނޑުމެންގެ ޤާބިލްކަމާއި ކުޅަދާނަކަން ތަންދިން އެންމެ މަތީ ފެންވަރުގަ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި މައްސޫލިއްޔަތު އަދާކުރަމުން މި ގެންދަނީ ވަރަށްވެސް މަތިވެރި ޢަޒުމާއި އިޚްލާސްތެރިކަމާއެކުގައި ދިވެހި އުއްމަތުގެ ތެރޭގަ އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައި.

2024 ވަނަ އަހަރުގައި އަޅުގަނޑުމެން ވަނީ ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯގަ ބަޔާންވެފައިވާ ގޮތުގެ މަތީން ވަރަށް ގިނަ ކަންތައްތައް ހާސިލްކޮށްފަ. މިގޮތުން ދިވެހިރާއްޖޭގަ ޒަކާތަށް ޚާއްސަ އިދާރާއެއް ޤާއިމް ކުރުމާއި، މިސްކިތްތަކާއި ބެހޭ ޤައުމީ މަޖްލިސް އުފެއްދުމާއި، އަދި މިގޮތުން ގޮސް މެނިފެސްޓޯގައި ބަޔާންވެފައި ހުރި ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން ވަނީ ހާސިލް ކޮށްފަ.  

2024 ވަނަ އަހަރުގަ ސޮފްޙާތަކަށް އަޅުގަނޑުމެން ބަލާލާއިރުގަ، އަދި 2024 ވަނަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތުގެ ވާހަކަ މިއަދު އަޅުގަނޑުމެން ނިންމާލާއިރުގަ އަޅުގަނޑު ދންނަވާނީ އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރުގެ މަސެއްކަތްތަކެއް 2024 ވަނަ އަހަރުގަ އަޅުގަނޑުމެންނަށް ވަނީ ކުރެވިފައެވެ. އެކަމަށްޓަކާ އަޅުގަނޑު އުފާކުރަން. އަދި އެ މަސެއްކަތް ޙަޤީގަތަކަށް ހެއްދެވުމަށްޓަކާ މަސެއްކަތް ކޮށްދެއްވި މި ވުޒާރާގެ އެންމެހާ ލޮބުވެތި މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އަދި ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅުގައިވެސް ތިޔަ ލޮބުވެތި އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން.  

ޙަޤީގަތުގަ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރަމުން މިދަނީ ވަރަށްވެސް މަތިވެރި މަސައްކަތްތަކެއް. އެއީ މިރާއްޖޭގައި ކުރެވޭނެ އެންމެ މަތިވެރި މަސެއްކަތްތައް. އެއީ މިރާއްޖޭގެ އިސްލާމްދީނުގެ ކަންކަން ހަރުދަނާ ކޮށް އިސްލާމީ އަޤީދާ ފަތުރާ އިސްލާމީ ތަރުބިއްޔަތު ފަތުރާ އިސްލާމް ދީނުގެ މައްޗަށް ދިވެހި އުއްމަތް އާރާސްތު ކުރުން. މިއަށްވުރެ ވަކިން ބޮޑު މަސެއްކަތެއް އިންސާނުން ނުކުރާނެ. ސަބަބަކީ އިންސާނުންގެ ހިދާޔަތާއި ތެދުމަގު ގުޅިފައިވާ އެންމެ މުހިއްމު މަސެއްކަތަކީ އެންމެ މުހިއްމުކަމަކީ އިސްލާމް ދީނުގެ ހިދާޔަތުގެ މަސެއްކަތް. އެހެންވީމަ މި މަސެއްކަތް އަޅުގަނޑުމެން ކުރަންޖެހޭނީ ވަރަށް އިޚްލާސްތެރިކަމާއެކުގަ. އަދި މި މަސެއްކަތަކީ އަޅުގަނޑުމެންނާ ހަވާލުކުރެވިފައި އޮތް ވަޒީފާއަކަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިއޮތް މަތިވެރި ވާޖިބެއްގެ ގޮތުގައި ދެކިގެން މި މަސެއްކަތް އަޅުގަނޑުމެން ކުރަން ޖެހޭނީ. އިސްލާމްދީނުގެ އަޤީދާ ދިވެހިރާއްޖޭގައި ދެމެހެއްޓުމަށްޓަކައި ކުރެވޭ މަސެއްކަތަކީ އިންޝާﷲ އަޅުގަނޑުމެންނަށް ކާމިޔާބު ކަމާ އެކުގައި ކުރެވޭ މަސެއްކަތްތަކަކަށް ވާނެ.  

2024 ވަނަ އަހަރު އަޅުގަނޑުމެން ނިންމާފަ 2025 ވަނަ އަހަރަށް ކުރިމަތިލާ އިރުގައި މި ވުޒާރާގެ މަސެއްކަތްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރު ލެއްވުމާއި މި ވުޒާރާގެ ކަންތައްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ މީޑިއާތަކުން މި ވުޒާރާއަށް ދެއްވި ދީލަތި އެހީތެރިކަމަކީ އެއީ އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނައްތާލާނެ ކަންތައްތަކެއް ނޫން. މި ވުޒާރާގެ ޚަބަރުތަކާއި މައުލޫމާތުތައް ޚަބަރުތަކުގަ، ނޫސްތަކުގަ، އޮންލައިން ނޫސްތަކުގަ، ޓީވީ ޗެނަލްތަކުގަ ގެންނަނީކީއެއް ލާރި ދީގެން މާކެޓިންއަށް ޚަރަދު ކޮށްގެންނެއް ނޫން. މި ވުޒާރާގެ ހުރިހާ ޚަބަރުތަކާއި ހުރިހާ މައުލޫމާތުތަކާއި ހުރިހާ އިވެންޓެއް ރާއްޖޭގެ ހުރިހާ ނޫސްތަކާއި އަދި ހުރިހާ ޓީވީ ޗެނަލްތަކުން ގެންނަނީ ހަމަ އެ އޮންނަ އަޚުވަންތަކަމާއި ގާތް ގުޅުމުގެ ތެރެއިން އެފަރާތްތަކާއި މި ވުޒާރާއާއި މެދުގަ އޮންނަ މަތިވެރި ގާތް ކަމުގެ ސަބަބުން. އެހެންކަމުން އެ ހުރިހާ ފަރާތަކަށް އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.  

2024 ވަނަ އަހަރަކީ އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް. ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ޒަކާތު ފަންޑަށް ފައިސާ ލިބިގެން ދިޔަ އަހަރު. ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ގިނަ އަދަދަކަށް ޤުރުއާން ހިތުދަސްކުރި ޙާފިޒުން ނެރެވުނު އަހަރެއް. ދިވެހިރާއްޖޭގެ ތާރީޚުގައި އިސްލާމީގޮތުން ފާހަގަކުރެވޭ މުހިއްމު މަސެއްކަތްތަކެއް ކުރެވުނު އަހަރެއް. އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތައް ކުރެވިފައި މިވަނީ ފައިސާއެއްވެސް ނެތި. އެއީ އިޤްތިޞާދީ ދަތިކަމުގެތެރޭގަ އޮތްވާހަކަ މި ދަންނަވަނީ. އެހެންނަމަވެސް ދިވެހި ރައްޔިތުންނާއި އަދި އަޅުގަނޑުމެންގެ ގާތް ފަރާތްތަކުން އަޅުގަނޑުމެންނަށް ލިބުނު އެހީތެރިކަމުގެ ތެރެއިން އަޅުގަނޑުމެން އަތުގައި ލާރި ނެތްކަމުގެ އިޙްސާސްއެއް އަޅުގަނޑުމެންނަކަށް ނުކުރެވޭ. އަޅުގަނޑުމެން ވަނީ ވަރަށް ގިނަ ކަންތައްތައް ޙާސިލް ކޮށްފަ. 

2025 ގެ ތެރެއަށް އަޅުގަނޑުމެން ވަދެގެން މިދަނީ އާ ޢަޒުމަކާއެކު، އާ ހިތްވަރަކާ އެކުގަ. އަޅުގަނޑުމެންގެ 2025 ވަނަ އަހަރު ވެގެންދާނީ މި ވުޒާރާއަށް އަނެއްކާވެސް އުފާވެރި ދުވަސްތަކަކަށް. އަޅުގަނޑު ޔަޤީންކޮށް އުއްމީދު ކުރަނީ 2025 ވަނަ އަހަރުގަ އަޅުގަނޑުމެން އެ މަސެއްކަތްތަކެއް ކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މުހިއްމު މަސެއްކަތްތައް ކަމަށްވާ ވަޤުފް ބިލްޑިންގްތައް އާރާސްތު ކުރެވި ދިވެހިރާއްޖޭގެ ޒަކާތުގެ ހައުސް ބިލްޑިންގް އެޅި އަދި ވަރަށް ގިނަ އާ ކަންތައްތަކެއްގެ ތެރެއަށް އިސްލާމީ ވުޒާރާ ވަދެގެންދާނެ އަހަރަކަށް ވާނެ. މި ހުރިހާ މަސެއްކަތްތަކެއްވެސް އަޅުގަނޑުމެންނަށް މި ކުރެވެނީ އަޅުގަނޑުމެން އެންމެން އެކުގަ ތިބެގެން އެކުވެރިކަމާއެކު މަސެއްކަތް ކޮށްގެން. ރާއްޖޭގެ ހުރިހާ ޢިލްމުވެރިންނަށްވެސް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން މި ވުޒާރާއާއި މެދުގަ ރާއްޖޭގެ ޢިލްމުވެރިން ބަހައްޓަވާ ގާތްކަން، ދެއްވާ އެއްބާރުލެއްވުން. އިސްލާމީ ޖަމިއްޔާތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި ސިޓީ ކައުންސިލްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުރިއަށް އޮތް ތަނުގަވެސް އަޅުގަނޑުމެންނަށް އިސްލާމީ އެކިއެކި ދާއިރާތަކުން މަސެއްކަތް ކުރެވޭނީ އަޅުގަނޑުމެން އެންމެން އެކުގަ ތިބެގެން މަސެއްކަތް ކޮށްގެން. މިއަދު އަޅުގަނޑުމެން އިފްތިތާޙް މިކުރެވޭ ޕްރޮގްރާމްތަކުގެ ތެރޭގަ، ޕްލޭންތަކުގެ ތެރޭގަ ވަރަށް މުހިއްމު ވިސްނުން ތަކެއްގެ ތެރެއިން މި ޕްލޭންތައް އަޅުގަނޑުމެން އެކަށައަޅާފައި މިވަނީ.  

(ނިމިގެންދިއަ 2024 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ކުރި މަސައްކަތްތަކާއި 2015 ވަނަ އަހަރަށް ރޭވިފައިވާ ކަންކަން ހާމަކުރަން މިއަދު އެމިސްޓރީގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން)

މިއަދު އޮންލައިން