އާއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ކިޔައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އާއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ކިޔައިފި

2025 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ކިޔައިފިއެވެ. މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ ލުއިސް އެވެ.

ލުއިސް ރާއްޖެ އައިސްފައިވަނީ އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅާ އެކުގައެވެ. މިއީ ލުއިސް ރާއްޖެއަށް ޒިޔާރަތްކުރި 11 ވަނަ ފަހަރެވެ. މިހާ ގިނަ ފަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވުމުގެ ސަބަބުން ލުއިސްގެ ހިތުގައި ރާއްޖެއާ މެދު ވަނީ އާއިލީ ގާތްގުޅުމެއް އުފެދިފައެވެ. އަދި އޭނާ ރާއްޖެ ސިފަކުރަނީ އޭނާގެ ދެވަނަ ގެއެއްގެ ގޮތުގައެވެ.

ލުއިސްގެ އާއިލާއަކީ ފީނުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާ އާއިލާއެކެވެ. ލުއިސް ފާހަގަކުރި ގޮތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންނާ މެދު އޭނާގެ ހިތުގައި ވަނީ ޚާއްސަ ގުޅުމެއް އުފެދިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ލުއިސްއަށާއި އޭނާގެ އާއިލާއަށް މަރުޙަބާ ކިޔުމުގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. މި ރަސްމިއްޔާތުގައި އެއަރޕޯޓުގެ އިސްވެރިންނާއި ޓޫރިޒަމް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއަރުވައި، ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން