މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަހަރުގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ކެމްޕޭން "ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ގެ ނަމުގައި ފަށައިފިއެވެ. މި ކެމްޕޭން ލޯންޗްކޮށްފައިވަނީ ނިމިގެންދިޔަ ޑަބްލިއުޓީއެމް ލަންޑަން ފެއަރގެ ތެރެއިންނެވެ.
މި ކެމްޕޭންގެ ދަށުން، ކޮންމެ މަހަކު ސޯޝަލް މީޑިއާ މެދުވެރިކޮށް މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތްތަކުގެ ނަސީބުވެރިންނަށް ކޮންމެ ހަފްތާއަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެމްއެމްޕީއާރުސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކެމްޕޭންގެ ދަށުން ޖުމްލަ 52 ޗުއްޓީ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ މުބާރާތެއްގައިވެސް ރާއްޖޭގެ ތަފާތު ޚާއްޞަ ސިފަތަކަށް އަލިއަޅުވާލާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، ސާފު މޫދާއި، ޤުދުރަތީ ރީތިކަމާއި، މުއްސަނދި ސަގާފަތާއި، ތަފާތު ކަނޑުގެ ދިރުންތައް ހިމެނެއެވެ. މީގެ އިތުރުން، ލަގްޒަރީ، ފެމިލީ، ޑައިވިންގ އަދި އެހެނިހެން ހިތްގައިމު ސެގްމެންޓްތަކަށްވެސް އަލިއަޅުވާލެވޭނެއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވެފައިވާ ގޮތުގައި، "ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ ސޯޝަލް މީޑިއާގެ ޒަރީޢާއިން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުޤުވެރިކުރުވުމެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސަބަބުން، ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތު ހިތްގައިމުކަން ދެނެގަނެ، އެ ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން، ރާއްޖެއަކީ އަހަރުގެ ކޮންމެ އިރެއްގައިވެސް ޒިޔާރަތްކުރެވޭނެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވިގެންދާނެއެވެ.
މި ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.