ނުހަނު ބަލިޙާލުކޮޅުގަ އޮންނެވިއިރުވެސް މަލާއިކަތުންގެ ސަލާމްގެ އަޑު އިވިވަޑައިގަންނަވާކަމަށް އިޙްޞާޞްކުރެއްވެވުނު ޞަޙާބީގެ ވާހަކައާ އެކަމުގެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ނުހަނު ބަލިޙާލުކޮޅުގަ އޮންނެވިއިރުވެސް މަލާއިކަތުންގެ ސަލާމްގެ އަޑު އިވިވަޑައިގަންނަވާކަމަށް އިޙްޞާޞްކުރެއްވެވުނު ޞަޙާބީގެ ވާހަކައާ އެކަމުގެ ސަބަބު-

ދުނިޔޭގައި ހުއްޓައި މީހަކަށް މަލާއިކަތުންގެ ސަލާމްގެ އަޑުއިވުމަކީ ކޮންފަދަ ބޮޑު އުފަލެއް ހެއްޔެވެ؟ އެކަމުގެ ފައިދާ އެންމެ ހެޔޮ ގޮތުގައި އެމީހަކަށް ކުރާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިކިޔައިދެނީ އެ މަތިވެރި ނިޢުމަތް އިން ޝާ ﷲ ތިބާއަށްވެސް ލިބެން އޮތް ގޮތުގެ ވާހަކައެވެ.  

އިބްން ހަޖްރް ވިދާޅުވެފައިވެއެވެ. އިމްރާން ބިން ޙުސައިން (ރޢ) 30 އަހަރު ބަލިޙާލުކޮޅުގައި  އެނދުގައި ދުވަސްތަކެއް ހޭދަކުރެއްވެވިއެވެ. ހާލުކޮޅު ދަށްވަމުން ގޮސް އެނދުން ލޯވަޅުކަނޑައިގެން ޙާޖަތްކުރައްވަވައި ހެއްދެވިއެވެ.  

އެނގިފައިވާ ގޮތުން އެކަލޭގެފާނަކީ ކޮޅަށްހުރެ ނަމާދުނުކުރެވޭނަމަ އިށީނދެ އިނދެގެން ނުވަތަ އޮށޯވެ އޮވެގެންވެސް ނަމާދުކުރުމަށް އޮތް ޙަދީޘްފުޅު ރިވާކުރެއްވެވި ޞަޙާބީއެވެ.   

Hadith No: 218
Narrated/Authority of Imran bin Husain

had piles, so I asked the Prophet about the prayer. He said, "Pray while standing and if you can't, pray while sitting and if you cannot do even that, then pray Lying on your side."  

އެހައިގިނަ ދުވަހު އެހާލުކޮޅުގައި އޮންނަވަން ޖެހިވަޑައިގަތުމުން، ޒިޔާރަތްކުރާ އެކުވެރިން އެކަމަށް ކަންބޮޑުވެ ހިތާމަކުރައްވާތީ ވިދާޅުވެފައިވެއެވެ. "އަހުރެން އަހުރެންގެ ޙާލާއިމެދު ކަންބޮޑެއް ނުވަމެވެ. އަހުރެންނަށް އުފުލަންޖެހިފައިވާ ތަކްލީފަށް ކެތްތެރިވުމުގެ ރަޙްމަތް އަހުރެންނަށް އިޙްޞާޞްކުރެވެއެވެ. މަލާއިކަތުންގެ ސަލާމްގެ އަޑު އިވޭކަމަށް އިޙްޞާޞްކުރެވެއެވެ."  

މިހިރީ ހަމަ އަހަރެމެން ފަދަ އިންސާނުންނަށް ﷲ ތަޢާލާ ދައްކަވާފައިވާ ކަންކަމެވެ. ތަފާތަކީ ތަޤްވާވެރިކަމެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ދިނުމާއި ނުދިނުމެވެ. ނަމާދުތަކަށް ރައްކައުތެރިވުމާއި ނުވުމެވެ.  

އިސްވެދިއަ ކަންކަމަށް ބަލައި ބުނެލަންއޮތީ ކޮންމެ ޙާލެއްގައިވެސް ކެތްތެރިކަން އިސްކުރާށެވެ! އަދި ކޮންމެ ޙާލެއްގައިވެސް ނަމާދުކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދުކުރާށެވެ! އިމްރާން ބިން ޙުސައިން ފަދައިން ޢަމަލުކުރެވިއްޖެނަމަ ހަމަ އަހަރެމެންގެ ގާތަށްވެސް ރަޙްމަތުގެ މަލާއިކަތުން ފޮނުއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން