ޢިބްރަތްތެރި ވާހަކަ: ދަރިފުޅުގެ ބައްޕަ އޮޅުވާލެވުނު ކަމުގެ ހިތާމަ މުޅި ޢުމުރަށް ކުރަންޖެހުނު މަންމައެއްގެ ވާހަކަ- މަންމަމަގެ ދުލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ޢިބްރަތްތެރި ވާހަކަ: ދަރިފުޅުގެ ބައްޕަ އޮޅުވާލެވުނު ކަމުގެ ހިތާމަ މުޅި ޢުމުރަށް ކުރަންޖެހުނު މަންމައެއްގެ ވާހަކަ- މަންމަމަގެ ދުލުން!

ފާއިޒާއަށް ކައިވެނިކުރެވުނީ ތަނަވަސް ފިރިހެނަކާއިއެވެ. ތަނަވަސް ކަމުގެ އިތުރުން އޭނާ އަކީ އަޚްލާޤް ރަނގަޅު، ހެޔޮލަފާ މީހަކުކަމުގައިވުމުން ދެމަފިރިން ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. މައްސަލަ ޖެހުނީ ފުރަތަމަ ދަރިފުޅު ލިބުމުންނެވެ. ލިބުނު ދަރިފުޅު ދެމީހުންކުރެ އެކަކާއިވެސް ވައްތަރުނުވުމުންނެވެ. އަދި ދެމީހުންގެ ޢާއިލާގެ މީހަކާއި ވެސް ވައްތަރުނުވުމުންނެވެ. ގައިގެ ކުލަވެސް މުޅިން ތަފާތުވުމުންނެވެ. 

ދަރިފުޅު ޤަބޫލުކުރަން ފިރިމީހާއަށް އުނދަގޫވިއެވެ. ދެމަފިރިންގެ މެދުގައި ހޫނު ބަހުސްތައް ކުރެވެމުންދިއައެވެ. ފާއިޒާ ހުވާކޮށްފައި ބުނަމުން ދިއައީ އޭނާ ދުވަހަކުވެސް ލޯބިވެރިއަކު ނުގެންގުޅޭ ކަމަށާއި ފިރިމީހާ ނޫން އެއްވެސް މީހަކާއިއެކު އެއްވެސް ގުޅުމެއް ނުހިންގާ ކަމަށެވެ. ހުވާކުރާއިރުވެސް އެކަން ޤަބޫލުކުރަން ފިރިމީހާއަކަށް ފަސޭހައެއް ނުވިއެވެ. 

ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެމުންގޮސް ކައިވެނިރޫޅުމާއި ހަމައަށްދާން ގާތްވުމުން ފާއިޒާގެ މަންމައަކަށް ކެތެއް ނުކުރެވުނެވެ. ފާއިޒާގެ ދެމަފިރިންނާއި ބައްދަލުކޮށް ޙަޤީޤަތް ކިޔައިދިނެވެ. 

"ދަރިންނޭވެ! ކުށަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ އެއްޗެކެވެ. ކުށްކުރެވުނީ މަންމައަށެވެ. ފާއިޒާއަކަށް ނޫނެވެ. މިމަންމައަށެވެ. ފާއިޒާގެ ބައްޕައަކީ ސިއްރެކެވެ. ނަމަވެސް ބުނަން ޖެހުނީމާ މިބުނަނީއެވެ. ދެދަރިން ބޭނުންނަމަ ފާއިޒާގެ ބައްޕަ ދައްކައިފާނަމެވެ. ފާއިޒާގެ އަޞްލު ބައްޕައާއި ތިއަ ދަރިފުޅު އެއްވެސް ތަފާތެއް ނެތެވެ. ޙަޤީޤަތަކީ ފާއިޒާއަކީ މަންމައަށް ކުރެވުނު ކުށަކުން ލިބިފައިވާ ދަރިއެއްކަމެވެ. 

ދެކުދިންގެ ކައިވެނި ރޫޅޭ ޙާލަތަށް ކަންކަން ދިއުމުން މިކަން ސިއްރުކޮށްގެން ހުރެއްޖެނަމަ އެއީ ދެދަރިންނަށްވެސް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށްވާތީ ފަޟީޙަތްވިނަމަވެސް ޙަޤީޤަތް މިކިޔައިދިނީއެވެ. މަންމަ މިހިރީ ތައުބާވެގެންނެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ." 

އެހިސާބުން ދެމަފިރިންވެސް ބޭނުންވީ ފާއިޒާގެ އަޞްލު ބައްޕަ ދެކެލުމަށެވެ. އެހެންވެ ގެއަށް ގެނެސް ބައްދަލުކުރުމުން މަންމަ ދެއްކި ވާހަކަތައް ޤަބޫލުކުރެވުނެވެ. ބައްޕަ އާއި އެއްވެސް ތަފާތެއް ނެތެވެ. ބައްޕަވެސް އެވާހަކަތައް ކިޔައިދިނެވެ. އަދި ކުރެވުނު ކުށަށް ތައުބާވެގެންހުރިކަމަށްވެސް ބުންޏެވެ. 

ފާއިޒާއަށް އެކަންކަން ވެގެންދިއައީ ޒަލްޒަލާއެއް ފަދަ ކަމަކަށެވެ. އެއީ ބައްޕަ ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. އެފަދަ މީހަކީ އަޞްލު ބައްޕަ ނޫންކަން އެނގުމުން ވަރަށް ދެރަވިއެވެ. ނަމަވެސް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ. އެހެންކަމުން ފާއިޒާ ވިސްނީ ގެންގުޅެ ބޮޑުކުރި ބައްޕަ ދެކެ ލޯބިވަމުން ގެންދިއުމަށެވެ. އަދި އަޞްލު ބައްޕައަށްވެސް އިޙްތިރާމްކުރުމަށެވެ. 

އެހިސާބުން ދެމަފިރިންގެ މެދުގައި ޖެހިފައި އޮތް މައްސަލަ ޙައްލުވިއެވެ. އަނބިމީހާގެ އެއްވެސް ކުށެއް ނެތަކަން އެނގުމުން ފިރިމީހާ އަނބިމީހާއަށް ކުރިއެކޭ އެއްފަދައިން ލޯބިދޭން ފެށިއެވެ. އަލުން ލޯބިން އެކުގައި ދިރިއުޅެން ފެށިއެވެ. ދެމަފިރިންވެސް މަންމަގެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވިއެވެ. 

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ފާއިޒާގެ މަންމައެވެ. އަޅުގަނޑަށް ކުރެވުނު ކުށަކީ އަނހެނަކަށް ކުރެވޭނެ އެންމެ ބޮޑު ކުށް ކަމަށް ޤަބޫލުކުރަމެވެ. ޒުވާން ޢުމުރުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން ކުޑަވުމުން އަޅުގަނޑަށް އެބޮޑު ކުށް ކުރެވުނީއެވެ. އެކަމުގެ ނަތީޖާވެސް މިކިޔައިދިނީއެވެ. 

ކުށް ކުރެވުނު ނަމަވެސް އަޅުގަނޑަކީ އަބަދުވެސް ރަނގަޅަށް އުޅެން މަސައްކަތްކުރި އަންހެނަކީމެވެ. ފާފަކުރެވުމުން ތައުބާވީމެވެ. ފިރިމީހާއަށް އެވާހަކަ ކިޔައިދިނީމެވެ. އޭނާ އަޅުގަނޑަށް މާފުކުރިއެވެ. ފިރިމީހާ އަޅުގަނޑު ވަރިކޮށް އަލުން ކައިވެނިވެސް ކުރިއެވެ. އުންމީދުކުރަނީ ﷲ އަޅުގަނޑަށް ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށެވެ. 

އަޅުގަނޑު ބުނެލަން އޮތީ ކުށެއް ކުރެވުނަސް ، އެކުށް ސިއްރުކުރެވިފައި އޮތަސް ހާމަކުރަންޖެހުމުން ހާމަކުރާށެވެ. ދުނިޔޭގައި ލިބިދާނެ ފަޟީޙަތަކަށް ބިރުނުގަންނާށެވެ. އެއިރުން ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އަޅުގަނޑުގެ މުޅި ޙަޔާތުގައިވެސް ކުރެވުނު އެންމެ ކުށުގެ ޝަޒާ އަޅުގަނޑަސް ލިބިއްޖެއެވެ. ފާފަ ކުރެވުނު މީހެއްގެ ހައިޞިއްޔަތުންވެސް ބުނެލަން އޮތީ މިފަދަ ފާފަތައް ނުކުރާށެވެ. ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ. އަޅުގަނޑަށް ދިރިއުޅުމުގައި ދެރަނިކަމެތި ގޮތެއް ކުރިމަތިނުވިނަމަވެސް ހިތުގައި އަޅާވޭން އެނގޭނީ ހަމަ އަޅުގަނޑަށެވެ. އެންމެން މާފުކުރުމުންވެސް ހިތް ހީވަނީ ހަމަ އަލިފާނުން އަނދާހެންނެވެ. 

- ސަކީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން