ވަރަށް ފަރުވާތެރިކަމާއިއެކު ނަމާދުކުރާ އެކުވެރިބުނެފައިވެއެވެ. "އިންސާނަކަށްވީތީ އަހުރެންނަށްވެސް ބައެއް ފަހަރު ކުދިފާފަ ކުރެވެއެވެ. ކިތަންމެ ކުޑަކުޑަ ފާފައެއް ކުރެވުނަސް ވިއްދައިގެން ވަޤުތުން ސުންނަތް 2 ނަމާދުކުރަމެވެ. 2 ރަކްއަތެއް ނޫނެވެ. 2 ރަކްޢަތުގެ ދެ ނަމާދެވެ. އެހެންވެ އަހުރެން ޤަބޫލުކުރާ ގޮތުގައި ޝައިޠޯނާ ހުންނަނީ އަހުރެން ދެކެ ވަރަށް ރުޅިގަދަވެފައެވެ. ކަންބޮޑުވެފައެވެ. އެއީ ފަހަރެއްގައި ފާފައެއް ކުރެވުނަސް ވިއްދައިގެން އޭތި އެންމެ ރުޅިއަންނަ ކަންތައް (ސަޖިދަކުރުން) އަހުރެންކުރާތީއެވެ."
އޭނާ ބެފައި އެވަނީ ވަރަށް ތެދު ބަހެކެވެ. މިކުރަނީ ނަމާދުކަން ދަނެގެން، ނަމާދަށް ދޭންޖެހޭ ޤަދަރުދީގެން ނަމާދުކުރާ މީހަކަށް ތިބާވެސް ވާށެވެ! އެއިރުން ޝައިޠޯނާއަކަށް ކައިރިއެއް ނުވެވޭނެއެވެ. މިހެން ބުނަންޖެހެނީ މިބުނި މަގުން ނަމާދުކުރާނަމަ އެމީހާ ފާފަކުރުމުން ދުރުހެލިވެ ހުރެވޭނެތީއެވެ. އެކަން އެނގެނީ ޤުރްއާނުންނެވެ.
ﷲ ގެ ވަހީބަސްފުޅުގައިވަނީ މިފަދައިންނެވެ.
" ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ." (އަލް ޢަންކަބޫތު: 45)
ޝައިޠޯނާ މީސްތަކުންނާއި ކައިރިވެ ވަސްވާސްދެނީ ކީއްކުރަންހެއްޔެވެ؟ މީސްތަކުން ލައްވައި ފާފުކުރުވުމަށެވެ. އެމީހަކު ލައްވައި ފާފަނުކުރުވޭނެނަމަ އެމީހަކާއި ކައިރިވުމުގެ އެއްވެސް ބޭނުމެއް ޝައިޠޯނާއަކަށް ނުއޮންނާނެއެވެ.
ނަމާދުކުރާ ބައެއް މީހުންނަށް ފާފަކުރެވޭތީ ފެންނާނެއެވެ. އެއީ ހަމަ ނަމާދުކުރިނަމަވެސް ނަމާދަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ނުދެވޭތީއެވެ. މިމޭރުމުން މިބުނަނީ ކިތަންމެ ބޮޑަށް ސަމާލުކަންދީގެން ނަމާދުކުރާ މީހަކަށްވެސް ފާފައެއް ނުކުރެވޭނެ ކަމަށްބުނާކަށް ނޫނެވެ. ފާފައެއް ކުރެވުމާއި ފާފަކުރުމާއި އެއީ މުޅިންތަފާތު ދެކަމެކެވެ.
މީސްތަކުންނޭވެ! ކުރާ ނަމާދަށް ސަމާލުކަންދޭށެވެ. މިކުރަނީ ނަމާދުކަން ދެނެގެން ނަމާދުކުރަން މިބުނަނީ ނަމާދުކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކިހައި މަތިވެރިކަންބޮޑު ޢަމަލެއްކަން ދަނެގެން، އެކަން ހިތްމައްޗަށް ގެނެސްގެން ނަމާދުކުރުމަށެވެ. އާޔަތުގައި އެންމެ ފަހު ބަސްފުޅަކަށް އެއޮތީ "-- އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ." މިފަދައިންނެވެ.
މިބަސްފުޅު ނަމާދާއި ގުޅުވައިލާށެވެ! އެއީ ތިމާ ނަމާދުކުރާގޮތް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަމާއި ނަމާދަށްދޭ ސަމާލުކަން ދެނެވޮޑިގެންވާކަން ކަމުގައި ހިތަށް ގެނުވާށެވެ. އެއިރުން ނަމާދަށް ދެވޭ ސަމާލުކަމާއި ނަމާދުކުރުމުގައިދެވޭ ސަމާލުކަން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން